ލައިފްސްޓައިލް

އައިނު އެޅުމުން މާ ރީތި، ދަމާބާރެއް ވެސް ހުރޭ!

Oct 11, 2017
9

ފިރިހެން ކުދިންނަށް މިހާރު އަންހެން ކުއްޖަކު ކަމުދަނީ ވެސް ވަރަށް ބޮޑުވަރުކޮށްލައިގެނެވެ. ތުންފަތުގައި ހާކާލާ ލިޕްސްޓިކުން އަންހެން ކުއްޖާ ރީތިވާ ޒަމާން ފިރިހެން ކުދިން ގައިމުވެސް ދޫކޮށްލައިފި އެވެ. މިހާރު އަންހެން ކުއްޖެއް ފެންނަ އިރަށް ބޮޑަށް އަޅައި މިގަންނަނީ އެ ކުއްޖާ ލައިގެން އެހުންނަ ހެދުމަށެވެ. ނޫނީ ކަންފަތުގައި އެލުވާލާފައި އޮންނަ ބޮޅަށެވެ. ނޫނީ ލޮލޮގައި މިއަޅާ ފްރޭމް ބޮޑު އައިނަށެވެ.

ރީތި އަންހެން ކުއްޖެއްގެ ސިފަތައް ކިޔާއިރު މިހާރު ލިސްޓްގެ އެންމެ ކުރިއަށް އަންނާނީ އެކުއްޖާއަކީ ނަމްބަރު އައިނު އަޅާ ކުއްޖެއް ހެއްޔެވެ؟ ބޮޑު ފްރޭމެއް ލީ އައިނެއް އަޅާ ކުއްޖަކަށް ވާން ޖެހޭނެ އެެވެ. ހިތިފަތު ބުމައާއި، ގިއުޅު އަތުކުރި އާ އެއްޗެހި މި އަންނަނީ އޭގެ ފަހަށެވެ. އަންހެން ކުދިން ރީތިކޮށްލަން ނަމްބަރު އައިނުގެވެސް ވަކި ހާއްސަ ފްރޭމްތަކެކެވެ. ކުދި ކުދި ފްރޭމްތަކުގެ އައިނު އަޅާ އަންހެން ކުދިން މި ބުނާ ކެޓެގަރީއަށް ނުފެތޭ ކަމަށް ފިރިހެނުން ނިންމަ އެވެ. އެންމެ ރީތީ ބޮޑެތި ފްރޭމްތައް ލާފައި ހުންނަ ނަމްބަރު އައިނެވެ. އަވި އައިނުވެސް ކަމަކު ނުދެ އެވެ.

ފިރިހެނުންގެ ޝައުގުވެރިކަން ދަމައިގަންނަން ލޮލުގެ މައްސަލަ ނުހުންނަ ކުދިންވެސް ނަމްބަރު އައިނު ފާޑަށް ހުންނަ "ފޭކު" އައިނު ގެންގުޅެ އެވެ. މި އައިނެއް އަޅާކުދިން ލޮލުގެ މައްސަލަ ހުރެގެން އައިނު އަޅާ ކުދިންނަށްވުރެ ގިނައިން އައިނު އަޅައިގެން އުޅެ އެވެ. ކަންމަތީ ފިހާރަަށް އެއްޗެއް ގަންނަންވެސް ދެވެނީ ބޮޑު ފްރޭމް ލީ އައިނު އަޅައިގެންނެވެ.

ކުއްލިއަކަށް ބޮޑު ފްރޭމްލީ އައިނުގެ ފެޝަން މާ ބޮޑަށް ހިނގައިގަނެގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ އައިނު އަޅައިގެން ރީތިކަން އިތުރުވަނީ ހެއްޔެވެ؟ ނޫނީ މާ ބޮޑު ރީތިކަމެއް ލިބެނީ ހެއްޔެވެ؟ ތަފާތެއް ގެންނަނީ ހެއްޔެވެ؟

"އާނ، އައިނު އެޅީމަ ރީތިވެސް ވޭ، ރީތިކަން އެކަންޏެއް ވެސް ނޫން އިނގޭ، ހިތް ލަނބުވާލާ ހާއްސަ ގޮތެއް ވެސް ހުންނަނީ، ބޮޑެތި ފްރޭމްލީ އައިނު އަޅަންޏާ ވަރަށް އަސަރު ކުރުވާ ގޮތެއް ހުންނަނީ، އައިނޭ މިބުނީ ބޮޑެތި ފްރޭމް ހުންނަ އައިނު، ހާއްސަކޮށް ކަޅު ފުރޭމް" އެ ސުވާލަށް ޒުވާން ފިރިހެން ކުއްޖަކު ދިން ޖަވާބަކީ މިއީ އެވެ.

ޒުވާން ފިރިހެނުންގެ މި ވާހަކަޔާއި ސައިންސުގެ ވާހަކަ އާ އެބަ ދިމާވެ އެވެ. ސައިންސު ބުނާ ގޮތުގައި އައިނަކީ މީހާގެ ރީތިކަން އިތުރުކޮށްދޭ މީހާ ބަދަލުކޮށްލާ ކަމެކެވެ. އަދި އައިނު އެޅުމުން އަންހެން ކުދިންގެ މޫނަށް ބަދަލު އައިސް ތަފާތު ދައްކުވައިދެ އެވެ. ހާއްސަކޮށް މީހާގެ މޫނަށް އަންނަ އެ ބަދަލަކީ އިދިކޮޅު ޖިންސަށް އަސަރު ކުރުވާ ހިތް ލެނބުން އިތުރުކޮށްދޭ ކަމެކެވެ.

ފިރިހެނުން ތުނބުޅި މަތިމަސް ބާލާފައި ހުންނަ އިރު މޫނުމަތިމް ތަފާތު ދައްކާ ވަރަށް އަންހެން ކުދިން އައިނު އެޅުމުން ތަފާތުވެފައި ރީތި ކަމަށް ވެއެވެ.

"އައިނު އަޅައިގެން ހުންނަ އިރު ހީވާނެ ލޮލަށް އެޓްރެކްޓް ވާ ކަހަލަ ދަމާބާރެއް ހުންނަހެންވެސް، ހީވާނެ ލޮލުގައި އަޑި ނޭނގޭ ސިއްރެއް ހުންނަހެން، މިސްޓީރިއަސް، އެހެންވެ އެކަން ދެނެގަންނަން ބޭނުންވަނީ، އެހެންވެ ކަންނޭނގެ އައިނު އަޅާ ކުއްޖަކާ ރައްޓެހިވެވުނީ ވެސް،" އައިނު އަޅައިގެން އުޅޭ ބިޓެއް ގެންގުޅޭ ކުއްޖަކު ބުންޏެވެ.

އެހެންވީމަ ވީހާވެސް ބޮޑު ފްރޭމް ލާފައި ހުންނަ އައިނު ގިނަ އަންހެން ކުދިން މި އަޅަނީ ފިރިހެނުންގެ ސަމާލުކަން ހޯދަންތާ އެވެ. މިކަމާ ދެކޮޅު ހަދާފައި ގިނަ އަންހެން ކުދިން ވާހަކަ ދައްކާނެ އެވެ. އެކަމަކު ލޮލުގައި މައްސަލަ ނެތަސް ބޮޑު ފްރޭމް ލީ "ފޭކު" އައިނު އަޅަނީ ދެން އެހެން ކޮން ކަމަކުކަން ޔަގީން ކޮށްދޭށެވެ،

ފަހުގެ ފެޝަންތަކާއި ޓްރެންޑްތަކަށް އަންނަ ބަދަލަކީ ގިނަ ފަހަރަށް އެހާ ވިސްނައިގަންނަން ފަސޭހަ ބަދަލުތަކެއް ނޫނެވެ. އެކަމަކު ބޮޑު ދުނިގަނޑުގެ އައިނު އަންހެން ކުދިން އަޅައިލުމުން އިދިކޮޅު ޖިންސަށް ވަރަށް އަސަރު ކުރުވާކަން ވަރަށް ރަނގަޅަށް މިހާރު އެނގެ އެވެ.

"މިހާރު ކަންފަތުލާ އެއްޗެއްހި ވެސް މި ލައްވާ ގޮތަށް އައިނު ވެސް އާންމުކޮށް ފަހަކަށް އައިސް މި އަޅަނީ އެކްސަސަރީ އެއް ގޮތަށް، އެއީ ފެޝަން އެކްސަސަރީ އެއް، މިހާރަށް ބަލަންޏާ،" ރާއްޖޭގައި މިހާރު އެންމެ މަގުބޫލު ސްޓައިލިސްޓުންގެ ތެރޭގައި ހިމެނޭ ނޯނީ ބުންޏެވެ.

ފަހަކަށް އައިސް ގިނަ އަންހެން ސެލެބްރިޓީން ބޭރުތެރޭގަ އާއި ލަވަތަކުގައި ވެސް ބިސްބުރު ބައްޓަމަށް ހުންނަ އައިނާ ހަތަރެސްކަން ބައްޓަމުގެ ފްރޭމް ހުންނަ އައިނު އަޅައިގެން އުޅެ އެވެ. ފަހަރުގައި އެއީވެސް ވެދާނެ ގޮތެކެވެ. ސެލެބްރިޓީން ކޮޕީކުރުމަކީ ދިވެހިންގެ ތެރޭގައިވެސް އޮންނަ އާދަ އެކެެވެ.

ނަމްބައިރު އަޅާ ކުދިންނަކީ "ނާޑް" ކުދިންގެ ގޮތުގައި ސިފަކުރި ދުވަސްވަރެއް ދިޔަ އެވެ. ހަނގާ އާ ކުރިމަތިވެ އެހެން ކުދިންގެ އަމާޒު ފަތްގަނޑަކަށްވެ އައިނު އެޅުން ހުއްޓާލި ކުދިންވެސް އުޅުނެވެ.

އެ ދުވަސްވަރު ކުދިން ބޭނުންކުރި އައިނަކީ ކުދި ފްރޭމްތައް ލާފައި ހުންނަ އައިނެވެ. މިއަދު މަޝްހޫރު ވެގެން މިއުޅެނީ އޭގެ އިދިކޮޅެވެ. ވީހާވެސް ފްރޭމް ބޮޑު އައިނެވެ. ކަޅު ފްރޭމްތައް އަދި މާ ސަޅީ އެވެ. ހަތަރެސްކަން ފްރޭމް ނުވަތަ ކުކުޅު ބިސް ނުވަތަ ވަށް ފްރޭމްތަކަށް ހުންނަ އައިނެެވެ.

ކުރިން މި ކަހަލަ އައިނު ތަކަކީ "ކާފަ މާމަ" އައިނެވެ. ބޮޑެތި ފްރޭމްތައް ލާފައި ހުންނަ އައިނު އަޅަނީ މުސްކުޅިން ވީމަ އެވެ. އާންމުކޮށް ސައިޒުން ބޮޑު އައިނު އަޅަނީވެސް އުމުުރުން ދުވަސްވީ މީހުންނަށް ވީމަ އެވެ. ކްލާހުގައި އައިނު އަޅާ ކުއްޖަކު އިންނަމަ އެކުއްޖާ އާ ދިމާއަށް މާމަ ނުވަތަ ކާފަ އޭ ކިޔައިގެން ކުދިން މަލާމަތްކޮށް ދިމާކުރި ޒަމާނެއް ވެސް ދިޔަ އެވެ. އެކަމަކު މިއަދު ކްލާހުގައި އައިނު އަޅައިގެން އިންނަ އަންހެން ކުއްޖާ އަކީ ހުރިހާ ފިިރިހެން ކުދިންގެ "ކްރަޝް" އެކެވެ.

"އަހަރުމެން ކޮލެޖަށް ގޮސްފައި ބްރޭކް ގަޑިތަކުގައި ކެންޓީނަށް ދަނީ އެންމެ ކަމަކު، ކޮންމެ ދުވަހަކުވެސް އަންނާނެ އެތަނަށް އަންހެން ގްރޫޕެއް، އެތަނުން ވެސް ހުންނާނެ އައިނު އަޅާފައި ހުންނަ ކުއްޖަކު، ދޮނެއް ވެސް ނުވާނެ، އެކަމަކު އެންމެންނަށް ވެސް ކަމުދިޔައީ އެކުއްޖާ، އަހަރުމެންނާ އެކުގައި އުޅޭ އަންހެން ކުދިން ބުނާނެ އެ ކުއްޖާއަށް ވުރެ މާ ރީތި އަންހެން ކުދިން އެ ގްރޫޕްގައި ތިބެޔޭ، އެކަމަކުވެސް ނޭނގެ، އައިނު އެޅީމަ ހަމަ ކަމުދަނީ،" ގައުމީ ޔުނިވާސިޓީގައި ކިޔަވަމުން ދިޔަ ޒުވާނަކު ބުންޏެވެ.

"މަގޭ ބިޓަކީ ކްރަޝް އެއް ވަރަށް ކުރިންވެސް، އެކަމަކު އޭނަ ވަރަށް ނުދައްކާނެ ވާހަކަ، ލޯބިވާކަން އެނގިގެން މަގޭ ރައްޓެއްސެެއް ކައިރީގައި ބުންޏޯ މަ އެހާ ރީއްޗެއް ނޫނޭ، އެކަމަކު ލޮލުގައި މައްސަލަ ހުރެގެން މަ އައިނު އަޅަން ފެށިފަހުންރައްޓެހިވާން އެހީ، ހައިރާންވެސް ވި، ފަހުން ބުނި އަ އައިނު އަޅަން ފެށީމަ ރީތި ވިއްޔޯ،" ޒަމާން ތަކެއް ވަންދެން ހިތުގައި އަޅައިގެން އުޅުނު ފިރިހެން ކުއްޖާ ސެޓުވި ގޮތް ކިޔައިދެމުން އަންހެން ކުއްޖަކު ކިޔައިދިނެވެ.

ސޯޝަލް މީޑީއާގައި ބޮޑު ފްރޭމްލީ އައިނެއް އެޅި ރީތި މަންޖެއަކު ފޮޓޯއެއް ދޫކޮށްލައިފިނަމަ ރޮކެޓް ސްޕީޑުގައި ލައިކާއި ހިތްތައް ފޮނުވަން ފަށާނެ އެވެ. ކޮމެންޓްތަށް ވެސް ހީވާނީ އޮއްސާލާހެނެވެ.