އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޖޭ ޓްރަމްޕް ވަޑައިގެެން އެންމެ އަވަހަށް އެޅުއްވި އެއް ފިޔަވަޅަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮން ގައުމުތަކެއްގެ މީހުން އެމެރިކާއަަށް ދަތުރުކުރުން މަނާކުރެއްވުމެވެ. އެކަމާ ބެހޭ ރިޔާސީ ގަރާރުގައި ސޮއިކުރެއްވި އިރު ޓްރަމްޕް ވިދާޅުވީ އެއީ ' ހަރުކަރި އިސްލާމީ ޓެރަރިސްޓުންގެ ނުރައްކަލުން އެމެރިކާ މީހުން ސަލާމަތް ކުރަން" އެޅުއްވި ފިޔަވަޅެއް ކަމަށެވެ.
" އަހަރެމެން ބޭނުމެއް ނޫން އެމީހުން މިތަނުގައި އުޅޭކަށް،" ދަތުރުކުރުން މަނާ ކުރާ ގަރާރުގައި ޖެނުއަރީ މަހު ސޮއިކުރެއްވި އިރު ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް ޓްރަމްޕްގެ ވެރިކަމަށް އަށް މަސްދުވަސް ވީއިރު އިސްލާމްދީނާ ގުޅުމެއް ނެތް، އެމެރިކާގެ ދޮން މީހުން ތިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ބިދޭސީ މުސްލިމުންނަށް ވުރެ މިވަނީ މާ ބޮޑު ތަނުން އިތުރުވެފައެވެ.
އިސްލާމިކް ސްޓޭޓް ( އައިއެސް) ފަދަ ޖަމާއަތްތަކުން އެމެރިކާގައި ހަމަލާތައް ނުދެއެކޭ ނޫނެވެ. އިއްޔެރޭ ލަސްވެގަސްގައި ދިން ބަޑީގެ ހަމަލާތަކުގައި 50 އަށް ވުރެ ގިނަ މީހުން މަރައިލުމާ ހަމައަށް ، ބަޑި ޖެހުމުގެ އެންމެ ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައި އޮތީ ފްލޮރިޑާގެ އޮރްލާންޑޯ ނަމަކަށް ކިޔާ ރަށުގައިވާ ފިރިހެން ކުޅީގެ މީހުންގެ ނައިޓް ކްލަބަކަށް ދިން ހަމަލާއެވެ. ފާއިތުވި 2016 ވަނަ އަހަރުގެ ޖޫން މަހު ދިން އެހަމަލާގައި 49 މީހުން މަރާލައި 53 މީހުން ޒަހަމްކޮށްލިއެވެ. އެއީ އައިއެސް އިން ދިން ހަމަލާއެކެވެ.
އައިއެސް އިން ވަނީ އެނޫންވެސް ގިނަ ހަމަލާތަކެއް ފާއިތުވި އަހަރު ދުނިޔޭގެ އެކި ގައުމުތަކުގައި ދީފައެވެ. ނަމަވެސް އެމެރިކާގައި އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކޮށްފައި ވަނީ ދީނަކާ ގުޅުމެއް ނެތް، ވަކިން ހާއްސަކޮށް އިސްލާމުންނާ ގުޅުމެއް ނެތް މީހުންގެ ފަރާތުންނެވެ.
ތިރީގައި މިވަނީ މިއަހަރުގެ ތެރޭގައި ހިނގާފައިވާ އެފަދަ ބައެއް ހާދިސާތަކެވެ.
ނެވާޑާ ސްޓޭޓްގެ ލަސްވެގަސްގައި އާދީއްތަ ދުވަހުގެ ރޭ ކުރިއަށް ދިޔަ މިއުޒިކް ފެސްޓިވަލަކަށް ގޮސް ތިބި 22000 އަށް ވުރެ ގިނަ މީހުންގެ ތެރެއަށް، އުމުރުން 64 އަހަރުގެ ދޮން މީހަކު ބަޑިން ދިން ހަމަލާތަކެއްގައި 59 މީހުން މަރާލައި 500 އަށް ވުރެ ގިނަ މީހުން ޒަހަމް ކޮށްލި.
އޮގަސްޓް މަހު އޮހަޔޯގެ ޗާލޮޓްސްވިލީ ނަމަކަށް ކިޔާ ރަށުގައި، ނަސްލީ އިމްތިޔާޒާ ދެކޮޅަށް މުޒާހަރާ ކުރި ބައެއްގެ ތެރެއަށް އުމުރުން 20 އަހަރުގެ ދޮން މީހަކު ކާރެއްގައި ގޮސް ވަދެ ގަތުމުގެ ސަބަބުން އަންހެނަކު މަރުވެ، 19 މީހުން ޒަހަމްވި.
ޖޫން މަހު އިލިނޮއި ސްޓޭޓްގެ އުމުރުން 66 އަހަރުގެ މީހަކު ބަޑިން ދިން ހަމަލާއެއްގައި އެމެރިކާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގައި ލޫޒިއާނާ ސްޓޭޓް ތަމްސީލު ކުރައްވާ މެމްބަރު ސްޓީވް ސްކާލިސް ޒަހަމްކޮށްލި.
މާޗް މަހު ބޯލްޓިމޯގެ ދޮން މީހަކު ކަމާ ކަންފަށައި ކަޅުމީހުން މަރަން ނިއުޔޯކް ސިޓީއަށް ދަތުރުކޮށް، އުމުރުން 66 އަހަރުުގެ ކަޅުމީހަކަށް ވަޅިން ހަމަލާދީ މަރައިލި. އޭނާއާ ދެކޮޅަށް މިހާރު ވަނީ ޓެރަރިޒަމަގެ ދައުވާ އުފުލާފަައި.
މޭ މަހު ޕޯޓްލޭންޑްގެ ރޭލެއްގެ ތެރޭގައި ހާއްސަކޮށް ކްރިސްޓިއަަނުންނާ ދެކޮޅަށް ދިން ހަމަލާއެއްގައި ދެމީހަކު މަރައިލި
މިހާދިސާތަކުގެ އިތުރުން ވެސް އެމެރިކާގައި 2001 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހިންގާފައިވާ ޖަރީމާތައް ދިރާސާ ކުރި ތިންކް ޓޭންކަކުން ބުނެފައި ވަނީ އެ މުއްދަތުގެ ތެރޭގައި މަރައިލެވުނު މީހުންގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ކަނާތު ފިޔައިގެ ވަތަނީ މީހުން ދިން ހަމަލާތުގައި ކަމަށެވެ.
ނޯޓް: " ވައިޓް އެމެރިކަން މެން އާ ބިގާ ތުރެޓް ދޭން މުސްލިމް ފޮރިނާސް" މި ސުރުހީގެ ދަށުން ވޮކްސް ނިއުސްގައި އިއްޔެ ޝާއިިއުކުރި ރިޕޯޓެއްގެ ހުލާސާ ތަރުޖަމާއެކެވެ.
ލަސްވެގަސް ހަމަލާގައި
- 59 މީހުން މަރުވި
- 500 އަށް ވުރެ ގިނަ މީހުން ޒަހަމްވި.
- ހަމަލާދިން މީހާގެ ކޮޓަރިން 23 ބަޑި ފެނުނު
- އޭނާގެ ގެއިން އިތުރު 19 ބަޑި ފެނުނު