ފިނިޕޭޖް

ނިއުމާގެ "ސެލެބްރޭޓިން 20" އަށް އެކަނިވެސް ބައި ލައްކަ ރުފިޔާގެ ހެދުން

ފިލްމީ ކެރިއަރުގައި ފާއިތުވި 20 އަހަރުގެ ކާމިޔާބު ފާހަގަކުރަން ރާއްޖޭގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ނިއުމާ މުހައްމަދު އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެންމެ ހާއްސަ ސަމާލުކަމެއް ދީގެން އޭނާ ކުރަމުންދާ މަސައްކަތަކީ އަލްބަމްގެ މަސައްކަތެވެ. ހަތް ލަވަ އެ އަލްބަމްގައި ހިމެނޭއިރު ބޮޑުބައިގެ ޝޫޓިންވެސް މިހާރު ނިންމާލައިފި އެވެ. ލަވަތަކުގެ ޝޫޓިން ފެށުމަށްފަހު ނިއުމާގެ އިންސްޓަގްރާމް ފޮލޯ ކުރަ މީހުންނަށް އޭނަ އަންނަނީ ރީތި ހެދުންތަކެއް ދައްކާލަމުންނެވެ.

އެ ހެދުންތަކަށް ގިނަ މީހުން އަންނަނީ ތައުރީފްކޮށް ވާހަކަވެސް ދައްކަމުންނެވެ. އެ ހުރިހާ ތައުރީފަކަށް ނިއުމާގެ ހުރިހާ ޝައުގެއް ބަންޑުންކޮށްލަނީ މިހާރު ރާއްޖޭގެ އެންމެ މަޝްހޫރު ޑިޒައިނަރުންގެ ތެރޭގައި ހިމެނޭ އިސްމާއިލް ޖުމައިހް، ސޭންޑީ އަދި އިބޫ އަށެވެ. ހެދުންތައް ޑިޒައިންކޮށް ފަހަނީ އެމީހުންނެވެ. އެހެންވީމަ ހުރިހާ ތައުރީފަކާއި ސަނާއެއް އެންމެ ހައްގުކަން ބޮޑީ އެމީހުންނަކަށް ނޫން ހެއްޔެވެ؟

ނިއުމާގެ "ސެލެބްރޭޓިން 20" ގެ ކޮންމެ ލަވައެއްގައި އޭނާ ދެއެއް ނުވަތަ ތިން ހެދުން ދައްކާލާނެ އެވެ. އެއީ އެ އަލްބަމަށް އޭނާ ފެހި ހުރިހާ ހުރިހާ ހެދުމެއް ނޫނެވެ. ކޮންމެ ލަވަޔަކަށް ފަހެއް ނުވަތަ ހަ ހެދުން އޭނާ ތައްޔާރުކުރި އެވެ. ބޭނުންކުރީ އެންމެ ކަމުދިޔަ ހެދުންތަކެވެ. އެ އަލްބަމްގެ ހެދުންތަކަށް ނިއުމާ ހަރަދުކުރީ ކިހާވަރެެއްކަން އެނގޭ ހެއްޔެވެ؟ ވަކިވަކިން ހެދުންތަކަށް އޭނާ ހަރަދުކުރި މިންވަރު ސީދާ ބުނަން ނޭނގުނަސް ހެދުންތަކުގެ އަގު 50،000 ރުފިޔާއިން މައްޗަށް އަރާނެ ކަމަށް ނިއުމާ ބުންޏެވެ.

"އަސްލު ވީ ގޮތަކީ އެންމެ ފުރަތަމަ އަލްބަމް ހަދަން ފެށީ މީގެ ދެ އަހަރު ކުރިން، އޭރު ހަވާލުކުރި މީހުންނަށް ނިންމުނީ ތިން ލަވަ، އެމީހުންނަށް ނުވީމަ މިހާރު އަނެއްކާ އެހެން ބަޔަކާއި ހަވާލުކޮށްގެން މިއުޅެނީ، އޭރު ފެހި ހެދުންތައްވެސް މިހާރު ބޭނުމެއް ނުކުރެވޭ އެއީ ސްޓައިލްވެސް ކޮންމެސް ވަރަކަށް މިހާރު ބަދަލުވެއްޖެ، އަނެއްކާ ހަށިގަނޑަށްވެސް ބަދަލު އަންނާނެތާ ދެ އަހަރު ވާއިރު،" ހެދުންތަކާއި ބެހޭގޮތުން ވާހަކަ ދައްކަމުން ނިއުމާ ބުންޏެވެ.

ބައިލައްކަ ރުފިޔާ އަކީ ހަމައެކަނި ހެދުންތަކަށް ނިއުމާ ހަރަދު ކުރި ވަރެވެ. އެ އަލްބަމަށް ގާތްގަނޑަކަށް ތިން ލައްކައެއްހާ ރުފިޔާ މިހާރުވެސް ހަރަދުކޮށްފި އެވެ. އެއީ ކުރިން މަސައްކަތް ހަވާލުކުރި މީހުންނަށް އެޑްވާންސްކޮށް ދިން ފައިސާގެ އަގު ދެ ލައްކަ ވިހި ހާހަށް އަރަ އެވެ. އަދި އަލުން ފަށައިގެން ކުރިއަށްދާއިރު 80،000 އެއްހާ ރުފިޔާ ހަރަދުވެއްޖެ އެވެ. އަދިވެސް ޕޯސްޓް ޕްރޮޑަކްޝަން އާއި އެހެނިހެން މަސައްކަތްތަކަށް އިތުރަށް ހަރަދުވާނެ ކަމަށް ނިއުމާ ބުންޏެވެ.

މިހާރު ހިތަށް އަރާފާނެ އެވެ. އެ ހުރިހާ ހެދުންތަކަށް ނިއުމާ ހަދަނީ ކިހިނެއް ހެއްޔެވެ؟ ހަނދާނުގެ ގޮތުގައި އަލަމާރީގައި ބަހައްޓާފައި ހުންނަނީ ހެއްޔެވެ؟

"ހެދުންތައް ނުއެއް ބަހައްޓަން، ކޮންމެ އިވެންޓަކުންވެސް އެންމެ ކަމުދާ ހެދުން ނަގާފައި އެހެން ހެދުންތައް ދެނީ މީހުންނަށް، މީހުން ވަރަށް ބުނޭ ބޭނުންވެގެން، އެހެންވެ ދެނީ،"

ކިތަންމެ ބޮޑު ހަރަދެއް ކޮށްގެންވެސް ނިއުމާ ހުރީ އޭނާގެ ފޭނުންނަށް ހާއްސަ އަލްބަމް ގެނެސްދޭން އަތުކުރި އޮޅާލައިގެންނެވެ. މި މަހުގެ 20 ވަނަ ދުވަހަށް އިންތިޒާރުކޮށްލާށެވެ. އެ އަލްބަމް އެ ދުވަހުން ރިލީޒްކުރާނެ އެވެ. އެ އަލްބަމްގައި ހިމެނޭ ދެ ލަވައެއް ކިޔާފައިވަނީވެސް ނިއުމާ އެވެ. އެ ދެ ލަވަ އަކީ "ބެރުވެރިޔާ" އާއި "މޫނޭ ތިއީ ހިތް އެދޭ" އެވެ.