މެންޗެސްޓާ ޔުނައިޓެޑްއާއި ފްރާންސްގެ މުހިންމު ކުޅުންތެރިޔާ ޕޯލް ޕޮގްބާ ކުރިން ބެލެވުނު މުއްދަތައް ވުރެ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުއްނަނަ ޖެހިއްޖެއެވެ. ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފައިވަނީ ޕޮގްބާގެ ހާލަތާމެދު ކަންބޮޑު ވާކަމަށާއި އޭނާއަށް އެންމެ އަވަހަށް ކުޅެން ނިކުމެވޭނީ ނޮވެމްބަރު މަހުގެ މެދުތެރޭގައިކަމަށެވެ.
24 އަހަރުގެ ކުޅުންތެރިޔާ އެންމެ ފަހު ކުޅެފައިވަނީ ޔުނައިޓެޑާއި ބަސެލް ޗެމްޕިއަންސް ލީގުގައި ބައްދަލުކުރި މެޗެވެ. އޭނާއަށް ވަނީ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު 4 މެޗުވެސް ގެއްލިފައެވެ. ބެލެވޭ ގޮތުގައި ޕޮގްބާގެ ކަކުލަށް ވަނީ އަނިޔާވެފައެވެ. މިހާރުވެސް ޔުނެއިޓެޑްގެ ޑިފެންޑަރު މާކަސް ރޮހޯ އަދި ފޯވާޑް އިބްރަހިމްއޮވިޗް އަންނަނީ ކަކުލުގެ އަނިޔާއަށް ފަރުވާހޯދަމުންނެވެ.
ޕޮގްބާއަށް އެންމެ އަވަހަށް ކުޅެވޭނެ ކަމަށް ބެލެވެނީ ނޮވެންބަރު 18 ވަނަ ދުވަހު ޔުނައިޓެޑާއި ނިއުކާސަލް ބައްދަލުކުރާ މެޗުގައެވެ. ޔުނައިޓެޑް މިރޭ ކްރިސްޓަލް ޕެލެސްއާއި ދެކޮޅަށް ނިކުންނައިރު އެޓީމަށް ވަނީ އަނީޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައެވެ. މިއަދުގެ މެޗަށް ފިލް ޖޯންސް އާއި މައިކަލް ކެރިކްއަށް ނުކުޅެވޭނެކަން ކަށަވަރު ވެފައިވާއިރު ވެލެންސިއާ، މަރުއާން ފެލެއިނީ އަދި އެންތަނީ މާޝިއާލްއަށް ކުޅެވޭނެކަމާ މެދު ވަނީ ސުވާލް އުފެދިފައެވެ.
ޔުނއިޓެޑް މިއަދުގެ މެޗަށް ނިކުންނައިރު އެޓީމު އޮތީ އިންގިރޭސި ލީގުގެ ދެވަނަ މަގާމުގައި ލަނޑުގެ ތަފާތުންނެވެ. މިއަދު ޔުނައިޓޑް ލީގް ފުލުގައި އޮތް ކްރިސްޓަލް ޕެލެސްއާއި ދެކޮޅަށް ނިކުންނަ އިރު މާދަމާ މެންޗެސްޓާ ސިޓީ ނިކުންނަނީ ޗެލްސީއާިއ ދެކޮޅަށެވެ.