ބޮލީވުޑް

"ޕަލްޓަން"ގައި އަބީޝެކްގެ ބަދަލުގައި ހަރްޝްވަރްދަން

Sep 30, 2017

ޖޭޕީ ދައްތާ ހަނގުރާމަ އަށް ނިސްބަތްކޮށް ޑައިރެކްޓްކުރާ "ޕަލްޓަން" ގެ ޝޫޓިން ފެށަން އެއް ދުވަހަށް ވެފައި ވަނިކޮށް ފިލްމުގެ މުހިންމު ރޯލެއް ކުޅެން ހަމަޖެހިފައި އޮތް އެކްޓަރު އަބީޝެކް ބައްޗަން ވަނީ އެ ރޯލު ދޫކޮށްލާފަ އެވެ.

އަބީޝެކްގެ ބަދަލުގައި އެ ރޯލު ކުޅެން މިހާރު އާ ތަރިއަކު ހަމަޖައްސާފައިވާ ކަމަށް ޖޭޕީ ވަނީ ބުނެފަ އެވެ. ޒުވާން އެކްޓަރު ހަރްޝްވަރްދަން ރާނޭ "ޕަލްޓަން" ގައި އަބީޝެކް ކުޅެން ހަމަޖެހިފައި އޮތް ރޯލުން ފެނިގެންދާނެކަން ހާމަކުރަމުން ވަނީ އޭނާ މިހާތަނަށް ކުޅެފައިވަނީ އެންމެ ފިލްމެއް ނަމަވެސް އެއީ ވަރަށް ބޮޑު ސަޕޯޓެއް އޮތް އުންމީދީ ތަރިއެއް ކަމަށް ބުނެފަ އެވެ.

އެ ރޯލު ކުޅެން ހަރްޝްވަރްދަން ހަމަޖައްސާފައިވަނީ އެ ރޯލަށް ބޭނުންވަނީ އިސްކޮޅުން ދިގު އަދި ހަށިގަނޑު ވަރުގަދަ އެކްޓަރަށް ވާތީ އެވެ. އަބީޝެކް ފިލްމު ދޫކޮށްލުމުން ފިލްމު އުފައްދާ ފަރާތަށް އެ ރޯލު ކުޅެން އެންމެ އެކަށީގެންވާ ތަރިއަކަށް ފެނިފަައިވަނީ ހަރްޝްވަރްދަނެވެ.

އަބީޝެކް މި ފިލްމު ދޫކޮށްލުމުން އޭނާގެ ބަދަލުގައި އާ ތަރިއަކު ހޯދާފައިވަނީ ދެ ތިން ދުވަހުގެ ތެރޭގަ އެވެ. އެގޮތުން ހަރްޝްވަރްދަން އާ ޖޭޕީ ބައްދަލުކޮށް ވަގުތުން ވަނީ ފިލްމު ކުޅެން އޭނާ އާއެކު އެއްބަސްވުމަކަށް އައިސްފަ އެވެ.

ޖޭޕީގެ އިތުރުން އޭނާގެ ދަރިފުޅު ނިދީ ދައްތާ ވެސް ވަނީ ހަރްޝްވަރްދަން "ޕަލްޓަން" އާ ގުޅިފައިވާކަން ޔަގީންކޮށްދީފަ އެވެ.

ހަރްޝްވަރްދަން ބޮލީވުޑަށް ނިކުމެފައިވަނީ މިދިޔަ އަހަރު ނިކުތް ފިލްމު "ސަނަމް ތޭރީ ކަސަމް" އިންނެވެ. ނަމަވެސް އޭނާ ވަނީ 2010 ވަނަ އަހަރުން ފެށިގެން ތެލުގު ފިލްމުތައް ކުޅެން ފަށާފަ އެވެ.

އިންޑޯ-ޗައިނާގެ ހަނގުރާމައިގެ އަސްލަކަށް ބަލައިގެން އުފައްދާ މި ފިލްމުގެ މުހިންމު ރޯލުތަކުން ސުނިލް ޝެޓީ، އަރްޖުން ރާމްޕަލް، ސޮނޫ ސޫދް، ޕުލްކިތް ސަމްރާޓް، ސިދާންްތް ކަޕޫރު، ގުރްމީތް ޗައުދަރީ، ޖިމީ ޝެރްގިލް އާއި ޖެކީ ޝްރޮފް އަދި ލަވް ސިންހަ ފެނިގެންދާނެ އެވެ.

"ޕަލްޓަން" އާ ގުޅޭގޮތުން ވާހަކަދައްކަމުން ޖޭޕީ މީގެކުރިން ވަނީ އެ ފިލްމަކީ އިންޑިއާގެ ތަރީހާ ވަރަށް ބޮޑަށް ގުޅޭ އަދި ގައުމަށްޓަކައި ޝަހީދުވެފައިވާ އެތަކެއް ސިފައިންނެއްގެ އަގުހުރި ހިދުމަތް ފެނިގެންދާނެ ފިލްމެއް ކަމަށެވެ.