ސްރީލަންކާގެ ހިމާޔަތުގައި ތިބި ރޯހިންޔާ ރެފިއުޖީންގެ ބަޔަކަށް އެ ގައުމުގެ ބުޑިސްޓް ހާމުދުރުން ހަމަލާދިން މައްސަލައިގައި ހަތަރު ހާމުދުރަކު ހައްޔަރު ކޮށްފި އެވެ.
ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ ހައްޔަރު ކުރި ހާމުދުރުން މި އޮކްޓޯބަރުމަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ބަންދުގައި ބައިތިއްބަން ކޯޓުން މިއަދު މުއްދަތު ޖަހައިދީފައިވާ ކަމަށެވެ. މުއްދަތު ޖެހި ހާމުދުރުންގެ އިތުރުން އެހެން ދެ ހާމުދުރަކު ވެސް މިއަދު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.
ނަން ހާމަ ނުކުރާ ފުލުހަކާ ހަވާލާދީ އޭއެފްޕީން ބުނީ މައުންޓް ލެވީނިއާގައިވާ އދ. ގެ ސޭފް ހައުސްގައިި ތިބި ރޯހިންޔާ ރެފިއުޖީންނަށް މިދިޔަ ބުރާސްފަތި ދުވަހު ހަމަލާދިން ހާމުދުރުން ދެނެގަނެވިފައިވާ ކަަމަށާއި އެމީހުން ހައްޔަރު ކުރަން މަސައްކަތް ފަށާފައިވާ ކަަމަށެވެ.
ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާ ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވަނީ މުޒާހަރާއެއްގެ ގޮތުގަ އެވެ. ނަމަވެސް ސަރަހައްދީ އެހެން ގައުމުތަކުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވަނީ ހަމަލާއެއްގެ ގޮތުގަ އެވެ. އެގޮތުން ޕާކިސްތާނުގެ ދަ އެކްސްޕްރެސް ޓްރައިބިއުން އިން ބުނީ ހާމުދުރުން ސޭފްހައުސްއަށް ގާ އުކައި އެތަނުގެ ބިއްލޫރިތައް ވެސް ތެޅި ކަމަށެވެ. އެ ނޫހުން ބުނީ ހާމުދުރުން ހުއްޓުވުމުގައި އިހުމާލުވި ކަމަށް ބެލެވޭ ބައެއް ފުލުހުންނާ ވެސް ލަންކާ ސަރުކާރުން ސުވާލު ކުރަމުން އަންނަ ކަމަށެވެ.
ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ލަންކާގައި ތިބޭ ރޯހިންޔާ މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިއްބާ ނަގައިގެން ލަންކާ ކަނޑުގެ ސިފަައިން ނަގައިގެން ގެނައި ބައެކެވެ