ހަބަރު

ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެ ކުރާ ކަންކަން ދުނިޔެއަށް މުހިއްމު: އާސިމް

ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރެވޭނެ އާ ކިތަންމެ ގޮތްތަކެއް ރާއްޖޭގައި ތައާރަފުކޮށް ތަރައްގީ ކުރެވިފައިވާ ކަމަށާއި އެކަންތައްތައް ރަނގަޅަށް ދިރާސާކޮށްފި ނަމަ އެކަންތައްތައް ދުނިޔޭގެ އެހެން ގައުމުތަކަށް މުހިއްމުވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ރިސާޗް ސެންޓަރުން މިއަދު ފެށި މަލްޓި ޑިސިޕްލިނަރީ ރިސާޗާބެހޭ ބައިނަލް އަގުވާމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖޭގައި ގެންގުޅޭ އުސޫލުތަކުގެ އަގެއް ނެތީ އެކަންތައްތަކާ ބެހޭ ގޮތުން ރަނގަޅަށް ދިރާސާ ނުކުރެވޭތީ ކަމަށެވެ.

"ނަމަވެސް މި އުސޫލުތައް ހުރީ ރަނގަޅަށް ދިރާސާ ނުކުރެވި. އެހެންވީމާ އަގުވެސް ދަށްކޮށް. ދުނިޔެއަށް އިނގެން ބޭނުންވޭ މި ރަށްތަކާ ބެހޭ ގޮތުން. އެމީހުންގެ މުޅިން ތަފާތު ތަރިކަ ތަކާ ސަގާފީ އިލްމުތަކާ އަމަލުކުރާ ގޮތްތައް. އެއީ ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި މި އިލްމުތަކާއި ގޮތްތައް ބޭނުން ކުރެވޭނެތީ. އަދި ކުދި ޖަޒިރާ ގައުމުތަކަށް މާ ބޭނުންތެރި ކަންތައްތަކަށް މިކަންތައްތައް ވާނެ،" މިިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިލްމީ ހަބުތަކެއްގެ ގޮތުގައި ރާއްޖޭގެ ރަށްތައް ބޭނުންކުރެވިދާނެ ކަަމަށާއި އެގޮތުން އާ ކަންތައްތައް ވެސް އުފެއްދިދާނެ ކަމަށެވެ. އަދި އެގޮތުން ރާއްޖޭަން އުފައްްދާ ކޭސް ސްޓަޑީތައް މުޅި ދުނިޔެއަށް ވެސް ބޭނުންތެރި ވާނެ ކަަމަށް ވެސް ވިދާޅުވިއެވެ.

"ތެވެލި އިންޓަނޭޝަނަލް ކޮންފަރެންސް އޮން މަލްޓިޑިސިޕްލިނަރީ ރިސާޗް" ގެ ނަމުގައި މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ ކޮންފަރެންސް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ލަތީފާއި ޔުނިވާސިޓީގެ އެހެން އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.