ކުޅިވަރު

އަންޗެލޯޓީ ވަކި ކޮށްފި، ބަޔާންގެ ރާޑަރު ޓޫހުލް އަށް

Sep 29, 2017

މި ސީޒަންގައި، އުނދަގޫ ހާލަތެއްގައި އޮތް ބަޔާން މިޔުނިކްގެ ކޯޗް ކަމުން އިޓަލީގެ ކާލޯ އަންޗެލޯޓީ ވަކި ކޮށްފި އެވެ. އަންޗެލޯޓީ މަގާމުން ވަކި ކުރީ، ބުރާސްފަތި ދުވަހުގެ ރޭ، ޗެމްޕއަިންސް ލީގްގައި ޕީއެސްޖީ އަތުން 3-0 ން ބަލިވި މެޗަށް ފަހު އެވެ.

ބަޔާން އަށް މައްސަލަ ކުރިމަތިވީ ޗެމްޕިއަންސް ލީގްގައި، އެކަންޏެއް ނޫނެވެ. މިދިޔަ ފަސް އަހަރު ބުންޑެސް ލީގާގެ ޗެމްޕިއަންކަން ހޯދި، ބަޔާން އޮތީ މިވަގުތު ލީގްގެ ތިން ވަނައިގަ އެވެ.

ކުލަބުން، ރަސްމީކޮށް އަންޗެލޯޓީ ވަކި ކުރުމުގެ ކުރިން، ކުޅުންތެރިން ގާތު މެނޭޖުމެންޓުން އަންޗެލޯޓީ ދުރު ކުރަން އުޅޭ ވާހަކަ ބުނެފަ އެވެ.

"އަހަރެމެންގެ ޓީމުގެ ޕާފޯމަންސް ސީޒަން ފެށުނު ފަހުންވެސް ހުރީ އަހަރެމެން އުންމީދު ކުރި ހިސާބެއްގަ އެއް ނޫން ޕެރިހުގައި ކުޅުނު [ޕީއެސްޖީ] މެޗުން ވެސް އަހަރެމެންނަށް އެނގިއްޖެ އަހަރެމެން އަވަސް ފިޔަވަޅެއް އަޅަންޖެހޭ ކަން." ބަޔާންގެ ރައީސް ކާލް ހެންޒް ރުމޭނިގާ ވިދާޅުވި ކަމަށް ބަޔާނުން ނެރުނު ބަޔާނަުގައި ބުނެފައި ވެއެވެ.

އަންޗެލޯޓީގެ ބަދަލުގައި ވަގުތީ ގޮތުން، ކޯޗްގެ މަސްއޫލިއްޔަތު އަދާ ކުރާނީ، އެސިސްޓެންޓް ކޯޗް ވިލީ ސެގްނޯލް ކަމަށްވެސް އެ ކުލަބުގެ ބަޔާނުގައި ބުނެފައި ވެއެވެ. ނަމަވެސް، ދާއިމީ ކޯޗަކަށް ބަޔާނުން މަސައްކަތް ކުރަނީ، ބުރޫޝިއާ ޑޯޓަމުންޑްގެ ކުރީގެ ކޯޗް ތޯމަސް ޓޫހަލް ގެނައުމަށެވެ.

އަންޗެލޯޓީ، ބަޔާންއާ ހަވާލު ވުމުގެ ކުރިން ކޯޗް ކޮށްދިނީ، ރެއާލް މެޑްރިޑަށެވެ. އެ ޓީމާއެކު، ފުރަތަމަ އަހަރު، ޗެމްޕިއަންސް ލީގް ހޯދި ނަމަވެސް، ދެ ވަނަ އަހަރު ހުސްއަތާ ނިންމާލުމުން، އެކުލަބުން އޭނާ ވަކި ކުރީ އެވެ.