ދުނިޔެ

އެއާފްރާންސްގެ ބޯޓެއްގެ އިންޖީނު ވައިގެ ތެރޭގައި ހަލާކުވެއްޖެ

ފްރާންސްގެ ވެރިރަށް ޕެރިހުން ފުރައިގެން އެމެރިކާގެ ލޮސް އެންޖަލިސްއަށް ދަތުރުކުރި މަތިންދާބޯޓެއްގެ އިންޖީނެއް ވައިގެ ތެރޭގައި ހަލާކުވެ، ކުއްލި ހާލަތުގައި ކެނެޑާއަށް ޖައްސައިފި އެވެ.

ބީބީސީ ބުނީ އެއާފްރާންސްގެ މަަތިންދާބޯޓް އެފް66 ގެ އިންޖީނެއް ހަލާކުވީ ގްރީންލޭންޑްގެ ހުޅަނގުން އުދުހެނިކޮށް ކަމަށެވެ. އަދި ބުނީ ހަތަރުު އިންޖީނު ހުންނަ އެ ބޯޓްގެ އެއް އިންޖީނު ހަލާކުވެ، ކުއްލި ހާލަތުގައި ޖެއްސި ނަމަވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުވެ އެވެ.

އެެއާ ފްރާންސުން އޭއެފްޕީއަށް ބުނެފައި ވަނީ ހާދިސާ ހިނގި އިރު ބޯޓުގައި ތިބީ 496 ދަތުރުވެރިންނާއި 24 ފަޅުވެރިން ކަމަށެވެ.

މަތިންދާ ބޯޓުގައި ދަތުރުވެރިއެއްގެ ގޮތުގައި އެވަގުތު އިން ޑޭވިޑް ރިހްމާރް ނަމަކަށް ކިޔާ އިންޖިނޭރަކު ބީބީސީއަށް ބުނެފައި ވަނީ ހަލާކުވީ އިންޖީނެއްގެ ފަންކާ ކަމަށެވެ. އޭނާ ބުނެފައި ވަނީ ހާދިސާ ހިނގި ވަގުތު ބޯޓު ކުއްލިއަކަށް ތެޅި ގަނެ، ބާރު އަޑެއް އިވުނު ކަމަށެވެ. އޭނާ ބުނީ ބޯޓު ވެއްޓިދާނެ ކަމުގެ ބިރު އެވަގުތު ހީވި ކަމަށާއި އެހެން ނަމަވެސް ވަރަށް އަވަހަށް ހަމައަކަށް އެޅުނު ކަމަށެވެ. ބޯޓު ހަމައަކަށް އެޅުނީ މައްސަލަ ޖެހުނު އިންޖީނު ވަރަށް އަވަހަށް ނިއްވާލުމުންނެވެ.

އެއް އިންޖީނު ހަލާކުވުމުން ކެނެޑާގެ އިރުމަތީގައިވާ ލަބްރެޑޯރް ނަމަކަށް ކިޔާ ރަށުގެ އެއާޕޯޓަށް ޖެއްސުމަށްޓަކައި އެއް ގަޑި އިރުވަންދެން މަތިންދާބޯޓް ދުއްވީ ތިން އިންޖީނުންނެވެ.

ހަލާކުވެފައިވާ އިންޖީނުގެ ފޮޓޯތައް ދަތުރުވެރިން ވަނީ މީޑިއާތަކާ ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އިންޖީނު ހަލާކުވުމުގެ ސަބަބުން މަތިންދާބޯޓުގެ ފިޔަ ގަނޑަށް ވެސް ކުދި ކުދި ގެއްލުންތައް ވަނީ ވެފައެވެ.

އެއާފްރާންސުން ބުނީ ހާދިސާ ހިނގުމުން ކުރިމަތިވި ހާލަތުގައި ފަޅުވެރިން މަސައްކަތްކޮށްފައި ވަނީ ވަރަށް ފުރިހަމަކޮށް ކަމަށެވެ.

ކުއްލި ހާލަތުގައި މަތިންދާބޯޓް ޖެއްސި ގޫޒް ބޭ އެއާޕޯޓަކީ އެއާ ބަސް އޭ 380 މަރުކާގެ މަތިންދާބޯޓްތައް ޖައްސާ ގޮތަށް ތަރައްގީ ކޮށްފައިވާ އެއާޕޯޓެއް ނޫނެވެ. އެފް66 އަކީ އެމަރުކާގެ ބޯޓެކެވެ. އެހެންވެ، ބޯޓު ޖެއްސިތާ އެތައް އިރެއް ވަންދެން ދަތުރުވެރިން ތިބެން ޖެހުނީ ބޯޓު ތެރޭގައެވެ. އެމީހުން އުފުލީ އެއާ ފްރާންސުން ފަހުން ފޮނުވި ދެ މަތިންދާބޯޓެއްގަ އެވެ.