ދުނިޔެ

ކެޓަލޯނިއާ މިނިވަންވުމުގެ ވޯޓަށް ހުރަސް އަޅައި 300 މީހުން ޒަހަމްކޮށްލައިފި

ސްޕެއިންގެ ދަށުން މިނިވަންވެ، ވަކި ދައުލަތެއް އުފައްދަން ފެނޭތޯ ކެޓަލޯނިއާ މީހުން މިއަދު ނަގަން އުޅުނު ވޯޓަށް ހުރަސް އަޅަން ފުލުހުން ބާރު ބޭނުން ކުރުމުގެ ސަބަބުން 300 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

މިނިވަންވާން ފެނޭތޯ ކެޓަލޯނިއާ ސަރަހައްދުގެ ވެރި ރަށް ބާސެލޯނާގައި މިއަދު ކުރި މުޒާހަރާތައް ހުއްޓުވަން ފުލުހުން ވަނީ މުގުރާއި ރަބަރު ވަޒަން ވެސް ބޭނުން ކޮށްފަ އެވެ. ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުން ބުނީ ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ހޮސްޕިޓަލްތަކާއި ފުލުހުންގެ މަރުކަޒުތަކުން 337 މީހަކު ފަރުވާ ހޯދި ކަމަށެވެ.

ސްޕެއިންގެ މަައި ސަރުކާރުން ބުނީ ހަމަނުޖެހުންތަކުގައި ފުލުހުންގެ 11 މީހަކަށް އަނިޔާވި ކަމަށެވެ.

ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕޫގް ޑިމޮންޓް ވިދާޅުވީ ސްޕެއިންގެ ސަރުކާރުން އިންސާފެއް ނެތި ހިންގާ ހަމަ ނުޖެހުންތަކަކުން، ކެޓަލޯނިއާ މީހުންގެ އަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުން ގާއިމްކޮށްފައިވާ ވޯޓްލާ މަރުކަޒުތައް ބަންދުކުރަން އެގައުމުގެ ހައިކޯޓުން ވަނީ ހޯމް މިނިސްޓްރީއަށް އަމުރުކޮށްފައެވެ. އެ އަމުރު ތަންފީޒު ކުރަން ހޯމް މިނިސްޓްރީން އެންގި ނަމަވެސް މަރުކަޒު ތަކުން މީހުން ނެރުމަށް ކެޓަލޯނިއާ ސަރަހައްދަށް ނިސްބަތްވާ ފުލުހުން މަސައްކަތް ނުކުރާ ކަމަށް ސަރަހައްދީ ސަރުކާރުން ވަނީ އަޑު ފަތުރާފައެވެ.

ކެޓަލޯނިއާ މިނިވަން ވާން ފެނޭތޯ ނަގާ ވޯޓުގައި އެކަމަށް ތާއީދު ކުރާ މީހުންނަށް އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ނަތީޖާ އިއުލާން ކުރާތާ 48 ގަޑި އިރުގެ ތެރޭގައި ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ސަރަހައްދީ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެވޯޓުގެ ސައްހަކަން ކަނޑައަޅަން ވަކި އަދަދެއްގެ މީހުން ވޯޓުގައި ބައިވެރިވާން ނުޖެހޭނެ ކަމަށް ވެސް އެމީހުން ވަނީ ނިންމާފައެވެ.

ކެޓަލޯނިއާ ވަކި ދައުލަތަކަށް ހަދަން އުޅޭ މީހުން މިގޮތަށް ނިންމާފައި އޮތަަސް ސްޕެއިން ސަރުކާރުން ބުނަމުން ދަނީ ކޮންމެ ނަތީޖާއެއް އަޔަސް ސްޕެއިން ސަރުކާރުން އެވޯޓް ބަލައި ނުގަންނާނެ ކަމަށެވެ.


ވޯޓްލާން އުޅެނީ އެކަން އެގޮތަށް ކުރުމަށް ކެޓަލޯނިއާގެ ސަރަހައްދީ ޕާލަމެންޓުން އެގޮތަށް ނިންމައިގެންނެވެ. އެހެންވެ ސަރަހައްދީ ސަރުކާރުން ގަބޫލު ކުރަނީ އެއީ އަމިއްލަ ކަންކަމުގައި ގޮތް ނިންމުމަށް އެމީހުންނަށް ލިބިގެންވާ ހައްގެއްގެ ބޭނުން ކުރުން ކަަމަށާއި އެހެންވީމާ އެއީ ސަައްހަ މަސައްކަތެއް ކަމަށެވެ.


ނަަމަވެސް ސްޕެއިން ސަރުކާރުން ބުނަނީ ކެޓަލޯނިއާ މިނިވަން ވާން ފެނޭތޯ ބަލަން ވޯޓް ނުލެވޭނެ ކަަމަށް ކޮންސްޓިއުޝަނަލް ކޯޓުން ނިންމާފައި ވާތީ އެއީ ޣައިރު ގާނޫނީ ކަމެއް ކަމަށެވެ. އަދި ބުނަމުން ދަނީ އެފަދަ ވޯޓެއް ނެގޭނީ ސްޕެއިންގެ މަރުކަޒީ ޕާލަމެންޓުގެ އަޚުލަބިއްޔަތުން އެގޮތަށް ފާސްކޮށްގެން ކަމަށެވެ. ސްޕެއިންގެ ވެރިކަން ކުރާ ޕާޓީން ބުނެފައި ވަނީ ސްޕެއިން ބައިބައި ވުމަށް ޖާގަ ނުދޭން ގާނޫނު އަސާސީގައި އޮންނާތީ އެކަމަށް ޕާލަމެންޓުން ގޮތެއް ކަނޑަ ނޭޅޭނެ ކަމަށެވެ.

ސްޕެއިނުގެ އާބާދީގެ 16 ޕަސެންޓް މީހުން ދިރިއުޅެނީ ކެޓަލޯނިއާގައެވެ. އަދި އެގައުމުން އެކްސްޕޯޓް ކުރާ މުދަލުގެ 25.6 ޕަސެންޓް އުފައްދަނީ އެ ސަރަހައްދުގައެވެ. އަދި ސްޕެއިންގެ ޖީޑީޕީގެ 19 ޕަސެންޓަކީ އެ ސަރަހައްދުން ލިބޭ އާމްދަނީއެވެ.