ބޮލީވުޑް

ޗުއްޓީގެ މެދުތެރެއިން ކެޓްރީނާ އެނބުރި ދާންޖެހިއްޖެ

Apr 24, 2015

ބޮލީވުޑްގެ އެންމެ މަޝްހޫރު ޖޯޑު ކަމަށްވާ ރަންބީރު ކަޕޫރު އާއި ކެޓްރީނާ ކައިފް ވަނީ ޗުއްޓީ ހޭދަކޮށްލުމަށް އަންގާރަ ދުވަހު ރާއްޖެ އައިސްފަ އެވެ. އެކަން ޔަގީންވީ އެ ދެ ލޯބިވެރިން ޔޫއެލްގެ ފްލައިޓުން ފައިބަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

ހަފްތާއެއްގެ ޗުއްޓީ އަކަށް މި ދެތަރިން ރާއްޖޭ އައިސް ތިބެނީ ކޮން ރިސޯޓެއްގައި ކަން އޮތީ ސިއްރުކޮށްފަ އެވެ. އެ ޗުއްޓީގެ ވާހަކަތައް ހޯދަން ކަޅިއަޅާ މީހުން ގިނަވެފައި ވަނިކޮށް މި ވަނީ އާވާހަކައެއް އުފަންވެފަ އެވެ. މިފަހަރު މިއީ ރަންބީރަށް އެހާ އުފާވެރި ވާހަކައެއް ނޫނެވެ. ރަންބީރާއި ކެޓްރީނާގެ ކައިވެނި އަވަސް އަރުވާލައިގެން ކޮށްލަން އެދި އެދި ތިބި އެތައް ފޭނުންގެ ވެސް ހިތް ކުދި ކުދި ވާނެ ކަހަލަ ވާހަކަ އެކެވެ.

ކެޓްރީނާގެ ގާތް ފަރާތްތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނަނީ ރާއްޖޭގެ އުފާވެރި ޗުއްޓީ މެދުކަނޑާލާފައި ކެޓްރީނާ މިއަދު މުމްބާއީއަށް އެނބުރި ދާނެ ކަމަށެވެ. އެކަމަކު ކެޓްރީނާ މިހެން ހަދަނީ ރަންބީރާ މައްސަލައެއް ޖެހިގެނެއް ނޫނެވެ. މާ ކުރިން ވެސް ޝެޑިއުލްކޮށްފައި އޮތް އިޝްތިހާރެއްގެ ޝޫޓިންއަށް ކޮންމެހެން ވެސް އަންނަން ޖެހެނީ އެވެ. ލޯބިވާ ރަންބީރު ދޫކޮށް ކެޓްރީނާ މި މަސައްކަތުގައި ދެ ދުވަސް އިންޑިއާގައި ހޭދަ ކުރަން ޖެހޭނެ ކަން މިވަނީ މިހާރު ޔަގީންވެފަ އެވެ.

އެކަމަކު އުފާވެރި ހަބަރެއް އެބަ އޮތެވެ. ޝޫޓިން ނިންމާލުމަށް ފަހު އެނބުރި ރާއްޖޭގައި އައިސް ރަންބީރާ އެކު ޗުއްޓީގެ ބާކީ ބައި ހޭދަކުރާނެ އެވެ. ބެލެވޭގޮތުގައި ކެޓްރީނާ އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރެ އެވެ.

މިއަހަރުގެ ތެރޭގައި ކައިވެނި ކުރަން އުޅޭކަމުގެ ވާހަކަތައް އިންޑިއާގެ ނޫސްތަކުން ފަތުރަމުންދާއިރު، މި ދެތަރިން ރާއްޖެ މި އައީ ބެލެވޭ ގޮތުގައި ކުރިއަށް އޮތީ ދެތަރިންގެ ވަރަށް ބުރަ ދުވަސްތަކަކަށް ވާތީ އެކުގައި ވަގުތު ހޭދަކޮށްލުމަށެވެ.

ދެހާސް ނުވަ ވަނަ އަހަރު ނިކުތް ފިލްމް "އަޖަބް ޕްރޭމްކީ ގަޒަބް ކަހާނީ" ޝޫޓްކުރަމުން ދިޔަ ދުވަސްވަރު ރައްޓެހިވި ކަމަށް ބުނާ މިދެތަރިން ވަނީ މިހާތަނަށްވެސް އުޅެނީ ރައްޓެހިވެގެންކަމަށް އެއްބަހެއް ނުވެ އެވެ. އެހެންނަމަވެސް ރަންބީރުގެ އާއިލާއާއި އެކު ކެޓްރީނާ ރޭގަނޑުގެ ކެއުމަކަށް އިންސާފުކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއްވަނީ ދާދި ފަހުން އިންޑިއާގެ ނޫސްތަކުގައި ޖަހާފަ އެވެ. އަދި 2013ވަނަ އަހަރުގައި މިދެތަރިން ސްޕެއިންގައި ޗުއްޓީ ހޭދަކުރިއިރުގެ ފޮޓޯތަކެއްވެސް ވަނީ އާންމުވެފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މިދެތަރިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެކުގައި ދިރިއުޅެން ފަށާފަ އެވެ.

މުމްބާއި ބަންދްރާގެ މޫދުކައިރީ ބަންގްލޯއެއްގައި ރަންބީރު އާއި ކެޓްރީނާ ދިރިއުޅެން ފެށުމާއި އެކު ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު އާއި ވަނީ ގުޅުން ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެހެންކަމުން މިހާރު ރިޝީ އާއި ނީތޫ އަންނަނީ އެމީހުން ދިރިއުޅޭ ގޭގެ އެއްފަޅީގައި ރަންބީރުއަށް ވަކިން ދިރިއުޅޭވޭނެ ގޮތަށް ގެއެއް އިމާރާތްކުރަމުންނެވެ.

ރަންބީރުގެ ދެ ފިލްމެއް ބެލުންތެރިންނާއި ހަމައަށް އަންނައިރު، އޭގެތެރެއިން "ބޮމްބޭ ވެލްވެޓް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. މީގެއިތުރުން ލޯބިވެރިޔާ ކެޓްރީނާއާއި އެކު ފެނިގެންދާ "ޖައްގާ ޖާސޫސް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ.

ކެޓްރީނާވަނީ ދާދި ފަހުން "ފިތޫރު"ގެ ޝޫޓިން ނިންމާލާފަ އެވެ. އަދި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑް ހަފްލާ ކޭންސް ފިލްމް ފެސްޓިވަލްގެ ރެޑްކާޕެޓްގައި ލޯރިއަލްގެ ބްރޭންޑް އެމްބެސެޑަރަކީ ވެސް އޭނާ އެވެ.