ފިނިޕޭޖް

ފިލްމީ ދާއިރާއިން އަޒޫ ބްރޭކެއް ނަގަނީ

އުއްމީދީ ބަތަލާ ފާތިމަތު އާޒިފާ (އަޒޫ) މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި މިވަނީ ވަރަށް ބޮޑަށް ވިދާލާފަ އެވެ. އޭނާ ކުޅުނު ހުރިހާ ފިލްމުތަކުގައި ދެއްކި އެކްޓިން އިން ތައުރީފްތައް އޭނާގެ އުނގަން ބަންޑުންކޮށްލީ އެޔެއް މިއެއް ބަލާފައެއް ނޫނެވެ. އަޒޫއަށް ހައްގު ތައުރީފްތަކެކެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ރިލީޒްކުރި "ނޭދެން ވަކިވާކަށް"ގައި އަޒޫ ދެއްކި އެކްޓިންއަށްވެސް ތައުރީފްތައް އޮހުނެވެ. އަންނަ މަހުގެ 30 ވަނަ ދުވަހު ރިލީޒްކުރާ "ބޮސް" އިންވެސް އަޒޫ ފެނިގެންދާނެ އެވެ.

އޭގެ އިތުރުންވެސް އިތުރު ފިލްމުތަކެއްގެ މަސައްކަތް އަޒޫ އަންނަނީ ކުރަމުންނެވެ. ޝޫޓިންތަކުގައި އަޒޫ ވަރަށް ބިޒީ އެވެ. އެކަމަކު މިހާރު ކުޅެމުންދާ ފިލްމުތަކާއި ކުޅެން އެއްބަސްވެފައި ހުރި ފިލްމުތައް ނިންމުމަށްފަހު އަޒޫ ބްރޭކެއް ނަގަނީ އެވެ. ބްރޭކް ނިންމާފައި އަލުން ފިލްމީ ދާއިރާއަށް ނުކުންނާނެ ދުވަހެއް ނޭނގެ އެވެ. ފަހަރުގައި ވަރަށް އަވަހަށް ނުކުމެދާނެ އެވެ. ނޫނީ އަޒޫ އިތުރަށް ނުފެނިދާނެ އެވެ.

"ބްރޭކެއް ނަގަން މިއުޅެނީ، ސީދާ ނޭނގޭ އަނބުރާ އަންނާނީ ކޮން އިރަކުން ކަމެއް، މީ ވަކި ކަމެއް ވެގެން ނަގާ ބްރޭކެއްވެސް ނޫން، ހަމަ ބްރޭކެއް ނަގާލަން ވެގެން ނަގާ ބްރޭކެއް މި ނަގަނީ" އަޒޫ ބުންޏެވެ.

އާންމުކޮށް ރާއްޖޭގައި ނުވަތަ ދިވެހިންނާ ރައްޓެހި ބޮލީވުޑްގައި ވެސް ސެލެބްރިޓީން ހިތާވެ، ކައިވެނިކުރުމަކީ އޭގެ ތެރެއިން ބައެއް މޫނުތައް ފިލްމީ ދާއިރާ އިން މީގެކުރިން ގެއްލިފައި އެބަހުއްޓެވެ. އަނެއްކާ މިއީ އެކަހަލަ ކަމެއް ހެއްޔެވެ؟ އެހެންނަމަވެސް މީގެކުރިން އަޒޫގެ ފިރިމީހާ އަދި އެކްޓަރު އަހްމަދު ސައީދު ވަނީ ފިލްމު ކުޅުން ހުއްޓާލަން އަޒޫއަށް ބާރުނާޅާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާހިތް އޮތީ [ފިލްމު ކުޅުން އެއީ] އޭނަގެ ފަންއޭ. އެހެންވީމަ އޭނަ ކުރިއަށް ދާން ބޭނުމިއްޔާ ކުރިއަށް ދާން ވީއޭ. މިހާރު ވެސް އަޅުގަނޑު އޭނައެއް ނުހުއްޓުވަން. މިހާރު ވެސް އަޕްކަމިން ދެ ޕްރޮޖެކްޓެއް އެބަ އުޅޭ. މިހާރު ކުޅެމުންދާ ފިލްމު ވެސް ކުރިއަށް ދާނީ،" ސައީދު ބުންޏެވެ.

"އެކަމަކު ފިލްމު ކުޅުން ހުއްޓާލަން އޭނަ ނިންމައިފި ނަމަ އޭނަ ހުއްޓާލަންވީ. އެކަމަކު އެކަމަކަށް އަޅުގަނޑުގެ ފަރާތުން [އެއްވެސް ޕްރެޝަރެއް ނޯންނާނެ] ދެން ބައެއް މީހުން ބުނެފާނެ އެއީ ކީއްވެގެން ހެއްޔެވޭ، ސައީދުގެ އަނބިމީހާ ވއކއގނ އަނެކައްޗެކޭ އެކަމަކު އެއީ އަޅުގަނޑު ގަބޫލުކުރާ ވާހަކައެއް ނޫން." މީގެ ކުރިން އަވަސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ނޫނީ އަނެއްކާ އަޒޫ ބަނޑުބޮޑުވީ ހެއްޔެވެ؟ މިއީވެސް ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަ އެކެވެ. އެ ވާހަކަވެސް އެހެންވީމަ އަޒޫ ކައިރީ އަހާލަންވާނެ އެވެ.

"އޭ ނޫން، އެ ކަހަލަ ކަމެއް ނޫޅޭ އަދި، އެކަހަލަ ކަމަކުވެސް ނޫނެ މި ބްރޭކް ނަގަނީ،" އުމުރުުން 28 އަހަރުގެ ބަތަލާ ބުންޏެވެ.

ފިލްމީ ދާއިރާގައި އަޒޫ މިހަރު ހަރަކާތްތެރިވާތާ ހަތް އަހަރު ވީިއރު ގިނަ ފިލްމުތަކާއި ލަވަތައް އަދި ޑްރާމަތައް ކުޅެފައިވާ ތަރި އެކެވެ. އެންމެ ބޮޑު މަގުބޫލުކަމެއް އަޒޫއަށް ލިބުނީ "ލޫދިފާ" އިންނެވެ.