ސްޕެއިންގެ ދަށުން މިނިވަންވެ، ވަކި ދައުލަތެއް އުފައްދަން ފެނޭތޯ ކެޓަލޯނިއާ މީހުން ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓަށް ހުރަސް އަޅަން ސްޕެއިން ސަރުކާރުން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ވޯޓްލާ މަރުކަޒުތަކަށް މީހުން ދިޔަ ނުދިނުމަކީ އެގޮތުން އަޅާ އެންމެ ފަހު ފިޔަވަޅެވެ.
ކެޓަލޯނިއާ ސަރަހައްދުގެ ނޫހެއް ކަމަށްވާ ކެޓަލާން ނިއުސް ބުނީ ވޯޓްލާން ހަމަޖެހިފައިވާ ވަގުތު ޖެހޭ އިރު މަރުކަޒަށް ވަނަ ނުދީފާނެތީ އެތައް ހާސް ބަޔަކު ރެއިއްސުރެ ތިބީ ވޯޓްލާ މަރުކަޒުތަކަށް ގޮސް ކަމަށެވެ.
އެނޫހުން ބުނީ ސްޕެއިންގެ ކޮންސްޓިޓިއުޝަނަލްކޯޓުން ޣައިރު ގާނޫނީ ކަމެއް ކަމަށް ނިންމާފައިވާ ވޯޓްލިޔަ ނުދޭން ވެގެން ސަރަހައްދީ ސަރުކާރުގެ ގިނަ އޮފީސްތަކަކަށް ސްޕެއިން ފުލުހުން ވަދެ، ގިނަ އޮފިޝަލުންތަކެއް ހައްޔަރުކޮށް، އެތައް މިލިޔަން ވޯޓު ކަރުދާހެއް ގެންގޮސްފައިވާ ކަމަށެވެ. ސްޕެއިން ސަރުކާރުން ވަނީ ކެޓަލޯނިއާ މިނިވަން ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކާ ގުޅުން ހުރި ގިނަ އަދަދެއްގެ ވެބްސައިޓްތައް ވެސް ހުއްޓުވާފައެވެ.
ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުން ގާއިމްކޮށްފައިވާ ވޯޓްލާ މަރުކަޒުތައް ބަންދުކުރަން އެގައުމުގެ ހައިކޯޓުން ވަނީ ހޯމް މިނިސްޓްރީއަށް އަމުރުކޮށްފައެވެ. އެ އަމުރު ތަންފީޒު ކުރަން ހޯމް މިނިސްޓްރީން އެންގި ނަމަވެސް މަރުކަޒު ތަކުން މީހުން ނެރުމަށް ކެޓަލޯނިއާ ސަރަހައްދަށް ނިސްބަތްވާ ފުލުހުން މަސައްކަތް ނުކުރާ ކަމަށް ސަރަހައްދީ ސަރުކާރުން ވަނީ އަޑު ފަތުރާފައެވެ.
ވޯޓަށް ފަހު ވާނީ ކިހިނެތް؟
ކެޓަލޯނިއާ މިނިވަން ވާން ފެނޭތޯ ނަގާ ވޯޓުގައި އެކަމަށް ތާއީދު ކުރާ މީހުންނަށް އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ނަތީޖާ އިއުލާން ކުރާތާ 48 ގަޑި އިރުގެ ތެރޭގައި ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ސަރަހައްދީ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެވޯޓުގެ ސައްހަކަން ކަނޑައަޅަން ވަކި އަދަދެއްގެ މީހުން ވޯޓުގައި ބައިވެރިވާން ނުޖެހޭނެ ކަމަށް ވެސް އެމީހުން ވަނީ ނިންމާފައެވެ.
ކެޓަލޯނިއާ ވަކި ދައުލަތަކަށް ހަދަން އުޅޭ މީހުން މިގޮތަށް ނިންމާފައި އޮތަަސް ސްޕެއިން ސަރުކާރުން ބުނަމުން ދަނީ ކޮންމެ ނަތީޖާއެއް އަޔަސް ސްޕެއިން ސަރުކާރުން އެވޯޓް ބަލައި ނުގަންނާނެ ކަމަށެވެ.
މިއީ ސައްހަ ވޯޓެއް ތަ؟
ވޯޓްލާން އުޅެނީ އެކަން އެގޮތަށް ކުރުމަށް ކެޓަލޯނިއާގެ ސަރަހައްދީ ޕާލަމެންޓުން އެގޮތަށް ނިންމައިގެންނެވެ. އެހެންވެ ސަރަހައްދީ ސަރުކާރުން ގަބޫލު ކުރަނީ އެއީ އަމިއްލަ ކަންކަމުގައި ގޮތް ނިންމުމަށް އެމީހުންނަށް ލިބިގެންވާ ހައްގެއްގެ ބޭނުން ކުރުން ކަަމަށާއި އެހެންވީމާ އެއީ ސަައްހަ މަސައްކަތެއް ކަމަށެވެ.
ނަަމަވެސް ސްޕެއިން ސަރުކާރުން ބުނަނީ ކެޓަލޯނިއާ މިނިވަން ވާން ފެނޭތޯ ބަލަން ވޯޓް ނުލެވޭނެ ކަަމަށް ކޮންސްޓިއުޝަނަލް ކޯޓުން ނިންމާފައި ވާތީ އެއީ ޣައިރު ގާނޫނީ ކަމެއް ކަމަށެވެ. އަދި ބުނަމުން ދަނީ އެފަދަ ވޯޓެއް ނެގޭނީ ސްޕެއިންގެ މަރުކަޒީ ޕާލަމެންޓުގެ އަޚުލަބިއްޔަތުން އެގޮތަށް ފާސްކޮށްގެން ކަމަށެވެ. ސްޕެއިންގެ ވެރިކަން ކުރާ ޕާޓީން ބުނެފައި ވަނީ ސްޕެއިން ބައިބައި ވުމަށް ޖާގަ ނުދޭން ގާނޫނު އަސާސީގައި އޮންނާތީ އެކަމަށް ޕާލަމެންޓުން ގޮތެއް ކަނޑަ ނޭޅޭނެ ކަމަށެވެ.