އިޒްރޭލް

އިޒްރޭލުގެ ޖަލު އަނިޔާގައި ފަލަސްތީނުގެ 3100 ކުޑަކުދިން!

ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭ އިޒްރޭލުން ހައްޔަރު ކުރި ފަަލަސްތީނު މީހުންގެ އަދަދު 14000 އަށް އަރައިފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަލަސްތީނުގެ ޖަމާއަތަކުން އާއްމު ކުރި ތަފާސް ހިސާބުތަކަކުން ދައްކާ ގޮތުގައި 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިއަހަރުގެ މިހާތަނަަށް ހައްޔަރުކުރި 14000 މުސްލިމުންގެ ތެރޭގައި 31000 ކުޑަކުދިންނާއި 437 އަންހެނުން ހިމެނެ އެވެ.

ޕެލަސްޓައިން ސެންޓަ ފޯ ޕްރިޒަނާސް އިން ބުނެފައިވާ ގޮތުގައި ހައްޔަރު ކުރި އެންމެންނަށް ވެސް އިޒްރޭލުގެ ހުރަގެތަކުގައި ނަފުސާނީ ނުވަތަ ޖިސްމާނީ ގޮތުން އިންސާނިއްޔަތާ ހިލާފު އެތައް އަހުވައެއް ވަނީ ދައްކާފަ އެވެ. އެގޮތުން އިޒްރޭލުން ވަނީ ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ ހުރިހާ ގާނޫނަކާ ވެސް ހިލާފުވެފަ އެވެ.

އިޒްރޭލުން މީހުން ހައްޔަރު ކުރުން އިތުރުކުރީ ގުދުސްގައި އަރަބީން ދިރިއުޅޭ މިންވަރު މަދުކުރަން ކުރާ މަސައްކަތާ ދެކޮޅަށް ފަލަސްތީނު މީހުން ކުރަން ފެށި މުޒާހަރާތަކާ ގުޅިގެންނެވެ. އެ ހަރަކާތްތައް ހުއްޓުވަން އިޒްރޭލު ސަރުކާރުން 2860 އިދާރީ އަމުރު ނެރުނު އިރު އޭގެ ތެރެއިން 17 އަމުރު ނެރެފައި ވަނީ އަންހެނުން ހައްޔަރު ކުރުމަށެވެ. އަދި 42 އަމުރު ނެރެފައި ވަނީ ކުޑަކުދިން ހައްޔަރު ކުރުމަށެވެ.

ހައްޔަރު ކުރި ކުޑަކުދިންގެ ތެރޭގައި 65 އަންހެން ކުދިން ހިމެނޭ އިރު އެކުދިން ހައްޔަރުކޮށްފައި ވަނީ ބަޑި ޖަހައި ޒަހަމްވެސް ކޮށްލުމަށް ފަހުގައެވެ.

ފަލަސްތީނު މީހުން ހައްޔަރުކުރުމުގައި އިޒްރޭލުގެ އަނިޔާވެރިކަން ހުރި މިންވަރު ދައްކައިދޭ އަނެއް ކަމަކީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ނުކުޅެދޭ ނުވަތަ ބަލި ހާލުގައިވާ 240 މީހުން ހިމެނުމެވެ. އަދި އުމުރުން ދުވަސްވެ، ގައިބާރު ދެރަވެފައިވާ 150 މީހުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އިޒްރޭލުން ހިންގާ ޖަރީމާތައް ބައިނަލް އަގުވާމީ މުޖުތަމައަށް ހާމަ ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ފަލަސްތީނުގެ 115 ނޫސްވެރިއަކުވެސް ފާއިތުވި ދެ އަހަރުގެ ތެރޭގައި ހައްޔަރު ކުރިއެވެ.

އިޒްރޭލުން މިދިޔަ ދެ އަހަރުގެ ތެރޭގައި އިޒްރޭލުގެ ޖަލުތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދަކީ ހައެކެވެ.

އިޒްރޭލުން ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނާއި ނޫސްވެރިން ހައްޔަރު ކޮށް އިންސާނިއްޔަތާ ހިލާފު އަދަބުތައް ދެމުން ދާއިރު އދ. ގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެޖެންސީން ބުރަކޮށް މަސައްކަތް ކުރަމުން ދަނީ ބައެއް ގައުމުތަކުގައި އަދަބު ލިބޭ ސިޔާސީ ވެރިންނަށް އިންސާފު ހޯދައިދެވޭތޯ އެވެ.