ރިޕޯޓް

ބަދަލު ހިފަން ގޭންގްތައް ނިކުމެއްޖެ! ހުއްޓުވޭނެތަ؟

Sep 30, 2017
20

މާލޭގައި އެއްވެސް ވަރަކަށް އަމާންކަމެއް އެބައޮތް ހެއްޔެވެ؟ ގެއިން ނިކުމެގެން ޖެހިގެން ހުރި ފިހާރައާ ހަމަޔަށް ދާއިރު ކަރަށް ނުވަތަ މެއަށް ތަނަކަށް ވަޅި ހަރާ މަރާ ނުލާނެ ކަމުގެ ގެރެންޓީ ދޭން ތިބީ ކޮން ބައެއް ހެއްޔެވެ؟ ނުރައްކާތެރި ގޭންގުތަކުގެ ހާއްޔަކަށް ވެފައިވާ މި މާލޭގައި ވޭތުވެދިޔަ ދުވަސްތަކުގައި ހިނގި އަދި މިހާރު ވެސް ހިނގަމުން އަންނަ ކަންކަމަށް ފަހު ބިރުވެރިކަން މިވަނީ އިންތިހާ ދަރަޖައަށް ފެތުރިފަ އެވެ. ދިވެހިންގެ ހިމާޔަތުގައި ތިބި ފުލުހުންނަށް މިކަން ހުއްޓުވެނީ ނުވަތަ ދުވަސްކޮޅަކަށް މައިތިރިކޮށްލެވެނީ ދެތިން މީހެއްގެ ފުރާނަ ދުއްވާލާ ފަހުންނެވެ!

ނުރައްކާތެރި ކުށްވެރިން މަގު މައްޗައް ދޫވެފަ އެވެ. މާލޭ އެކި ސަރަހައްދުތައް ހިސޯރުކޮށްގެން ކަންކަން މަތީ ގޭންގުތައް ހާމަކަން ބޮޑު ގޮތެއްގައި ހަރަކާތްތެރިވަނީ އެވެ. އަދި ބައެއް ދުވަސްތަކުގައި ގޭންގުތައް ނިދާފައި ތިއްބަސް ކޮންމެ ފަދަ ވަގުތެއްގައި ވެސް އަރާ ހިފައިގަނެ އެއް ގޭންގު އަނެއް ގޭންގާ މާރަމާރީ ހިންގަ އެވެ. އަދި އޭގެން ފެށޭ ބަދަލު ހިފުންތައް އެތަށް ޒަމާންތަކެއް ވަންދެއް ދެމިގެން ގޮސް އެތަށް ބައެއްގެ ފުރާނަ އިހާނެތި ގޮތަކަށް ދުއްވާލަ އެވެ. އަދި އެކަމުގެ ތެރޭގައި ކަމާ ނުގުޅޭ މީހުންގެ ގަޔަށް ވެސް "އޮޅިގެން" ވަޅި ހަރައެވެ. މި ހުރިހާ ކަމެއް ވެސް މިއީ އާންމުންނާއި ފުލުހުންގެ ވެސް ކުރިމަތީ ހިނގާ ކަންކަމެވެ. އެހެން ނަމަވެސް ބަދަލު ހިފުންތަކަށް ފިޔަވަޅެއް އެޅުން ނުވަތަ ގޭންގުތައް ކޮންޓްރޯލްކޮށް ފޮހެލެވޭނެ ދާއިމީ ފިޔަވަޅެއް އަޅަން މި ވަނީ ނުކުޅެދިފަ އެވެ.

"ސިލްސިލާ ގޮތެއްގައި ގްރޫޕްތަކުގެ މެދުގައި ހިނގަމުން މިދާ ކަންކަމަކީ ވަރަށް ޒަމާނުއްސުރެއް ހިނގަމުންދާ ކަންކަން، މީގަ އެބަހުރި އެކި ފަހަރުގައި އެކި މައްސަލަތައް، އެންމެ ކަމަކަށް ރުޅި އައިސްގެން ނޫން މި މައްސަލަތައް އުފެދިގެން މި އުޅެނީ، މީގަ ހިމެނޭ އެތަށް ކަމެއް،" ފުލުހުންގެ މޭޖާ ކްރައިމް ޑިޕާޓްމަންޓުގެ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓާ މުހައްމަދު ސާމިހު ވިދާޅުވި އެވެ.

ދުވަސްތަކެއް ވަންދެއް ގޭންގުތައް ނިދާފައި އޮވެ، މާރަމާރީތައް އަނެއްކާ ވެސް ފަށާފައި މި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މާރަމާރިއާއި ވަޅީގެ އެތަށް ހަމަލާތައް މާލޭގެ އެކި ސަރަހައްދުގައި ހިނގަމުންދާތާ ދުވަސްކޮޅަކަށް ފަހު ޓާމިނަލް ކެފޭ ތެރޭގައި އިން ކައްދޫ، އިބްރާހިމީ ހިޔާ، ނަދީމް ގަޔަށް ވަޅި ހަރާ މަރާލި ހިސާބުން ބަދަލު ހިފުމުގެ އޮޔެވަރެއް ފެސިއްޖެ އެވެ. އެ މަންޒަރު ފެނުން މީހުންނަށް ނަފްސާނީ އެތަށް ގެއްލުމެއް ވަނީ ލިބިފަ އެވެ. ނަދީމްގެ މަރާލީ ވެސް ހަމަ ބަދަލުހިފުމުގެ ގޮތުން ކަމަށް އެ ތަހުގީގު ނިންމާލުމަށް ފަހު ފުލުހުން ވަނީ މީޑިއާތަކަށް ހާމަކޮށްދީފަ އެވެ.

އެ ސިލްސިލާ ކުޑަ ދުވަސްކޮޅަކަށް ހުއްޓުމަށް ފަހު އަނެއްކާ ވެސް މިވަނީ ފަށާފަ އެވެ. މިދިޔަ ހަފްތާ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި މާރަމާރީއެއް ހިންގާ ދެ މީހެއް ގަޔަށް ވަޅި ހެރި އެވެ. އޭގެން އެކަކުގެ ފުރާނަ ސަލާމަތްވި ނަމަވެސް އަނެއް މީހާ މަރުވީ އެވެ. އަނެއްކާ ވެސް ރޭ ހުޅުމާލޭގައި ވަނީ މީހެއްގެ ބުރަކަށްޓަށް ވަޅި ހަރާ މަރާލާފަ އެވެ. އޭނާ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެނައި އިރު ވެސް ފުރާނައެއް ނެތެވެ. "އަވަސް" އަށް އެނގިފައިވާ ގޮތުގައި އޭނާ ގަޔަށް ވަޅި ހެރީ ވެސް މިދިޔަ ހޮނިހިރު ދުވަހު ހިނގި މާރަމާރީއާ ގުޅިގެންނެވެ.

ހަމަ ރޭގެ ވަގުތެއްގައި މާލޭ ކެފޭއެއްގައި ހުރި ޒުވާނެއް ގަޔަށް ވެސް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލީ އެވެ. އޭޑީކޭ އައިސީޔޫއިން ނެރެ އޮބްޒަވޭޝަނަށް އޭނާ ގެންދިޔަ އިރު ބޮލުގައި މަލަންގަނޑެއް އަޅާ ނޭވާލުމަށް ފުޅިއެއް ގުޅާފައި އޮތް އިރު ގައިގާ އަޅާފައި އޮތް ހުދު ފޮތިގަނޑު އޮތީ ލެއިން ތަތްތެޅިފަ އެވެ. އޭނާ ގަޔަށް ވެސް ވަޅި ހެރީ ސީދާ ހަމަ މަރާލަން ކަން މަންޒަރު ދުށް މީހުން ބުނެ އެވެ.

ކޮންމެ މަރަކަށް އިތުރު ބައެއްގެ ރުޅިގަނޑު މައްޗައް ދެއެވެ. އަދި މަރަށް މަރުގެ ބަދަލު ހިފަ އެވެ. މިކަމަށް ނިމުމެއް އަންނަ ތަނެއް ނުފެނެ އެވެ. ނަމަވެސް ފުލުހުން ތިބެނީ "އަތް އުރާލައިގެން"ނޭ ވެސް ބުނެވޭކަށް ނެތެވެ. އެހެން ނަމަވެސް ބައެއް މައްސަލަތަކުގައި ފުލުހުންގެ އިންޓަލިޖަންސް އިންތިހާއަށް މައުލޫމާތު ލިބޭ އިރު ގޭންގުތަކުގައި ހިނގާ ކަންކަމުގެ ތެރެއަށް ވަދެ މަރާލުމުގެ ކުރިން ފުލުހުންނަށް ނުހުއްޓުވެނީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ. ރޯމާދުވާލު ވަޅި ހިފައިގެން ނިކުމެ މީހުން "ކޮށާލާ" އިރު މިކަން ނުހުއްޓުވުމަށް ދެއްކޭނެ ބަހަނާއެއް ނެތެވެ. ރޭގެ މާރަމާރީތަކާއި ގުޅިގެން ފުލުހުން 12 މީހަކު ހައްޔަރު ކުރި އެވެ. އޭގެ ސަބަބުން އިތުރު މާރަމާރީތަކަށް ހުރަސް އެޅޭނެ އެވެ. ނަމަވެސް މީހެއްގެ ފުރާނަ ދުއްވާލުމުގެ ކުރިން ފުލުހުން ފިޔަވަޅު އަޅަން ޖެހެ އެވެ.

ކޮންމެއަކަސް މާލޭގެ ހާލަތު މިއޮތީ ބިރުވެރި ދަރަޖައަކަށް ވެއްޓިފަ އެވެ. އެއް އިރެއްގައި އަމާންތަނެއް ގޮތުގައި ސިފަ ކުރިޔަސް އެ ދުވަސް މިހާރަކު ނެތެވެ. މި ބިރުވެރިކަމުން ސަލާމަތްކޮށްދިނުމަށް ކަމާ ގުޅޭ މުއައްސަސާތަކުން މިއަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. އިތުރު ބަޔަކު މަރާނުލަނީސް މި ބަދަލު ހިފުންތައް ނިމުމަކަށް ގެންނަން ޖެހެ އެވެ.