ވިޔަފާރި

އެނބޫދޫ މަޝްރޫއާއެކު އާސިއާންގެ އިންވެސްޓަރުން ރާއްޖެ

ތައިލެންޑުގެ ސިންހަ އެސްޓޭޓް ކުންފުނިން ކުރިއަށް ގެންދާ "އެނބޫދޫ ލެގޫން" ގެ މަޝްރޫއާއެކު، ދެކުނު އިރުމަތީ އޭޝިޔާ (އާސިއާން) ގައުމުތަކުގެ އިންވެސްޓަރުންގެ ދުރުމި އަށް ރާއްޖެ އަރައިފި އެވެ.

ތައިލެންޑުގެ ވިޔަފާރީގައި ވަފުދާއެކު، ހޮޓެލް ޖެންގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ތައިލެންޑުގެ ސިންހަ އެސްޓޭޓާއި ސިންހަ ކޯޕަރޭޝަން އަދި ހާޑް ރޮކް ކެފޭސް ކުންފުނިން ގުޅިގެން ތަރައްގީ ކުރާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު އެކި ގައުމުތަކުން ޝައުގުވެރިކަން ފާޅު ކުރަމުންދާ ކަމަށެވެ. އަދި މީގައި އެންމެ ޝައުގުވެރި ކުރުވަނި ކަމަކީ އާސިޔާންގެ އެހެން ގައުމުތަކުން ޝައުގުވެރިކަން ފާޅު ކުރަމުން ދިއުން ކަމަށް ވިދާޅުވި އެވެ.

"ތައިލެންޑަކީ ބޮޑެތި އިންވެސްޓްމަންޓްތައް ލިބި ގައުމެއް.ސިންހަ އިންވެސްޓް ކުރުމާއެކު އެހެން ކުންފުނިތަކުން ވެސް ޝައުގުވެރިކަން ފާޅު ކުރަމުންދޭ. މިހާރު ތައިލެންޑު އެކަންޏެއް ނޫން ލާއޯސް އާއި މި ނޫން ވެސް ގައުމުތަކުގެ ޝައުގުވެރިކަން ވަނީ އިތުރުވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ސިންހަ އާއި އިތުރު ދެ ކުންފުންޏަކުން މިހާރުވެސް މާލެ އަތޮޅުގައި އިންވެސްޓްކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މީގެން އެނގެނީ އިތުރު އިންވެސްމަންޓްތައް އަންނާނެކަން،" ޒަމީރު ވިދާޅުވި އެވެ.

މި ނިއުސް ކޮންފަރެންސުގައި ތައިލެންޑުގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ކޮބްކާން ވިދާޅުވީ ރާއްޖޭގައި އެ ގައުމުން އިތުރު އިންވެސްޓްމަންޓްތައް ކުރާނެކަން ޔަގީން ކުރައްވާ ކަމަށެވެ.

"ރާއްޖޭގެ އިންޑަސްޓްރީތަކުގައި ތައިލެންޑް ކުންފުނިތަކުން އިންވެސްޓް ކުރާނެ ކަމަށް އުންމީދު ކުރެވޭ،" ކޮބްކާން ވިދާޅުވި އެވެ.

އެނބޫދޫ ލެގޫން މަޝްރޫއުގެ ދަށުން، ވަކިވަކި ލައިފްސްޓައިލް ކޮންސެޕްޓްތަކަށް ނުވަ ރަށެއް ތަރައްގީކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތިން ރަށެއް ތަރައްގީކުރާއިރު މި ތަންތަނަށް 311.5 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ) އިންވެސްޓް ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ހިންގާ ރިސޯޓުތަކުގައި ޖުމުލަ 1،300 ކޮޓަރި ހުންނާނެ އެވެ.އަދި މި މަޝްރޫއާއެކު 7،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.