ދުނިޔެ

އަހަންނާ ހެދި ބައިބައިވުން އުފެދުނީތީ މައާފަށް އެދެން: ޒަކަބާގް

މީހުން ބައިބައި ކުރުމަށް ބޭނުންކުރާ ގޮތްތަކެއްގެ ގޮތުގައި އޭނާގެ މަސައްކަތް ވެފައި ވާތީ މައާފަށް އެދޭ ކަމަށް ފޭސްބުކްގެ ފައުންޑާ އަދި ސީއީއޯ މާކް ޒަކަބާގް ބުނެފިއެވެ.

'ޔޮމް ކިއްޕޫރު' ގެ ނަމުގައި ޔަހޫދީން ފާހަގަކުރާ ދުވަސްތަކުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ފޭސްބުކްގައި ލިއުނު ސްޓޭޓަސް އެއްގައި ޒަކަބާގް ބުނީ ކުރިއަށް އޮތް އަހަރު މިހާރަށް ވުރެ ރަނގަޅަށް މަސައްކަތްކުރާނެ ކަމަށެވެ.

" މިއަހަރު އަހަރެންގެ ފަރާތުން ހިތްދަތިކަން ލިބު މީހުންގެ ކިބައިން މައާފަށް އެދެން އަދި މިއަށް ވުރެ ރަނގަޅުވާން އަހަރެން މަސައްކަތްކުރާނަން. އަހަރެމެން އެކުވެރި ކުރުމުގެ ބަދަލުގައި ބައިބައި ކުރުމަށް އަހަރެންގެ މަސައްކަތް ބޭަންކުރި ގޮތްތަކަަށް ޓަކައި، އަހަރެން މައާފަށް އެދެން އަދި މިހާރަށް ވުރެ ރަނގަޅު ކުރަން މަސައްކަތް ކުރާނަން، " ޒަކަބާގް ގެ ޕޯސްޓްގައި ބުނެފައި ވެއެވެ.

ބައިބައި ވުމަށް މަގުފަހިވީ ވަކި މިވެނި މަސައްކަތަކުން ކަމެއް އޭނާ ބުނެފައެއް ނުވެއެވެ. ނަމަވެސް އޭނާ މިމޭރުމުން ވާހަކަ ދައްކާފައި މިވަނީ ޔަހޫދީންނާ ދެކޮޅު ފިކުރުތައް ފަތުރަން ފޭސްބުކް ބޭނުން ކުރި މައްސަލައިގައި ފޭސްބުކް އަށް ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެމެރިކާގައި ފާއިތުވި އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ރަޝިޔާއިން މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައިގައި ވެސް އޭނާއާ ސުވާލުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޕްރޮޕް ޕަބްލިކާ ނަމަކަށް ކިޔާ ޖަމާއަތަކުން މިދިޔަ ސެޕްޓެމްބަަރު މަހު އާއްމުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ޔަހޫދީންނާ ދެކޮޅަށް ރުޅިވެރިކަން އުފެއްދުމަށް ހިންގާ ޕޭޖްތައް މީހުންގެ ނިއުސް ފީޑަށް ފޮނުވަން ފޭސްބުކްގައި އިސްތިހާރު ކުރުމުގެ ފުރުސަތު ދީފައިވާ ކަަމަށެވެ. އެ ރިޕޯޓް އާއްމު ކުރުމުން ފޭސްބުކް އިން ވަނީ އެކަން އެހެން ވިޔަ ނުދިނުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ.