ހަބަރު

ޖިންސީ ފުރައްސާރައިގެ ތުހުމަތު ފޮރިން މިނިސްޓަރު އާސިމް ދޮގު ކުރައްވައިފި

ފޮރިން މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ގޮތުން ފުރަަތަމަ ފަހަރަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވާހަކަ ދައްކަވައިފި އެވެ. މިނިސްޓަރު މިއަދު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

މި އަހަރުގެ މެދުތެރޭގައި ރާއްޖެއިން ބޭރަށް ކުރި ދަތުރެއްގެ ތެރެއިން މިނިސްޓަރު އެތަނުގެ އަންހެން މުވައްޒަފަަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ވަނީ ސޯޝަލް މީޑިއާގައި ފެންމަތިވެފަ އެވެ. ހާރިޖީ ދާއިރާގެ ބައެއް ފަރާތްތަކާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ އެކަން ތަހުގީގު ކުރުމަށް ގޮވާލާ ބާރު އަޅައިފަ އެވެ. މީގެ އިތުރުން ބައެއް ސަފީރުން ވެސް ވަނީ އެކަމުގައި މިނިސްޓަރު އާސިމް އިސްތިއުފާދިނުމަށް ގޮވާލާފަ އެވެ.

އެ ވާހަކަތަށް މީޑިއާއަށް ތިލަވިތާ ދުވަސްތަކެއް ފާއިތުވެދިޔަ ފަހުން ފޮރިން މިނިސްޓަރު އާސިމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް މިފަހުން ކޮށްފައިވާ ތުހުމަތުތަށް ދޮގު ކުރައްވާ ކަމަށެވެ.

މިނިސްޓަރުގެ ޓުވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، މިނިސްޓަރު ކަމުގެ ދައުރު ހަމަވުމާއެކު، ރައިސް އަބުދުﷲ ޔާމީން އެމަނިކުފާނުގެ ކެބިނެޓުން ދެއްވި ފުރުސަތަށް ޝުކުރު ދަންނަވާ ކަމަށާއި، މިނިސްޓްރީގެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވާ ކަމަށެވެ.

މިިނިސްޓަރު އާސިމް ވިދާޅުވީ ފޮރިން މިނިސްޓްރީއަށް ބާއްޖަވެރި މުސްތަގުބަލަކަށް އެދޭ ކަމަށާއި، އަންނަ ސަރުކާރަށާއި އެ ސަރުކާރުގެ ފޮރިން މިނިސްޓަރަށް މަރުހަބާ ދަންނަވާ ކަމަށެވެ.