ވިޔަފާރި

ތައި ޓޫރިޒަމް މިނިސްޓަރުގެ ތައުރީފު ރާއްޖޭގެ ޓޫރިޒަމަށް

ރާއްޖޭގެ ޓޫރިޒަމްއަކީ މިސާލެއްގެ ގޮތުގައި ދެކޭ ކަމަށް ވިދާޅުވެ، ތައިލެންޑުގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ކޮބްކާން ރާއްޖޭގެ ޓޫރިޒަމަށް ތައުރީފުކޮށްފި އެވެ.

"ހޮޓެލް ޖެންގައި" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތައިލެންޑުގެ ވިޔަފާރީގެ ވަފުދާއެކު، ރާއްޖެ އަށް ވަޑައިގެން އުޅުއްވާ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމުން ބައެއް ކަންތައް އެ ގައުމުން ދަސްކުރަން ބޭނުންވާ ކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމް އަކީ ދުނިޔޭގެ ފެންވަރުން ބެލިނަމަވެސް މިސާލެއް. ދިވެހި ޓޫރިޒަމުން ތައިލެންޑަށް އުނގެގެން ޖެހޭ ކަންތައްތަކެއް އެބަހުރި. މީގެ ތެރޭގައި ކުނި ނައްތާލުމާއި ފެނުގެ ހިދުމަތް ދިނުން ފަދަ ކަންތައްތައް ހިމެނޭ،" ކޮބްކާން ވިދާޅުވި އެވެ.

އަހަރަކު 30 މިލިއަން މީހުން ޒިޔާރަތް ކުރާ، ތައިލެންޑުގެ މިނިސްޓަރު ވިދާޅުވީ އެ ގައުމުގައި ޓޫރިޒަމް ތަރައްގީ ކުރުމުގައި ދެމެހެއްޓެނިވި ގޮތަކަށް ޓޫރިޒަމް ފައްކާ ކުރުމުގައި ވެސް ތިމާވެއްޓަށް ކުރާ އަސަރު ކުޑަވާނެ ގޮތްތައް ބަލަން ކަމަށެވެ. އަދި އެ ގައުމުގައި ހަމައެކަނި އޮތީ ބެންކޮކާއި ޕުކެޓު ނޫން ކަމަށެވެ.

"ތައި ޓޫރިޒަމްގެ މަންފާ މުޅި ގައުމުގެ އެކި ހިސާބުތަކަށް ފުޅާ ކުރުމަށް މިދަނީ މަސައްކަތް ކުރަމުން. ހަމައެއާއެކު ލޯކަލް އާޓިސްޓު ފުޅާކޮށް ޒުވާނުންނަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުން،" ކޮބްކާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގައުމުގެ ތައިލެންޑުގެ ބޮޑުވަޒީރު ޗަން-އޮކަގެ ތަސައްވަރަކީ ވާނުންނަކީ ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުން ކަމަށެވެ.

"ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އާއްމުން ހޭލުންތެރި ކުރުވުމަށް ބޮޑު ވަޒީރު މިސާލު ދައްކަވައި ދަނީ ކަސްރަތު ކުރަމުން،" ކޮބްކާން ވިދާޅުވި އެވެ.

ތައިލެންޑުގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ވަނީ ރާއްޖޭގެ ކުޅިވަރުގެ ބައެއް ވަސީލަތްތައް ވެސް ބައްލަވައިލާފަ އެވެ. މިގޮތުން ޔޫތު ސެންޓަރާއި ގައުމީ ފުޓުބޯޅަ ދަނޑު އަދި ހުޅުމާލެ ޔޫތު ސިޓީއަށްވެސް ވަޑައި ގަތުމަށް ހަމަޖެހިފައިވެ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ތައިލެންޑުގެ މިނިސްޓަރާއެކު ބޭއްވި ބައްދަލުން ވަރަށް ކާމިޔާބު ކަމަށެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގައި މޫދު ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމާއި ސްޕޯޓްސް ޓޫރިޒަމް ފުޅާ ކުރުމާ ބެހޭ ގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.

ތައިލެންޑުގެ ޓޫރިޒަމް މިނިސްޓަރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުގައި އެ ގައުމުގެ 22 ވިޔަފާރި ކުންފުނި ދަނީ ހަރަކާތްތެރިވަމުންނެވެ.