ހަބަރު

ދައުވާ ކުރުމުގައި އަމަލު ކުރާނެ އާ ގަވައިދެއް

ޕްރޮސެކިއުޓް ކުރުމުގެ އިޖްރާއަތުގެ އާ ގަވާއިދަށް މިއަދު އަމަލު ކުރަން ފަށައިފި އެވެ. މި ގަވައިދަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ލިބިދޭ ބާރުގެ ދަށުން ހެދި ގަވައިދު އުވާލުވުމަށްފަހު އެކުލަވާލި އާ ގަވައިދެކެވެ.

ޕްރޮސެކިއުޓް ކުރުމުގެ އިޖްރާއާތުގެ ގަވާއިދުގައިވާ ގިނަ ކަންކަމަކީ ޖިނާއީ އިޖުރާއަތުގެ ގަވައިދުގައި ވެސް ހިމެނޭ ކަންކަމެވެ. ނަމަވެސް ޝަކުވާ ހުށަހެޅުމާއި ޝަކުވާއާ ގުޅިގެން ޕީޖީއިން ތަހުގީގީ މުއައްސަސާތަކަށް އަންގާ އެންގުމާ ގުޅިގެން އަމަލު ކުރާ ގޮތް މި ގަވައިދުގައި ބަދަލުކޮށްފައި ވެއެވެ.

މިއަދު ގެޒެޓްކޮށް އަމަލުކުރަން ފެށި ގަވައިދުގައިވާ ގޮތުން ޕީޖީއަށް ހުށަހެޅޭ ޝަކުވާއަކާ ގުޅިގެން އެ އޮފީހުން ތަހުގީގީ މުއައްސަސާއަކަށް މައްސަލައެއް ތަހުގީގުކުރަން އަމުރު ކޮށްފިނަމަ އެ މައްސަލައެއްގެ ތަހުގީގު ކުރިއަށްދާ މިންވަރު އެ އޮފީހާ ހިއްސާ ކުރަންޖެހެ އެވެ. އެ މައްސަލައެއް އިންވެސްޓިގޭޓް ކުރާނެ އޮފިސަރެއް ކަނޑައަޅައި ހަތް ދުވަހުގެ ތެރޭގައި ތަހުގީގީ އިދާރާ އިން ޕީޖީއަށް އަންގަންޖެހޭނެ އެވެ.

ގަވައިދުގައިވާ ގޮތުން ޕީޖީއަށް ޝަކުވާ ހުށަހެޅޭނީ ދެ ހާލަތެއްގަ އެވެ. އެއީ، ތަހުގީގީ އިދާރާއަކަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ އެ އިދާރާއަކުން ނުބެލުމާއި އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރާނަމަ އެވެ.

މީގެ އިތުރުން ދައުވާ ކުރުމުގެ ބަދަލުގައި ނަސޭހަތްދީ ދޫކޮށްލުމުގައި ގޮތެއް ކަނޑައަޅެމުގައި ލަފާދޭ ކޮމިޓީގެ މެންބަރުންގެ އަދަދު އާ ގަވައިދުގައި ވަނީ ދަށްކޮށްފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މެންބަރުންގެ އަދަދަކީ ފަހެއް ކަމަށް ބުނެފައިވާއިރު މިހާރު ވަނީ އާ ގަވައިދާއެކު އެ އަދަދު ތިނަކަށް ބަދަލުކޮށްފަ އެވެ.

އެ ކޮމެޓީ އެކުލެވިގެން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ގާއިމްކޮށްފައިވާ ޕްރޮސިކިއުޝަނާބެހޭ ޔުނިޓުތަކުގެ އޯވާއޯލް ހެޑުންނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ވިކްޓިމް ސަޕޯޓު ޔުނިޓުގެ ހެޑުންގެ މައްޗަށެވެ. ކޮމެޓީގައި މަދުވެގެން ފަސް މެންބަރުން ތިއްބަވަންޖެހޭއިރު ރިޔާސަތު ބަލަހައްޓަވާނީ ކޮންމެ ތިން މަހަކުން އެއް މަހު ބަދަލުވާ ގޮތަށް ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލެކެވެ.

މި ކޮމެޓީގެ ލަފާގެ މަތިން އެމީހެއްގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާނީ ޕީޖީ އެވެ. ދައުވާ ނުކުރުމަށް ނިންމައިފިނަމަ އެމީހަކާއި ޕީޖީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެ އެވެ. އެ އެއްބަސްވުމުގައި ބަޔާންކުރާ ޝަރުތުތަކާ ހިލާފު ނުވެއްޖެނަމަ ދައުވާ ނުކުރާނެ ކަމުގެ ޔަގީންކަން އޮންނާނެއިރު ޝަރުތުތަކާ ހިލާފުވެއްޖެނަމަ ދައުވާކުރުމުގެ ބާރު ޕީޖީއަށް ލިބިގެންވެ އެވެ.