ވިޔަފާރި

ޑެސްޓިނޭޝަން މާކެޓިންގެ ރިޕޯޓެއް މަޓާޓޯއިން ނެރެފި

ޑެސްޓިނޭޝަން މާކެޓިން ނުވަތަ، ގައުމު މަންޒިލެއްގެ ގޮތުގައި މާކެޓު ކުރުމުގެ މުހިންމުކަން ބަޔާންކޮށް، މޯލްޑިވްސް އެސޯސިއޭޝަން އޮތް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ހާއްސަ ރިޕޯޓެއް ނެރެފި އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ހުޅުލެ އައިލެންޑް ހޮޓެލްގައި ހަމައެކަނި މީޑިޔާތަކަށް ބޭއްވި ރަސްމިއްޔާތެއްގައި ރިޕޯޓް ނެރެދެއްވީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސެވެ.

މި ފޮތް ނެރެދެއްވަމުން ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާގެ ރައީސް އަބްދުﷲ ވިދާޅުވީ ޑެސްޓިނޭޝަން މާކެޓިން ވަރުގަދަ ކުރަން ޖެހޭ ކަމަށާއި، އެހެން ނޫންނަމަ ރާއްޖޭގައި މިހާރު އޮތް މަގާމު ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

އޭނާ ވަނީ މީގެ ކުރިންވެސް ގިނަ ފޯރަމްތަކެއްގައި ޑެސްޓިނޭޝަން މާކެޓިން ވަރުގަދަ ކުރުމާ ބެހޭ ގޮތުން ގިނަ ވާހަކަ ތަކެއް ދައްކަވާފަ އެވެ.

"އިމްޕޯޓެންސް އޮފް ޑެސްޓިނޭޝަން މާކެޓިން" ގެ ނަމުގައި މަޓާޓޯ އިން ނެރުނު ރިޕޯޓުގައި ރާއްޖޭގެ ޓޫރިޒަމުން ގައުމުގެ އިގްތިސާދަށް ލިބޭ މަންފާތަކަށް ވަރަށް ރަނގަޅަށް އަލި އަޅުވާލާފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު 14 ގައުމުން މިދިޔަ އަހަރު ޓޫރިސްޓުން އައިސްފައިވާ އަދަދަށްވެސް ބަލައިލާފައިވެ އެވެ. އަދި މި މާކެޓުތަކަށް ހުރި ގޮންޖެހުންތަކާއި ރާއްޖެއާ ވާދަވެރި ގައުމުތައް ކަމަށްވާ ސްރީލަންކާ އާއި މޮރިޝަސް އަދި ޝީޝެލްސް ފަދަ ގައުމުތަކުގެ ޓޫރިޒަމްގެ ތަފާސް ހިސާބުތައް ވެސް ވަރަށް ފުރިހަމައަށް ވަނ ގެނެސްދީފަ އެވެ.