ދުނިޔެ

ހަރަމްފުޅަށް ކްރޭން ވެއްޓުނު ހާދިސާގައި ބިންލާދިން ގްރޫޕް ކުށްވެރިއެއް ނުވި

މާތްވެގެންވާ މައްކާގެ ހަރަމްފުޅުގައި 2015 ވަނަ އަހަރު ކެރޭނެއް ވެއްޓި 100 މީހުން މަރުވި ހާދިސާގައި ހަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތް އޭރު ކުރި ބިންލާދިން ގްރޫޕް ކުށްވެރި ނުވާ ކަމަށް މައްކާގެ ކޯޓަކުން ނިންމައިފި އެވެ. ބިންލާދިން ގްރޫޕަކީ ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް އިމާރާތް ހެދުމަށް ހަވާލުކޮށްފައިވާ ކުންފުންޏެވެ.

ހަރަމްފުޅަށް ކެރޭނު ވެއްޓުނު ހާދިސާގައި ސައުދީ ސަރުކާރުން ބިންލާދިން ގްރޫޕްގެ 13 މުވައްޒަފަކާ ދެކޮޅަށް ޖިނާއީ ދައުވާ ކުރިއެވެ. ސައުދީ އައް ޝަރްގް އަލް އަސްވަތު ނޫހުން ހޯމަ ދުވަހު ބުނީ އެ 13 މީހުން ވެސް އެ މައްސަލައިގައި ކުށްވެރި ނުވާ ކަމަށް ކޯޓުން އާދީއްތަ ދުވަހު ނިންމާފައިވާ ކަމަށެވެ.

ކޯޓުގެ ނިންމުން ސައުދީ އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު އިސްތިއުނާފުކޮށްފައިވާ ކަމަށާއި އިސްތިއުނާފުގެ މައްސަލަ ބަލައިގެންފައިވާ ކަމަށް ވެސް އެނޫހުން ބުނެފިއެވެ.

ކްރޭން ވެއްޓުނު ހާދިސާގައި ބިންލާދިން ގްރޫޕުގެ މުވައްޒަފުންނާ ދެކޮޅަށް އުފުލި ދައުވާގައި، އެ ކުންފުނީގެ ދިފާއީ ވަކީލުންގެ ޓީމުން ބުނަމުން އައީ އެ ހާދިސާ ހިނގި ދުވަހު އައި ތަންޑާ ސްޓޯމްގައި އައި އާދަޔާ ހިލާފަށް ގަދަ ވަޔަކީ އެ ކުންފުންޏަށް ކުރިން ލަފާ ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

2015 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު، ހައްޖުގެ އަޅުކަމަށް މީހުން ތައްޔާރުުވަމުން ދަނިކޮށް ހިނގި ކްރޭން ވެއްޓުމުގެ ހާދިސާގައި 109 މީހުން މަރުވެ 400 އަށް ވުރެ ގިނަ މީހުން ޒަހަމްވިއެވެ. އެ ހާދިސާ ހިނގި އިރު ހަރަމްފުޅު ބޮޑުކުރުމުގެ މަސަައްކަތް ބިންލާދިން ގްރޫޕުން ކުރާތާ އަހަރުތަކެއް ވެއްޖެއެވެ. އޭރު ހިންގި މަޝްރޫއުގައި ހަރަމްފުޅުގެ ޖާގަ ހަތަަރު ލައްކަ އަކަމީޓަރަށް ބޮޑުކުރިއެވެ.