ދުނިޔެ

އެމެރިކާއިން އުތުރު ކޮރެއާއާ ވާހަކަ ދައްކަން ފަށައިފި

އުތުރުކޮރެއާއިން ކުރިއަށް ގެންދާ ނިއުކްލިއަ މަޝްރޫއުގެ މައްސަލައިގައި އެގައުމާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަމުންް ދާ ކަމަށާއި އެހެން ނަމަވެސް މަޝްވަރާ ކުރަން އުތުރުގެ ޝައުގުވެރިކަން ނެތް ކަަމަށް އެމެރިކާއިން ބުނެފިއެވެ.

އުތުރުކޮރެއާއާ ސީދާ ގޮތެއްގައި ވާހަކަ ދައްކާކަން ހާމަ ކުރެއްވީ މިހާރު ޗައިނާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރިކްސް ޓިލާސަންއެވެ. ދެގައުމުގެ ދެމެދުގައި ހިނގާ މުއާމަލާތްތަކާ ބެހޭ ގޮތުން ޓިލާސަން މިހާ ތަފުސީލުކޮށް ވާހަކަ ދެއްކެވި މިއީ ފުރަތަމަ ފަހަރެވެ.

"އަހަރެމެން އެހިން ވާހަކަ ދައްކަން ބޭނުންވޭތޯ. އަހަރެމެންގެ މުއާސަލާތީ ލައިންތަކެއް އެބަހުރި ޕިޔޮންޔޮންއަށް،" ޗައިނާގެ ވެރިރަށް ބެއިޖިންގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓިލާސަން އިއްޔެގައި ވިދާޅުވިއެވެ.

އުތުރުކޮރެެއާއާ ސީދާ ގޮތެއްގައި ވާހަކަ ދައްކަމުން އަންނަ ކަމަށް ވިދާޅުވިޔަސް އެކަމުގައި ޝާމިލުވަނީ އެމެރިކާގެ ކޮންކޮން އޮފިޝަލުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އެމެރިކާއިން އުތުރުކޮރެއާއާ ސީދާ ގޮތެއްގައި މުއާމަލާތްކުރާ ކަން ހާމަ ކުރުމާ ގުޅިގެން އުތުރު ކޮރެއާ ސަރުކާރުގެ ބަހެއް ހޯދަން އދ.ގައި ތިއްބަވާ އެގައުމުގެ އޮފިޝަލުންނާ ރޮއިޓާސް އިން ސުވާލު ކުރި ކަަމަށް އެ އެޖެންސީން ބުންޏެވެ. އަދި ބުނީ އެކަމުގެ ތަފުސީލު ދެވެން ނެތް ކަމަށް އޮފިޝަލުން ވިދާޅުވި ކަމަށެވެ.