ވިޔަފާރި

މޯލްޑިވް ގޭހަށް 18 އަހަރު: ހިދުމަތަށް ބަދަލެއް ގެނެސްދީފި

މޯލްޑިވް ގޭހުގެ ވާހަކަ ފަށަން ދާން ވަރަށް ދުރަށެވެ. ދިވެހިން ކުރިން ދަރު އުނދުނުން ކެއްކުމާ ދުރުކޮށްދިނީ މޯލްޑިވް ގޭހެވެ. މި ބަދަލު ގެނެސްދިން ކުންފުނިން މޯލްޑިވް ގޭހަށް މިއަދު މި ވަނީ 18 އަހަރު ފުރިފަ އެވެ.

މޯލްޑިވް ގޭހަށް 18 އަހަރު ފުރިފައިވާއިރު އެ ކުންފުނިން ވަނީ ރައްޔިތުންނަށް މުހިންމު ހިދުމަތް ތަކެއް ދެމުންނެވެ. މި ގޮތުން ކައްކާ ގޭހުގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާގައި ބޭނުންކުރާ "މެޑިކަލް އޮކްސިޖަން" ވެސް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުންޏަކީ މިއީ އެވެ. ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ 95 ޕަސެންޓު ބޭނުންކުރަނީ މޯލްޑިވް ގޭހުން ގެނެސް ވިއްކާ ގޭހެވެ.

މީގެ އިތުުރުން މޯލްޑިވް ގޭހުން ވަނީ ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ހިދުމަތް އަވަސް ކުރުމަށް މުހިންމު ފިޔަވަޅެއް އަޅާފަ އެވެ. މިގޮތުން ގެނެސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ ކުންފުނިން ދެމުން ގެންދާ ހިދުމަތަށް "އޮޓޯމޭޓިވް ރިފިލް ސިސްޓަމެއް" ގާއިމް ކުރެވުމެވެ.

މި ހިދުމަތް ވެގެން ދަނީ އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އަށެވެ. މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވެފައިވާ ގޮތުގައި މި ހިދުމަތުގެ ސަބަބުން ގޭހުގެ މަސައްކަތް ވަނީ ބޮޑުތަނުން އަވަސް ވެގެން ހިނގައްޖެ އެވެ.

މޯލްޑިވް ގޭހުން ތައާރަފު ކުރި ގޭހެއްގެ ވީޑިއޯއެއް

"ކުރީގަ އަޅުގަނޑުމެން 800 ފުޅި ގަޑިއިރެއް ތެރޭގަ އަޅާ ކަމަށްވާނަމަ މިހާރު އޭގެ ދެ ގުނައަށް އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ، އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، އެއާއެކު ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިގެންދާނެ ހިތްހަމަޖެހުމެއް، ސްޕީޑް އަވަސްކޮށް ކަންކަން ނިމުން،" މައުމޫން ވިދާޅުވެފައިވެ އެވެ.

ހިދުމަތް އަވަސް ކުރުމަށް ނެގި ބޮޑު ފިޔަވަޅުގެ އިތުރުން ރަށްރަށުގައި ހިދުމަތް ފުޅާ ކުރަންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ވަނީ ރާއްޖޭގައި މިހާތަނަށް ގާއިމުކުރާ އެންމެ ބޮޑު ގޭސް ޕްލާންޓް ތިނަދޫގައި ގާއިމް ކުރުމުގެ މަސައްކަތް ފަށާފަ އެވެ. ތިނަދޫގެ 90،000 އަކަފޫޓުގެ ބޮޑު ބިމެއްގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 130 މިލިއަން ރުފިޔާ އެވެ. މިތަން ފައްކާ ކުރަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ގޭސް ސަޕްލައިކޮށްދޭ ހަބެއްގެ ގޮތުގަ އެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދާ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި އޮކްސިޖަން ޕްލާންޓެއް ވެސް ވަނީ ބަހައްޓާފަ އެވެ. މި ހިދުމަތް ވެގެން ދިޔައީ، އެ ކުރިން ތިލަފުށިން ގޭސް ސިލިންޑަރު ގެނެސްގެން ކުރިއަށް ގެންދިޔަ ބޮޑު އޮޕަރޭޝަން ފަސޭހަ ވެގެން ދިޔަ ކަމަށެވެ. އަދި ހޮސްޕިޓަލާއި ރާއްޖޭގެ މުޅި ސިއްހީ ދާއިރާއަށް ވެސް ގެނެވުނު ހެޔޮ ބަދަލަށެވެ.

ހިދުމަތް ފަސޭހަ ކުރަން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތަކުގެ އިތުރުން، ކުރިން ދިވެހިން ބޭނުންކުރި "މުސްކުޅި" ގޭސް ފުޅީގެ ސިފަ ބަދަލުކޮށްލީވެސް މޯލްޑިވް ގޭހުންނެވެ. އެ ކުންފުނިން ތައާރަފު ކުރި "ލުއިފުޅި" ވެގެން ގޮސްފައިވަނީ މިކަމަށް ގެނެސްދިން އެންމެ ބޮޑު ބަދަލަށެވެ.

މޯލްޑިވް ގޭސް އާ ހިދުމަތްތަށް ގެނެސްދެމުން ގެންދާއިރު، އެ ކުންފުނިން ދަނީ މުވައްޒަފުން ތަމްރީން ކުރަންވެސް ބޮޑު ހޭދައެއް ކުރަމުންނެވެ. މިގޮތުން ރާއްޖޭގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލާފައިވާއިރު، ރާއްޖޭން ބޭރުގައި ވެސް ދަނީ ކިޔަވަމުންނެވެ.