ވިޔަފާރި

މޯލްޑިވިއަން ކާގޯގެ ހިދުމަތް އަވަސްކުރަން އޮފީހެއް ހުޅުވައިިފި

މޯލްޑިވިއަން އިން ދެމުންގެންދާ ކާގޯގެ ހިދުމަތް ވަރުގަދަ ކުރަން ހާއްސަ އޮފީހެއް މިއަދު ހުޅުވައިިފި އެވެ.

"އެސްޓީއޯ އައިފާން ބިލްޑިން"ގައި ބޭއްވި ރަސްމިއްޔާތެއްގައި "މޯލްޑިވިއަން ސިޓީ އެކްސްޕްރެސް ކާގޯ އޮފީސް" ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ރާއްޖޭގެ ގައުމީ ދިދައާއެކު ދަތުރުކުރާ މޯލްޑިވިއަންއިން ދެމުން ގެންދަނީ ރާއްޖެއަށް މުހިންމު ހިދުމަތެއް ކަމަށެވެ. އަދި މޯލްޑިވިއަންގެ މިފަދަ މަސައްކަތްތަކުން އެ ކުންފުނި ހޯދާ ކާމިޔާބު އިހުސާސް ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މޯލްޑިވިއަން ކާގޯއަކީ ވަރަށް ހިތް ގައިމު ބަހެއް. މޯލްޑިވިއަން ކާގޯއެއް ދުނިޔޭގެ އެހެންތަނެއްގައި ނުހުންނާނެ. މި ކާގޯ ހުންނާނީ މޯލްޑިވިއަންގައި. ގައުމަށް އިގްތިސާދީ ގޮތުން ކުރިއަރައިގެން ދާއިރު، މޯލްޑިވިއަންގެ ހިދުމަތް ފާހަގަ ކުރެވޭ. ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ފާހަގަ ކުރަނީ ވަރަށް ހާއްސަ ރޯލެއް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިރުމަތީގެ ގައުމުތަކުން އަންނަ މީހުންގެ ބޮޑުބައެއް ހިއްސާ ކުރަނީ މޯލްޑިވިއަން ކަމަށެވެ.

"ރާއްޖެ އާއި ޗައިނާ ފަތުރުވެރިކަމުގެ ގޮތުން ގުޅުވައިދޭ އެންމެ މުހިންމު ވަސީލަތަކަށް ވަނީ މޯލްޑިވިއަން. މިހާރުވެސް އިތުރު ޑެސްޓިނޭޝަންތަކަށް ފުޅާ ކުރަން ދަނީ މަސައްކަތް ކުރަމުން،" ސައީދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ ހެޑް އޮފް ކާގޯ އަހުމަދު ސަލީމް ވިދާޅުވީ އެ ކުންފުނިން 2011 ވަނަ އަހަރު މި ހިދުމަތް ފެށިއިރާ ބަލާއިރު މިހާރު ވަރަށް ބޮޑުތަން ތަފާތު ކުރެވިއްޖެ ކަމަށެވެ.

"ފުރަތަމަ ފެށިއިރު ދުވާލެއްގެ މައްޗަށް ފަސް ޕާރްސަލް މި ފޮނުވެނީ. ނަމަވެސް މިހާރު ދުވާލަކު 100 އަށްވުރެ ގިނަ ޕާރުސަލް އެބަ ފޮނުވޭ،" ސަލީމް ވިދާޅުވި އެވެ.

މޯލްޑިވިއަންއަކީ 2000 ވަނަ އަހަރު ސަރުކާރުން އުފެއްދި އެއާލައިން އެކެވެ. އައިލެންޑް އޭވިއޭޝަން ސާވިސަސް ކުންފުނީގެ އެއާލައިން ޑިވިޝަންއިން ޗައިނާގެ ހަ މަންޒިލެއްގެ އިތުރުން، ބަންގާޅަށާއި އިންޑިޔާގެ ބައެއް މަންޒިލްތަކަށްވެސް ދަތުރު ކުރެ އެވެ.