ދުނިޔެ

ފަލަސްތީނަށް އިންޓަޕޯލްގެ މެމްބަރުކަން ދީފި

އިންޓަނޭޝަނަލް ޕޮލިސް އޯގަނައިޒޭޝަން (އިންޓަޕޯލް)ގެ މެމްބަރުކަން މިނިވަން ކަން ފަލަސްތީނުގެ ދައުލަތަށް ދީފި އެވެ.

މިނިވަން ދައުލަތެއްގެ ގޮތުގައި އދ.ގައި އަދި ރަޖިސްޓްރީ ނުވިޔަސް ދުނިޔޭގެ ބައެއް ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ވަނީ ބަލައިގެންފަ އެވެ.

އިންޓަޕޯލުން އިއްޔެ ބުނީ ފަލަސްތީނަށާއި ސޮލޮމަން އައިލެންޑްސް އަށް މެމްބަރުކަން ދިނީ ޗައިނާގެ ވެރިރަށް ބެެއިޖިންގައި މިހާރު ކުރިއަށްދާ އެޖަމާއަތުގެ އާއްމު މަޖިލީހުގެ ޖަލްސާގައި ކަމަށެވެ. އެ ދެގައުމަށް މެމްބަރު ކަން ދިނުމުން އިންޓަޕޯލްގެ މެމްބަރު ގައުުމުތަކުގެ އަދަދު މިހާރު ވަނީ 192 އަށް އަރާފައެވެ.

އިންޓަޕޯލުގެ ވެބްސައިޓްގައި އިއްޔެ ޝާއިއުކުރި ހަބަރުގައި ބުނެފައި ވަނީ އެ ދެގައުމަށް މެމްބަަރުކަން ނިންމީ ޖަލްސާގައި ބައިވެރިވި މެމްބަރުގައުމުތަކުގެ ތެރެއިން ތިން ބައިކުޅަ ދެބައި ގަައުމުން އެކަމަށް ތާއީދުކޮށްގެން ކަމަށެވެ. ނަމަވެސް އެކަަމަށް ނެގި ވޯޓުގެ ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.

އިންޓަޕޯލުގެ މެމްބަރަކަށްވާން ފަލަސްތީނުން މިދިޔަ އަހަރުވެސް ހުށަހެޅިއެވެ. ނަމަވެސް އެޖަމާއަތުން އޭރު ގައި އެކަން ބަަލައިގަތުމަަށް ދެކޮޅު ހެދިއެވެ. ބައިނަލް އަގުވާމީ ޖަމާއަތްތަކުގައި ފަލަސްތީނު ބައިވެރިވުމަކީ އިޒްރޭލުން އަބަދުވެސް ދެކޮޅު ހަދާ ކަމެކެވެ. އެއީ ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދުމަށް ލިބޭ ބާރަކަށް އެކަން ވާނެތީއެވެ.

ނިއުޔޯކް ޓައިމްސް ނޫހުން ބުނީ އިންޓަޕޯލްގެ މެމްބަރުކަން ފަލަސްތީނަށް ދިނުމުން އެކަމުގެ ބަދަލު ހިފާނެ ކަަމަށް ބުނެ އިޒްރޭލުން ބިރުދައްކާފައިވާ ކަމަށެވެ. އަދި ބުނީ އިންޓަޕޯލް މެދުވެރިކޮށް އިޒްރޭލުގެ މީސްމީހުން ހައްޔަރުކުރަން ފަލަަސްތީނުން މަސައްކަތްކޮށްފާނެ ކަމުގެ ކަންބޮޑުވުން ވެސް އިޒްރޭލުން ފާޅުކޮށްފައިވާ ކަމަށެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރާއިދު މާލިކީ ނިއުޔޯކް ޓައިމްސްއަށް ވިދާޅުވެފައިވަނީ އެއީ ގާނޫނު ހިންގުމަށް ލިބުނު ނަސްރެއް ކަަމަށެވެ.