(26 ސެޕްޓެމްބަރ 2017 އާ ގުޅޭ) -- ލައިލާ މަޖުނޫނުދެކެ ވީލޯތްބަށްވުރެ އަހަރެން އަޒާންދެކެ ވާލޯބި ބޮޑުކަމާމެދު ދަޢުވާކުރަން ކެރިދާނެއެވެ. އެހެނީ މިހިތްއެކަންޏެއް ނޫނެވެ. މުޅިހަށިގަނޑުވެސް އަޒާންއަށް ފިދާވާނެއެވެ. ހިތްހަމަޖެހުމާއެކު ދެން މިދަނީ ނިދަންށެވެ. ދަމުން ތިއެކުވެރިޔާއަށްވެސް އަޒާންއަށްވެސް ބާއްޖަވެރިރެއަކަށް އެދެމެވެ. ފޮނި ހުވަފެންތަކެއް ފެނި، އެ ހުވަފެންތަކުގައި ކުލަޖެހެން ބޭނުންވާ ހާލުގައެވެ. މިފަދަ ވަގުތެއްގައި އަހަރެންގެ ހިތާއި ސިކުނޑީގައި ކުޅެވެމުންދިޔައީ އެންމެ ލަވައެކެވެ. އެ ހިތްގައިމު ރާގާއި ޖާދުވީ ބަސްތަކެވެ.
"ނޫރޭމީ ލޯބިން ދިއްލި އުޖާލާ
އުފަލުންމި ލޯބިން އުޖާލާވާ
. . . . . . . . . . . . . . . .
ލޯބި ހިތުގާ މިހާރު
ދޭނުތޯއޭ ކިޔާ
ބާރު ރޫހީ ޚިޔާލު
ނޫރު ދިއްލޭ ބަހާރު
އިޝްގު ހަޒާނާމީ ފަރިވާނޭ
އުޅެވޭ މިލޯބި ޒަމާނޭ
. . . . . . . . . . . . . . . . .
އުޑުގެ ތަރިތައް މިހާރު
ބަރިއަކަށް އެތުރިފާ
ލޯބި ލޯބިން ތިބީ
ފެނިފަ މިތުރާގެ މޫނު
ފޮޅިގެންފި ޔާރާ ހިނިތުންވެލާތީ
މިތުރާގެ ޗާލު ކަމާއޭމީ"
* * * * *
ޔާނާ ޑައިރީ ލައްޕާލަމުން ޒޭނަށް ބަލާލިއެވެ. ލޯބިވެތި ގޮތަކަށެވެ. އޭރު ޒޭންގެ މޫނުމައްޗަށްވެސް ވެރިވެފައިވަނީ ހިނިތުންވުމެކެވެ. އެކަމަކު އެއީ އެހިތުގައި އުފެދެމުން ދިޔަ ހިޔާލުތަކާއިއެކު އެމޫނަށް ވެރިކުރުވާފައިވާ ހިނިތުންވުމެކެވެ. މަރާލެވިފައިވާ ދެލޯ ހުޅުވާލީ ޔާނާ ބަލާކަން އެނގިގެނެއްނޫނެވެ. ޔާނާ ޑައިރީ ކިޔުން ހުއްޓާލީމައެވެ. އެޑައިރީ އެދެހިތުގެ ތެޅުމާވެސް ކުޅެލައިފި ކަހަލައެވެ.
"ޝީ އިޒް ވެރީ މަޗް އިން ލަވް" ޔާނާ ހިނިތުންވެލުމާއެކު އެ ޑައިރީގެނެސް މޭގާ ޖައްސާލަމުން ބުނެލިއެވެ. ޔާނާ ބުނެލި އެއްޗަކާއި ޒޭން ވެސް އެއްބަސްވިއެވެ.
"ޝީ އިޒް ސޯ ޑިފަރެންޓް، މުޅިން އެހެން މީހެއްހެން ހީވަނީ" ޒޭން ތެދުވެ ޔާނާގެ ގާތުގައި އިށީންނަމުން ބުނެލިއެވެ.
"ޒޭން، އަހަރެން ބައްޕަ ގާތު ބުނިން އިރުއޮއްސި މާ ލަސްނުވަނީސް ގެއަށް ދާނަންކަމަށް، އެކަމަކު އަދިވެސް މި އިނީ މިންނުގެ ޑައިރީ ކިޔާލާހިތުން" ޔާނާ ބުނެލިއެވެ.
"ދެން ނުދޭ... މަޑު ކުރޭ ކިޔަން! އަހަރެން ވެސް ބައްޕަ ގާތަށް ހޮސްޕިޓަލަށް ދެންދާނީ، ޔާނާ އަންނަންވީނު އަހަންނާއެކު ހޮސްޕިޓަލަށް، އޭރުން ޔާނާގެ ބައްޕަ އޯކޭވެދާނެ" ޒޭން ހިޔާލު ދިނެވެ.
"އާނ! ތީ ރަނގަޅު ގޮތެއް، އެކަމަކު އެންމެ ލަސްވެގެން ރޭގަނޑު އެގާރަ ޖަހަންވާއިރަށް އަހަރެން ކޮންމެ ގޮތެއް ހަދާފައި ވެސް ހުންނާން ޖެހޭނީ ގޭގައި" ޔާނާ ދެރަވެލާފައި ބުނެލިއެވެ.
"ތީ ޔާނާ ބައްޕައަށް ވެސް އަޒާން ކިޔާތީ ވާގޮތް ކަންނޭގެ، އެގާރަ ޖަހާއިރަށް ގެއަށް ވަންނަން ޖެހެނީ" މިހެންބުނެ ޒޭން ހީނލިއެވެ. އޭނާ އެނދުން ފައިބާ އަލަމާރިއާ ދިމާއަށް ދިޔައެވެ.
"ދެން ޒޭން، އެއީ މަގޭ ބައްޕައޭ......" ޔާނާ ގާތަށް ހިނިއައި ކަމުގައިވިޔަސް ބުނެލިއެވެ.
"ކޮބާތަ މީގަ ގޯސް އެއްޗެއް ބުނެވިފަ......ދެން ހިނގާ ހޮސްޕިޓަލަށް ދަމާ، ޑައިރީ ހިފައިގެން ދާނީ" ޒޭން ބުނެލިއެވެ. އަދި އަލަމާރިން ޓީޝާޓެއް ނަގާ ލިޔެވެ.
ހުސްނާއަށް މީހަކު ވަންއަޑު އިވިގެން ފަހަތަށް ބަލާލެވުނެވެ. ޒޭން އާއިއެކު ހުރި ޔާނާ ފެނުމުން ހުސްނާގެ ހިތަށްވެސް އެހެންކަހަލަ ހިޔާލެއް ވަނެވެ. އެދެކުދިން ކިހާ ގުޅޭހޭ ހުސްނާ ހިތަށްއެރިއެވެ. އަދި އެއާއެކު ޔާނާ އަދިވެސް ގެއަށް ނުދަނީކަން އިނގުނެވެ.
"ދައްތަ ހީކުރީ ދަރިފުޅު ރޭގަނޑު ކައިގެން ކަމަށް އަންނާނީ" ހުސްނާ ތެދުވަމުން ބުނެލިއެވެ.
"މިކޮޅުންވެސް ކާލެވިދާނެ، ދައްތަ މިހާރު އިންނާނީ ވަރަށް ވަރުބަލިވެފައެއްނު، ދެން ދޭ އަވަހަށް ގެޔަށް، އަހަރުމެން މިތާ މަޑުކުރާނަން، ބުނައްޗޭ ޖަމީލު ގާތު ދިހަގަޑި ބައިވަން ވާއިރަށް އަނައްޗޭ" ޒޭން ހުސްނާގެ ކޮނޑުގައި ހިފައިގެން ދޮރާ ދިމާލަށް ދިޔައެވެ.
ޔާނާ އެތަނުގައިވި ބޮޑު ސޯފާގައި ދަބަސް ބަހައްޓަމުން ހަމަޖެހިލިއެވެ. އަދި ޒޭން އަންނަން ވާއިރަށް ޑައިރީނަގާ ކިޔަންވީ ހިސާބު ފާހަގަކޮއްލިއެވެ. ޔާނާ އަނެއްކާވެސް އޭނަ ގެންގުޅޭ ބޮޑު ދަބަހުގެ ތެރެ ބަލަމުންދަނިކޮށް ޒޭން އައިސް ކޯޗެއްތޯ ތިހޯދަނީ އަހާލިއެވެ.
"މަގޭ ލޯ މިހޯދަނީ، އެއާ ނުލާ ކިޔާ ކިޔާ މިހާރު ލޮލަށް ތަދުވަން ފަށައިފި، އެހެންވެ" ޔާނާ އޭނަ ފޮތް ކިޔުމަށް އަޅާ އައިނު ދަބަހުން ހޯދަމުން ބުނެލިއެވެ.
ޒޭން ހައިކަލްގެ ގާތުގައި ގޮސް ހުއްޓިލިއެވެ. ހައިކަލްގެ އަތްތިލާގައި ފިރުމާލީ އާދައިގެ މަތިންނެވެ. މިފަހަރު އޭނަ ހައިކަލް ގާތު ކުރާނެ ޝަކުވާތަކެއްނެތެވެ. އެމޫނުގައިވި ފަނޑު ހިނިތުންވުން ރަމްޒުކޮއްދެނީ ކީކޭ ކަމެއް ނޭގެއެވެ. ހަގީގަތް އިނގެން ބޭނުންވެފައިވަނީކަންވެސް ނޭގެއެވެ. ހީކުރެވޭ ހީކުރުންތަކަށްވުރެ ކަމެއް ޔަގީންކުރަން ޒޭން ބޭނުންވަނީއެވެ.
ޔާނާގެ ގާތުގައި ގޮސް އިށިންނަންމުން ކިޔަން ފެށުމަށް ޒޭން އެދުނެވެ. ޔާނާ ފުންނޭވާއެއް ބޭރުކޮއްލުމާއެކު މިންނުގެ ޑައިރީ ކިޔަންފެށިއެވެ.
* * * * *
މިންނުގެ ޑައިރީ:
އޯ، އެއްގޮތަކަށްވެސް އަހަރެން ތިއެކުވެރިޔާމަތިން ހަދާން ނެތުނީކީ ނޫން، އެކަމަކު އަހަންނަށްވަނީ ލޯތްބޭ މިކިޔާ އެއްޗެއް ވެވިފަ، އޭގެވެސް އިންތިހާ ދަރަޖައަށެވެ. މި ވޭތުވެދިޔަ ދެހަފްތާ ތެރޭ ތިއެކުވެރިޔާއަށް އެއްވެސް ކަމެއް އަންގާލާނެ ފުރުޞަތެއް އަހަރެންގެ ހިތެއް ނުދިން، އެހިތް އަބަދުމެ ބޭނުންވަނީ އަޒާންގެ އަޑުއަހަން، އޭނަ އާއިއެކު ވަގުތު ހޭދަކުރަންށެވެ. އަހަރެން ކިޔާދެން ބޭނުންވާ ވަރަށް ގިނަ ވާހަކަ އެބަހުއްޓެވެ.
ކޮންމެ ރެއަކީ މިހާރު އަހަރެންނާ އަޒާންގެ ލޯތްބަށް އިތުރު ކުލަތަކެއް ޖެހެމުންދިޔަ ރޭތަކެކެވެ. ކޮންމެ ދުވަހެއްގެ ހެދުނުގެ ތާޒާކަމާއިއެކު އަހަންނާ ބައްދަލުވާ މީހަކީ މިހާރު އަޒާން ކަމުގައި ވެއްޖެއެވެ. އޭނަ އަހަރެން ބަލާ ކޮންމެ ދުވަހެއްގެ ހެދުނު އާދެއެވެ. އަހަރުމެން އޮފީހަށް ދަނީ އެކީގައެވެ. ނިމިގެން އަންނަނީ އެކީގައެވެ.
މިހާރު އޮފީސްތެރޭ ދެކެވޭ އެންމެ ހޫނު ވާހަކައަކީ އަހަރެންނާއި އަޒާންގެ ވާހަކައެވެ. އެކުގައި އުޅޭ އަންހެން ކުދިންތައް އެއީތެދެއްތޯ އަހަންވެސް ފަށައިފިއެވެ. އެކަމުގައި އެންމެ ފޯރި ހިފާލާފައި ހުންނަނީ ފަޒްލާއެވެ. އޭނަގެ މޫނުމަތިން ކުޑަކޮށް ހިތްހަމަނުޖެހުން ފާޅުވެއެވެ. އަހަރެން ގާތު، އޮފީހުގެ ކޮންމެ މީހަކާ ރައްޓެހިވިޔަސް އަޒާންއާއި ރައްޓެހި ނުވުމަށް ބުނެއެވެ. އޭނައަކީ ވަރަށް ފީކަޅާ މީހެއްކަމުގައި ފަޒްލާ ބުނަމުންދިޔައެވެ. އަހަރެން އެފަދަ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުބަހައްޓަމެވެ. އަޒާން އާއި އަހަންނާއި ދެމެދު އޮންނަ ގުޅުމަކީ އަހަރުމެން ދެމީހުންގެ އިތުބާރުގެ މައްޗަށް އުފެދިފައިވާ ގުޅުމަކަށްވާތީއެވެ. އަދި އިނގޭ ހެއްޔެވެ. މިހަބަރު ލިބުމުން އެންމެ އަސަރު ކުރީ އޮފީހުގައި އުޅޭ ހަސަނަށެވެ. އޭނަ ހުންނަނީ ވަރަށް ދެރަވެފަ ހުންނަ ގޮތަކަށެވެ. އަހަރެންނާއެކު އުޅޭ އެހެން ކުދިން ގާތު އެއީ ރަނގަޅު ހަބަރެއްތޯ އަހަންވެސް އަހައެވެ. އެމީހުންގެ ލާނެތްކަން މާބޮޑެވެ. ހަގީގަތް ނޭގުނު ކަމުގައި ވިޔަސް ހަސަން ގާތު އެވާނީ ތެދު ހަބަރަކަށޭ ބުންޏެވެ.
ދުވަސްތައް ދާގޮތްވެސް މިހާރު ނޭގެއެވެ. ވަގުތު ކުޑަވެ ދުވަސް އޮންނަނީ ކުރުވެފައެވެ. ސުހައްތަ ލަންކާއަށް ހަނީމޫނުގައި ދިއުމަށްފަހު އެނބުރި އައިއްސިއެވެ. އަނެއްކޮޅުން ހަފިއްތަގެ ބޯއީ ފުރެންޑުވެސް ފެނިއްޖެއެވެ. ވަރަށް ކޫލް ވައްތަރު ޖަހާ ފިރިހެން ކުއްޖެކެވެ. ކިޔަނީ އަކީލްއޭ ބުނީ ސުހައްތައެވެ. މުއްސަނދި އާއިލާއެއްގެ ކުއްޖެކޭ ސުހައްތަ ބުންޏެވެ. އެކުވެރިޔާއެވެ. އަޅެ އަހަރެން ހީކުރި ގޮތް ގޯސްވިހެއްޔެވެ. ހަފިއްތަ ހަމަ އެހޯދީ މުއްސަންޖެއް ނޫންހެއްޔެވެ. އޭނައަކީ އަބަދުވެސް މުއްސަނދި ކަމަށް ލޯބިކުރާ މީހެކެވެ. އުޅެން ބޭނުންވަނީ އެހާ ފޮނިކޮށެވެ. އުޅެނީވެސް އެހާ ފޮނިކޮށެވެ. ކީއްކުރާނީ، އެކިމީހުންގެ މިޒާޖު ތަފާތު ވާނެ ނޫންހެއްޔެވެ. އެއްބަނޑު އެއްބަފާ ދައްތަވިއްޔާއެވެ. އެހެންވެ ލޯބިވެސް ވެއެވެ. އަހަންނަށް ކިތަންމެ ނަފުރަތު ކުރިކަމުގައި ވިޔަސްއެވެ. އިނގޭ ހެއްޔެވެ. އަހަރެންގެ އުމުރުން ސާދަ އަހަރުގައި އަހަރެންގެ އިސްތަށިގަނޑުގެ ކުރިމައްޗަށް އޮންނަބައި ކޮށާލަން ޖެހުނީ ހަފިއްތަ އާއިހެދިއެވެ. އެދުވަހު ވަރަށް ރުއިމެވެ. އިސްތަށިގަނޑަކީ އަހަރެން ވަރަށް ލޯބިން ގެންގުޅޭ އެއްޗަކަށްވާތީއެވެ. ފަންއިސްތަށި ގަނޑަކަށްވެފަ އަވަހަށް ދިގުވާތީއެވެ. ވީގޮތެއް އެނގޭހެއްޔެވެ. އޭނަ ގެންގުޅުނުތަނުން ގަލަމެއް އަހަރެން އެދުވަހު ލިޔެލަން ސުކޫލަށް ގެންދިއުމުން އެރޭ ނިދާފަ އޮއްވާ އިސްތަށިގަނޑުގައި ސުޕާ ގުލޫ ހޭކީއެވެ. އެހުންނަނީ އޭނަ ކުރާކަހަލަ ކަންތައްތަކެވެ. އެންމެ ލޯބިވާ މަންމަގެ ރަންދަރިފުޅެވެ.
ދެން އެވާހަކަ ނުދައްކާ ބާއްވާނަމެވެ. އެއީ މާޒީއެވެ. އޭރާ ބަލާފަ އެތަށް ކަމެއް ބަދަލުވެއްޖެއެވެ. އަހަރެން މިހާރު މިއުޅެނީ ހުވަފެނުންވެސް ނުދެކޭހާ އުފަލުގައެވެ. ވީއިރު ކޮންޝަކުވާއެއް ހެއްޔެވެ. އޭ އަހަރެންގެ ގާތް އެކުވެރިޔާއެވެ. ޖައުބެއަށް އައު އޮފީހަކުން ވަޒީފާ ހަމަޖެހިއްޖެއެވެ. ވަރަށް ސަޅި ޖޮބެކެވެ. މުސާރަވެސް ވަރަށް ބޮޑެވެ. ސުހައްތަ ހުރީ ވަރަށް އުފަލުންނެވެ. އިނގޭ ހެއްޔެވެ. ޖައުބެމެން އޮފީހުގެ ބޮސް އެއޮފީހާ ހަވާލުވި ކަމަށްބުނަނީ ވަރަށް ފަހުންނެވެ. އޭއީ އޭނަ ބޭރުގައި ކިޔަވަން ހުރެފައި މާލެއައީ މިދިޔަ ހަފްތާގައި ކަމަށްވާތީއެވެ. ވަރަށް އުމުރުން ޅަ، ކިޔަވައިގެން ހުރި މީހެއްކަމުގައި ޖައުބެ ބުންޏެވެ. އޭނަގެ ވާހަކަ އަހަރެން މިހާވަރަށް މިދައްކަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ. ޖައުބެގެ ބޮސް އެއޮފީސް ހުރިހާ މުވައްޒަފުންނަށް ޑިނާ ޕާޓީއެއް ދެނީއެވެ. ކޮންމެ މުވައްޒަފަކަށް އޭނަގެ ފަރާތުން އިތުރު ދެމީހުން ގެންދިއުމުގެ ފުރުޞަތު ލިބުނެވެ. ޖައުބު އެފުރުޞަތުދިނީ އަހަންނަށެވެ. ވަގުތުން ސުހައްތަ އެހަބަރު ދިނުމާއެކު އަހަރެންގެ ގާތް ރަޙުމަތްތެރިއަކު ގޮވައިގެން ދަންތޯ އަހާލީމެވެ. ސުހައްތަ އަޖައިބެއްނުވިއެވެ. އެކަމަކު އަހަންނަށް ފާޑަކަށްބަލާލީ ސުހައްތައަށް އެނގެއޭ ބުނާފަދަ ގޮތަކަށެވެ. އެޕާޓީވާނީ އަހަންނާއި އަޒާން އެކުގައި ދާފުރަތަމަ ޕާޓީއަށެވެ. އަހަރެން މިހިރީ ވަރަށް އުފާވެފައެވެ. އާހެދުމެއްވެސް ލާން ބޭނުމެވެ. އެހެންވެ ހަވީރު މިއައީ އަޒާން އާއިއެކު ގޮސް ފޮތިގަނެގެންނެވެ. ވިލުނޫކުލައިގެ ދޯފައްޓާ ހެދުމެއް ފެހުމަށެވެ. ސުހައްތަ އަހަރެންގެ ހެދުން ފެހުމުގެ ކަންތަކާއި ހަވާލުވިއެވެ. ހެދުމާ ގުޅޭ ތަނޑިބައެއްވެސް ލިބުނެވެ. ވަރަށް ވަރަށް ރީއްޗެވެ. ކާކުކަން ގަންދިނީ އިނގޭ ހެއްޔެވެ. އަޒާންއެވެ. އަޒާންގެ ދެވަނަ ހަދިޔާއެވެ. އެކުވެރިޔާއެވެ. އަދިވެސް ކޮންމެ ރެއަކު އަޒާން އަހަރެންނާއި ބައްދަލުކުރަން އަންނައިރު އެއަތުގައި ހުދުކުލައިގެ އޯކިޑު މާކޯޅިއެއް އޮވެއެވެ. އަހަރެންގެ ކޮޓަރީގަވެސް މިހާރު ގިނައީ ރަތްފިނިފެންމަލަށްވުރެ ހުދުކުލައިގެ އޯކިޑުއެވެ. އަޒާންގެ އެއާދަ އަހަރެންގެ ހިތުގައިވާ ލޯބި އިތުރުކުރުވިއެވެ. އޭނަގެ ހުރިހާ ސިފައަކީވެސް ލޯބިވެތި ސިފަތަކެކެވެ. އަހަރުމެން އަދިވެސް ބައްދަލުކުރަނީ ގެއިން ބޭރުގަ އާއި ދޮރާށި ދޮށުގައެވެ. އެކަކުގެ މައިންބަފައިންނަށްވެސް އަދި ނޭގެއެވެ. އަހަރެންގެ މަންމައަށް އެނގުނަސް އަޅާލާނެ ހެނެއް ހިޔެއްނުވެއެވެ. ނަމަވެސް އަޒާންގެ މައިންބަފައިން ދެކޭނެ ގޮތެއް ނޭގެއެވެ.
އަޒާންގެ މައިންބަފައިންނަށް އިނގޭދުވަހަކުން ކިހިނެތްބާއޭ ވާނީ އަހަރެން ވަރަށް ހިތަށްއަރައެވެ. އެމީހުންގެ ހުރި ހަމައެކަނި ދަރިއަކީ އަޒާންއެވެ. އެކުވެރިޔާއެވެ. އަހަންނަކީ ނަސީބުވެރިއެއްނޫންހެއްޔެވެ. ކުރީގެ ހިތްދަތި ވަގުތުތައްމިވަނީ ބަދަލުވެފައެވެ.
މިރޭ އަދިވެސް މިއުޅެނީ ނިދިނައިސްގެންނެވެ. މިހާރު ދޭއްޖަހަނީއެވެ. ނަމަވެސް އަދިވެސް ވަނީ އެނދުގައި ހިޔާލުތަކުގެ ތެރެއަށް ގެއްލިފައި އޮންނަ ހިތެވެ. މޮޔައަކު ފަދައިން ހީލަ ހީލަ އޮންނަ ހިތެވެ. މީ މިހާރު ކޮންމެ ރެއެއްގެ އާދައަކަށް ވެއްޖެއެވެ. ހިތަށް އަރާ އަޒާންގެ މޭގައި ބޯއަޅާލައިގެން އޮވެ ނިދާލެވޭނެ ނަމައެވެ.
ނިދަންވެސް ޖެހޭނެ ނޫންހެއްޔެވެ. ދެން މިއުޅެނީ ނިދޭތޯއެވެ. ނިދޭނެ ވަކިއިރެއް ނޭގުނަސްއެވެ.
* * * * *
މުޅިން އައު ދުވަހެކެވެ. އަހަރެން އަޒާން ގާތު މިރޭ ޕާޓީއަށް އަހަންނާއިއެކު ދާނަންތޯ އަނެއްކާވެސް އަހާލީމެވެ. އޭނަގެ މޫނުމަތިން ފެނުނު ހިނިތުންވުމުން އަހަންނަށް އަހަރެންގެ ޖަވާބު ލިބިގެން ދިޔައެވެ. އިއްޔެވެސް އޭނަވަނީ އަހަންނަށް ޖަވާބު ދީފައެވެ. އެކަމަކުވެސް ދާހިތުން ހުރިވަރުން އެހެނީއެވެ.
އަހަރެން އޮފީހުން އައި އިރު ސުހައްތަ އޮތީ އަހަރެންގެ ހެދުން ފަހާ ނިންމާލާފައެވެ. އަވަހަށް ކޮޓަރިއަށް ގޮސް ހެދުން ހެޔޮވަރުކޮއްލީމެވެ. ލޯގަނޑުން ބަލަން އަހަނަށް ހުރެވުނީ ކިހާއިރެއްވަންދެން ކަމެއް އަހަންނަކަށް ނޭގުނެވެ. ހެދުން އެހާވެސް ރީތީއެވެ. ހެދުމުގައިވާ ދިގު އަތުގައި ކޮނޑުން ފެށިގެން ވަނީ ކުދި ރޫތަކެއްޖައްސާފައެވެ. އަތުގެ މެދުގައި ހުދުކުލައިގެ މުތީތަކެއްފަދަ މިނާފުއް މަތިން ތިރިއަށް ހަރުކޮއްފައި ހުއްޓެވެ. މެޔާހަމައިން ވަށްކޮށްހަރުކޮއްފައިވާ ތުނިތުނި ބައި ސޮހިފައިއޮތެވެ. ދޯފައްޓާގެ ތިރީ ކައިރީގައި ރިހިވެލިފޮތިންނާއި ނޫކުލައާއި ހުދުކުލައިގެ މިނަލުން ޒީނަތްތެރިކޮށްލާފައިވެއެވެ. އަހަރެން އުފަލުންގޮސް ސުހައްތަ އުރާލަފާނަމޭ ހިތަށްއެރިއެވެ.
ދޮރުހުޅުވާލާފައި ސުހައްތައަށް ހެދުން ދައްކާލަން ދާން އުޅެނިކޮށް ސުހައްތަ އަހަރެންގެ ކޮޓަރިއަށް އައެވެ. އަހަރެން އަވަހަށް ހެދުމުގެ ރީތިވާހަކަ ދައްކަން ފެށީމެވެ. ސުހައްތަގެ ހުނަރުވެރިކަމުގެ ވާހަކައެވެ. ސުހައްތަ ހުރީ އުފަލުންކަން އަހަންނަށް އިނގުނެވެ. ސުހައްތަގެ ހެދުންވެސް އަހަންނަށް ދައްކާލިއެވެ. ކުޑަވިދުމެއް އެކުލެވިފައިވާ ކަޅުފޮއްޗަކުން ފަހާފައިވި ހެދުމެކެވެ. އެ ހެދުމުގައި ވެސް ފަސްބައިން ފެށިގެން މައްޗަށް ވާގޮތަށް އަތްތެރި މަސައްކަތްކޮށްފައިވެއެވެ. ސުހައްތައާއި ވަރަށް ގުޅެއެވެ. އަހަރެން ވަގުތުން ސުހައްތައަށް ފާހާތަނެއް ހުޅުވުމުގެ ހިޔާލު ދިނީމެވެ. ސުހައްތައަށް ފައިދާވާނެކަން އަހަންނަށް ޔަގީނުން ވެސް އެނގެއެވެ. ސުހައްތަގެ ފެހުން އެހާވެސް ފުރިހަމައެވެ. ސުހައްތަ ލޯގަނޑު ކުރިމަތީ އަހަރެންގެ ފުރަގަހުން ހުއްޓިހުރެ އަހަންނާއި ދިމާލަށް ބުނިއެއްޗެއް އެނގޭހެއްޔެވެ. އަހަރެން އެ ހެދުމުގައި ހީވަނީ ޝެހެޒާދާއެއް ހެން ކަމުގައެވެ. އަހަރެން އެހާވެސް ރީތީ ބާއެވެ. ނޫނީ ސުހައްތަ އަހަރެންދެކެ ވާލޯބިން ބުނިއެއްޗެއް ބާއެވެ.
އަހަރެންގެ އަތުގައި މޯބައިލް ފޯނެއް ނޯވެއެވެ. އެހެންވެ ގޭގައި އިން ދެފޯން ލައިނުން އެއްކޮޅު އަހަރެންގެ ކޮޓަރިއަށް ވެއްދީމެވެ. މިއަދު ދިރާގު މީހުން އެކަންތައް ކުރަންވެސް އައެވެ. އަހަރެން އޮފީހުން އަންނަމުން އައީ ކޯޑްލެސް ފޯނެއްވެސް ގަނެގެންނެވެ. އެހެންނޫނީ އަބަދު ފޯނެއް ކުރަންވިޔަސް ނިކުންނަން ޖެހޭނީ ސިޓިން ރޫމަށެވެ. އެކަން އަހަންނަށްވީ އުނދަގޫ ކަމަކަށެވެ. އެއީ އަޒާން އާއި ހިތަހަމަޖެހިގެން ވާހަކަދައްކާލެވެން ނޯންނާތީއެވެ. އެކަންވެސް ދެން މިއަދު މި ނިމުނީތާއެވެ. ހިތަށް ފިނިކަމެއް ލިބިއްޖެއެވެ. އަހަރެންގެ އާފޯނުން އެންމެ ފުރަތަމަވެސް ގުޅީ އަޒާން އަށެވެ. އޭނަ ގާތު ފޯނުލައިންގެ ކަންތައްތައް ހަމަޖެހިއްޖެ ކަމުގައި ބުނީމެވެ. އަދި އަހަންނާއި ކޮންމެ ވަގުތެއްގައި ދެން ގުޅޭނެ ވާހަކަ ބުނީމެވެ.
މިއަދު އަހަރެން އޮފީހުގައި އިނދެގެން ވަރަށް ތަފާތު މަސައްކަތެއްވެސް ކުރީމެވެ. ފަޒްލާ ގެންގުޅުނު މެގަޒިންއެއްގެ އެހީގައި މޭކަޕް ކުރުމާއިބެހޭ މަޢުލޫމާތު ހޯދީމެވެ. ހަފްލާތަކަށް ދާއިރުގައި ހުންނަންވާނެ ގޮތާއި، އާދައިގެ ހުންނައއިރު ކުރާނެ މޭކަޕްތަކާއީ ބެހޭ ލިޔުންތައް އަހަރެން ކިޔާހެދީމެވެ. އަމިއްލައަށް އަހަރެން ހާދަ މޮޔައޭވެސް ހިތަށްއަރައެވެ. އަޒާންއަށް އަހަރެން މިހާވަރަށް ދެއްކެންވާނެ ބާއޭ ހިތަށްއަރައެވެ. އެކަމަކުވެސް ކީއްވެކަމެއްނޭގެއެވެ. އޭނަދެކެ ވާ ލޯބި އިތުރުވާވަރަށް ހިތުގައި ނޭގޭ ބިރެއްވެސް އުފެދެމުން ދިޔައެވެ. އެކުވެރިޔާއެވެ. ކަރީގައި އުޅޭ ރީތިކުދިން ފެނިފައި އަޒާން އެފަދަ އަންހެން ކުއްޖަކަށް ހިތްލެބިދާނެތީ ބިރުގަންނަނީއެވެ. އަޒާންއަށް އަހަރެންގެ އާދައިގެ ގޮތް ކިތަންމެ ކަމުދިޔަ ކަމުގައި ވިޔަސް އަހަރެންނަށް މިފަދަ ކަންތައްތައް ކުރެވެނީ ކީއްވެކަމެއްނޭގެއެވެ. އަހަރެން ދުވަހަކުވެސް އަޒާން ގެއްލޭކަށް ނޭދެމެވެ. އެއީ އަހަރެންގެ ފުރަތަމަ ލޯތްބެއެވެ. އަހަރެންގެ ހިތްވަނީ އޭނައަށް އެއްކޮށް ދެވިފައެވެ. ދެން އެހެންމީހަކަށް ދޭނެއެއްޗެއް އަހަރެނންގެ އަތުގައެއް ނެތެވެ. (ނުނިމޭ)