ރައްޔިތުންގެ ޝަކުވާތައް އަޑު އަހާ، އެކަންކަމަށް ހައްލެއް ހޯދައި ދިނުމާއި ކަމާ ގުޅުން ހުރި ދައުލަތުގެ ހުރިހާ ފަރާތްތަކެއް ޖަވާބުދާރީ ކުރުވުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ގާނޫން އަސާސީން ވަނީ މަތިކޮށްފަ އެވެ. 2008 ވަނަ އަހަރު އަމަލު ކުރަން ފެށި ފެހި ގާނޫން އަސާސީން ރައްޔިތުންގެ މަޖިލީހަށް އެ ބާރުތައް ލިބިދީފައި ވަނީ، ބާރުތައް ފެށެނީ ރައްޔިތުންނާ ހަމައިން ކަމަށްވާތީ ޑިމޮކްރަސީއަށް ތަބާވުމުގެ ގޮތުންނެވެ. އެހެންކަމުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދޭނެ ގޮތް ކަށަވަރު ކުރުމަށް މަޖިލީހަށް ގިނަ ބާރުތައް ދީފައިވެ އެވެ.
ނަމަވެސް ދާދި ފަހުން ފެނިގެން މިދިޔައީ ވަރަށް ސުވާލު އުފެދޭ ގޮތަކަށް ރައްޔިތުންނާ ގުޅުން ހުރި ބޮޑު މައްސަލައަކުން ސަރުކާރު "ބޯ ދަމައިގަތް" ތަނެވެ. ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ހަރަދުކޮށްގެން އަޅަމުން އަންނަ ފްލެޓުތައް ބަހާ ހުސްކުރި އިރު އެތަންތަން ދޫކުރީ ކޮންބަޔަކަށް ތޯ ސާފު ކުރުމަށް މަޖިލީހުން ހައުސިން މިނިސްޓްރީން އެދުމުން އެ މައުލޫމާތުތައް މަޖިލީހަށް ވެސް ނުދިނީ އެވެ. ސަރުކާރު ޖަވާބު ދާރީ ކުރުވަން ރައްޔިތުން އިންތިހާބު ކުރި މެންބަރުންގެ ވެސް "އަތް ނުފޯރާ ފަށަށް" އެ ލިސްޓު ދިޔައީ ކިހިނެތްތޯ ސުވާލު އުފެދެ އެވެ.
ފުރަތަމަ ކަމަކަށް މި މައްސަލައަކީ "ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ"ގެ އިއްތިފާގުން ބަލަން ނިންމި މައްސަލައެވެ. އާންމު ގޮތެއްގައި ސަރުކާރާއި އިދިކޮޅު މެންބަރުން ކޮމިޓީތަކުގައި މިފަދަ މައްސަލަތަކުގައި އެއްގަަލަކަށް އަރާ ނޫޅެ އެވެ. ނަމަވެސް އެ މެންބަރުން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ފާހަގަ ކުރެއްވި ގޮތަށް ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީ ފްލެޓުތަކުގެ މައުލޫމާތުތައް މަޖިލީހަށް ގެންނަން އެއްބަސްވީ އެވެ. އެހެން ނަމަވެސް ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އާއި ސަރުކާރު މެންބަރު އަދި އިދިކޮޅު މެންބަރުން އެއްކޮށްލައިގެން ވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުން ގުޑުވާ ލެވޭ ގޮތެއް ނުވި އެވެ. މަޖިލީހާއި އެ އިދާރާއަށް ގާނޫން އަސާސީން ލިބިދީފައިވާ ބާރުތައް ވެސް އެއްޗަކަށް ނުވި އެވެ.
"ހައުސިން މިނިސްޓްރީ ފޮނުވި ސިޓީތަކާއި ތަފްސީލްތަކުގައި ހިމެނެނީ ފްލެޓް ދިން ގޮތުގެ އުސޫލުތައް އެކަނި، ފްލެޓް ލިބުނު މީހުންގެ މައުލޫމާތު، މެމްބަރުން ބޭނުންވިޔަސް އެއީ މަޖިލީހާ ހިއްސާ ކުރަން ޖެހޭ މައުލޫމާތަކަށް ވާން ނުޖެހޭ، ޒާތީ މައުލޫމާތުތައް މަޖިލީހަށް ހިއްސާ ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން،" ސަރުކާރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވި އެވެ.
ރިޔާޒު މިހެން ވިދާޅުވި ނަމަވެސް ގާނޫންތަކާއި ގަވައިދުތަކުގައި ވަނީ ކޯއްޗެއްތޯ ބަލައިލަމާ ތޯ އެވެ. އަދި ރައްޔިތުން މަޖިލީހަށް ވެސް އެ މައުލޫމާތުތައް ހިއްސާ ނުކޮށް ހިފެހެއްޓީ ކޮން ގޮތަކުންތޯ ސުވާލު އުފެދެވެ އެވެ.
ރައްޔިތުން މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އިން ސަރުކާރުން ހިންގަމުންގެންދާ ސިޔާސަތުތަކާ އުސޫލުތަކާ ގަވާއިދުތައް އަދި ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ގާނޫނުތަކުގައި ވާގޮތަށް ހިނގާތޯ ބަލަން ޖެހެ އެވެ. އަދި އެފަދަ ކަންކަން ތަހުގީގުތައް ހިންްގާ، ދިރާސާކޮށް އިސްލާހު ކުރަން ޖެހޭ ކަންކަން ސަރުކާރަށް އަންގަން ޖެހެ އެވެ. އޭގެ އިތުރުން ސަރުކާރުން އެކުލަވާލާ، ޝާއިއުކުރަމުންދާ ރިޕޯޓުތަކާއި ލިޔުންތައް ދިރާސާކުރުމަށްފަހު، ކޮމިޓީއަށް ފާހަގަކުރެވޭ ކަންތައްތަކުގެ މައްޗަށް ރިޕޯޓުތައް އެކުލަވާލަން ޖެހޭ ކަން ވެސް ވަރަށް ސީދަ އިބާރާތުން ގަވައިދުގައި ލިޔެފައި އެބަ އޮތެވެ. އެކަންކަން ކުރުމަށްޓަކައި ކޮމިޓީއަށް ދޭ އާންމު ބާރެއްގެ ގޮތުން ބޭނުން ވަގުތެއްގައި ކޮމިޓީތައް ބާއްވާ އަމުރުކޮށްގެން މީހުން ހާޒިރު ކުރުމާއި އެކިއެކި ފޮތްތަކާއި ރިކޯޑުތަކާއި ލިޔުމާއި ސިޓީތައް ވެސް ކޮމިޓީއަށް ގެނެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.
މި ހުރިހާ މާއްދަތަކެއް މިހެން އޮތް އިރު ހައުސިން މިނިސްޓްރީން އަމަލުކޮށްފައި މި ވަނީ ކިހިނެތްތޯ ސުވާލު އުފެދެ އެވެ. އެނެމެ ކުޑަ މިނުން ވަޒީރުން މަޖިލީހަށް ގެނެސްގެން ސުވާލު ކުރެވޭ އިރު އެ ވަޒީރަކަށް ވެސް ޖަވާބު ނުދެވޭނީ ކޮން ހާލަތްތަކެއްގައި ކަން ވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ޝަރުއީ ކޯޓެއްގައި ހިނގަމުންދާ މައްސަލައަކަށްވުމާއި ހާމަކޮށްފިނަމަ ދައުލަތުގެ އަމިއްލަ ވެރިކަމުގެ ބާރަށާއި، ގައުމީ ސަލާމަތަށް އުނިކަން އަތުވެދާނެ ފަދަ ކަމެއް ވެސް ނޫނެވެ. އެހެންކަމުން މަޖިލީހަށް އެ މައުލޫމާތުތައް ނުގެނެސް މި ހުރިހާ ގާނޫންތަކުގެ މަތިން މައްސަލަ ދިޔަައީ ކިހިނެތްތޯ ސުވާލުކޮށްލަން ޖެހެ އެވެ.
"މިއީ އެއްގޮތަކަށް ވެސް މިހެން ދޫވެ ގޮސްގެންވާނެ މައްސަލައެއް ނޫން، ވަރަށް އަވަހަށް ފްލެޓު މައްސަލާގެ ކޮމިޓީއެއް ބާއްވާނެ، މި މައްސަލަތައް އަޅުގަނޑުމެން ޖައްސާނަން، ރައްޔިތުންނާ މިހާ ބޮޑަށް ގުޅުން އޮންނަ ކަމެއް މަޖިލީހަށް ފޮރުވިގެން ނުވާނެ، މުއިއްޒު ގޮތް ދޫނުކުރޭ ކިޔާފަ އެމަނިކުފާނަކަށް ވެސް ގާނޫންތަކަށް ވުރެ ބާރުގަދަ އެއް ނުވެވޭނެ، ފްލެޓުތައް ދިނީ އޭގެ ހައްގުވެރި ފަރާތަށް ނަމަ މި ހުރިހާ ގާނޫނެއް ފަޅާލައިގެން ވެސް މި މައުލޫމާަތުތައް ފޮރުވާކަށް ނޫޅޭނެ، މީގަ ކޮންމެވެސް ނުބައެއް އުޅޭތީ އެހާ ގޮތް ދޫނުކުރާން އުޅެނީ ވެސް،" އިދިކޮޅު މެންބަރަކު ވިދާޅުވި އެވެ.
ފްލެޓުތަކާ ގުޅޭ މައުލޫމާތުތައް ހާމަ ނުކުރުމަކީ ހަމައެކަނި މަޖިލީހުގެ ގާނޫންތަކުގެ ބޭރުން ކުރައްވާ ކަމެއް ނޫނެވެ. ގާނޫން އަސާސީގެ 61 ވަނަ މާއްދާގެ (ނ)ގައި ވެ އެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ދައުލަތުގެ ސިއްރު ކަމުގައި ބަޔާަންކޮށްފައިވާ މައުލޫމާތުތައް ފިޔަވައި ސަރުކާރުން ނިންމާ ނިންމުންތަކާއި ކުރާ ކަންތައްތަކާ ބެހޭ އެންމެހައި މައުލޫމާތު އާންމުކޮށް ލިބޭން ހުންނަން ވާނެ އެވެ. އަދި އެ މާއްދާގެ (ރ) ގައި ބުނެފައި ވަނީ ކޮންމެ މީހަކަށްމެ އެ މީހަކާަ ބެހޭ ގޮތުން ސަރުކާރުގެ އިދާރާތަކުގައި ރައްކާކުރެވިފައިވާ އެންމެހާ މައުލޫމާތުތައް ހޯދާ ލިބިގަތުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
ކޮންމެއަކަސް ގާނޫންތަކާއި ގަވައިދުތަކުގެ ބޭރުން އަމަލު ކުރަމުންދާތީ ޖަވާބު ދާރީ ކުރުވަން ހުންނަ މަޖިލީހުންނަށް ވެސް ނުހުއްޓުވޭހާ މައްޗައް ސަރުކާރުގެ ފަރާތްތައް މިވަނީ ގޮސްފަ އެވެ. މަޖިލީހުގެ އާންމު މަސައްކަތްތައް ހުއްޓުމަކަށް އައުމުގެ އިތުރުން ކޮމިޓީތަކުގެ ބާރުތައް ވެސް ކެނޑުނީތޯ އެވެ.
ހަގީގަތަށް ބުނާނަމަ ސަރުކާރުން މިހާތަނަށް ކުރި އެންމެ ރަނގަޅުކަމުގެ ގޮތުގައި ވެސް މިކަން ހެދެން އޮތެވެ. ސޯޝަލް ހައުސިންގެ ފްލެޓުތައް ދޭ އަގުތަކަކީ މިހާތަނަށް އެއްވެސް ސަރުކާރަކަށް ދޭން ނުކެރުނު އަގެކެވެ. އަދި އެހާ ކުޑަ ޑައުންޕޭމަންޓަކާ އެކުގަ އެވެ. ނަމަވެސް އެގޮތް ވެސް އޮއްވާ ގާނޫނުތަކުގެ ބޭރުން އަމަލުކޮށްގެން ވެސް މައުލޫމާތުތައް ހިފަހެއްޓުމަކީ ފްލެޓުތައް ދިން ގޮތާ ބެހޭ ގޮތުން އިތުރަށް ސުވާލު އުފެދޭ ކަމެކެވެ.