ވިޔަފާރި

63،000 މީހުންނަށް 31 މިލިއަން ޑޮލަރު

Oct 3, 2017
17

ބޭސްފަރުވާއަށާއި ވަޒީފާއާ ގުޅޭ ކަންކަމުގައި ނުވަތަ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖޭން ބޭރަށް ދަތުރުކުރާނަމަ ވަރަށް ބޮޑު އިސްކަންދީގެން އަބަދުވެސް ކުރަން ޖެހޭކަމެއް އޮވެ އެވެ. އެ ދަތުރެއްގައި ބޭނުންކުރުމަށް ޑޮލަރު ހޯދުމެވެ. އެއްދުވަސްވަރެއްގައި މިއީ ކޮންމެ ދަތުރުވެރިއެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީވެފަ އެވެ. ދަތުރެއް ދާން އުޅޭނަމަ އެތައް ދުވަހެއް ކުރިން ޑޮލަރު އެއްކުރަން ފަށަން ޖެހެއެވެ. ޓިކެޓް ނަގައިގެން ބޭންކުގެ ބްރާންޗަކަށް ގޮސް ކިޔޫގައި އެތައް ވަގުތެއް މަޑުކުރަން ޖެހެ އެވެ.

މި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް މި އަހަރުގެ ޖެނުއަރީ މަހު ބީއެމްއެލްއިން ދިވެހި ދަތުރުވެރިންނަށް ޑޮލަރު ލިބޭނެ އާ ނިޒާމެއް ގާއިމްކުރުން ވެގެން ދިޔައީ މިކަމަށް ގެނައި ސަޅި ހައްލަކަށެވެ. ބްރާންޗްތަކުގައި ކިޔޫގައި ޖެހެން ޖެހުނު ދުވަސް މިހާރު އެއީ މާޒީ އެވެ. އޮންލައިންކޮށް ކޮންމެ ދަތުރުވެރިއަކަށްވެސް 500 ޑޮލަރާ ހަމަޔަށް ޑޮލަރު ގަތުމަށް ފަސޭހަ ކަމާއެކު މިހާރު ފައިސާ ދެއްކެ އެވެ. ފުރަން އެއާޕޯޓަށްގޮސް ޗެކިންވުމުން ފްލައިޓަށް އެރުމުގެ ކުރިން ފައިސާ ދައްކާފައިވާ ޑޮލަރުކޮޅު އަވަސްކަމާއެކު އަތަށް އަރައެވެ.

ދަތުރުވެރިންނަށް ބޭނުންވާ ޑޮލަރު ބްރާންޗްތަކުން ވިއްކި ދުވަސްވަރު އެންމެ ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައި އޮތީ ފޭކު ޓިކެޓް ބޭނުންކޮށްގެންނާއި އެހެނިހެންވެސް އޮޅުވާލުމުގެ ތެރެއިން ދަތުރުނުކުރާ ފަރާތްތަކުން ޑޮލަރު ގަނެ ނުއަގުގައި ޑޮލަރު ވިއްކަމުން ދިޔުމެވެ. މިހާރު މިކަންތައް މިވަނީ އެކީއެކަށްޗަކަށް ހުއްޓުވާލެވިފަ އެވެ. ބީއެމްއެލްގެ ޑޮލަރު ބުކިން އޮންލައިން ޕޯޓަލް ތައާރަފްކުރުމަށްފަހު ދަތުރުވެރިންނަށް ވިއްކާ ޑޮލަރު ލިބެނީ ދަތުރުކުރާ ފަރާތްތަކަށްކަން މިހާރު ޔަގީން ކުރެވެ އެވެ.

ކިޔޫގައި ނުޖެހި، ފްލައިޓް ފުރުމުގެ 8 ގަޑިއިރު ކުރިން ޑޮލަރަށް ފައިސާ ދައްކާލައިގެން ފަސޭހަކަމާއެކު އެއަރޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ ދިވެހި ދަތުރުވެރިން ވަރަށް ބޮޑަށް ބަލައިގެން ކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބީއެމްއެލްއިން ދިޔައީ ބުނަމުންނެވެ. މިކަން އެންމެ ރަގަޅަށް އެނގެނީ ބީއެމްއެލްއިން ހާމަކުރަމުން ދިޔަ ތަފާސް ހިސާބުތަކުންނެވެ.
ދަތުރުވެރިންނަށް ޑޮލަރު ވިއްކުން އެއަރޕޯޓަށް ބަދަލުކުރުމުގެ ދެހަފްތާފަހުން ބީއެމްއެލްއިން ހާމަކުރި ގޮތުގައި އެ މުއްދަތުގައި 2500 ދަތުރުވެރިންނަށް ޖުމްލަ އެއް މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. ނުވަމަސްފަހުން އިއްޔެ ބީއެމްއެލްއިން ހާމަކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް މި ނިޒާމު ބޭނުންކޮށްގެން 63 ހާހަށްވުރެ ގިނަ ދަތުރުވެރިންނަށް ޖުމްލަ 31 މިލިއަން ޑޮލަރު މިހާރު ވަނީ ވިއްކާފަ އެވެ.

އޮންލައިންކޮށް ޑޮލަރު ބުކް ކުރެވޭނެ ނިޒާމަށް ބަދަލުވުމާއެކު ޑޮލަރު ގަތުމަށް ބީއެމްއެލްގެ ބްރާންޗްތަކަށް ކަސްޓަމަރުން ދިޔުން ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. ޑޮލަރު ގަތުމަށް ބޭނުންވެގެން މިހާރު ބީއެމްއެލްގެ ބްރާންޗްތަކުގައި ކީޔޫއެއް ނޯވެ އެވެ. މިކާމިޔާބާއެކު ބީއެމްއެލްއިން މިހާރު ތައްޔާރުވަމުންދަނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަތުރުވެރިންނަށް ބްރާންޗްތަކުން ޑޮލަރު ބުކް ކޮށްދިނުމުގެ ހިދުމަތް އާންމުކޮށް ހުއްޓާލުމަށެވެ. ދެން މިހިދުމަތް ބްރާންޗްތަކުން ފޯރުކޮށްދޭނެ ހާއްސަ ހާލަތްތަކަކީ އުމުރުން ދުވަސްވީ މީހުންނަށާއި ހާއްސަ އެހީތެރިކަން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން ހަނިމާދޫ އަދި ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް އެއަރޕޯޓާއި އެންމެ ކައިރި ބްރާންޗަކުން ޑޮލަރު ވިއްކުމުގެ ހިދުމަތް އަދިވެސް ދެމުން ގެންދާނެ އެވެ.

ފަސޭހަކަމާއެކު ދިވެހި ދަތުރުވެރިންނަށް ޑޮލަރު ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ތައާރަފްކުރި ނިޒާމާއެކު އަދި މިހާރު މިގެންނަ ބަދަލާއެކު ބީއެމްއެލްގެ ބްރާންޗްތަކުން އެހެން ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެވޭ މިންވަރު ހަލުވި ކުރުމަށް އިތުރު ފުރަސަތުތަކެއް ފަހިވެގެން ދާނެކަމަށް ބޭންކުން ބުނެއެވެ. ދިވެހި ރައްޔިތުންނަށް ފަސޭހަކަމާއެކު އެންމެ އަވަހަށް ޚިދުމަތްތައް ލިބޭނެ ގޮތްތަކަށް ބޭންކްގެ ޚިދުމަތްތައް ބައްޓަން ކުރަމުން ގެންދާކަން މިހާރު އިތުރަށް ސާފުވެގެންދެ އެވެ.