ފިނިޕޭޖް

1438 ބޮޑުބެރު ގްރޫޕްގެ ސްޓޫޑިއޯ ހުޅުވައިފި

Oct 4, 2017

ރާއްޖޭގެ މިހާރު އެންމެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ 1438 ބޮޑުބެރު ގްރޫޕްގެ ސްޓޫޑިއޯ ރަސްމީކޮށް ރޭ ހުޅުވައިފި އެވެ.

އެ ސްޓޫޑިއޯ ރަސްމީކޮށް ހުޅުވައިދެއްވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު އަދި އަވަސް އޮންލައިންގެ ޗީފް އެޑިޓާ އާދަމް ހަލީމް އެވެ. އެ ސްޓޫޑުއޯ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދަމް ހަލީމްވަނީ ނިމިގެން ދިއުމުގެ ކުރިން ކޮންމެ ޒުވާނަކުވެސް އެ ޒުވާނެއްގެ ވާހަކަ މުސްތަގްބަލްގައި މީހުން އެމީހެއްގެ ވާހަކަ ދައްކާ ފެންވަރުގެ މީހަކަށް ވާން ނަސޭހަތްތެރިވެފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާއިފް ވިދާޅުވީ ޒުވާންނާއި މިއުޒިކް ކުރިއަރުވަން ސަރުކާރުގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ގައުމު ކުރިއަރުވަންށާއި މިއުޒިކް ކުރިއަރުވަން ޒުވާނުން މަސައްކަތް ކުރަންވާނެ ކަމަށެވެ.

ސާދަތިރީސްއަށެއް ބޮޑުބެރު ގްރޫޕަކީ ބޮޑުބެރު އަދި މިއުޒިކްގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދެމުން އަންނަ ގްރޫޕެކެވެ. އެ ގްރޫޕްގެ ދަށުން ޑާންސް ގްރޫޕަކާއި މިއުޒިކް ބޭންޑުތައްވެސް ހިންގަ އެވެ. އެ ގްރޫޕްގެ ދަށުން ހަތަރު ބޭންޑެއް މިހާރު ހިންގާނެ އެވެ. އެ ގްރޫޕުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ޝޯތައް ދީފަ އެވެ.