ދުނިޔެ

އިންްޑިއާގައި ތެޔޮ އަގުހެޔޮކޮށްފި

ފާއިތުވި ހަފުތާގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކޮންމެވެސް ވަރަކަށް އުފުލުމުން ރައްޔިތުންނަށް އެކަމުން ކުރާ އަސަރު ކުޑަ ކޮށްދިނުމަށް އިންޑިއާ ސަރުކާރުން ފިޔަވަޅު އަޅައި، ތެޔޮ އަގުހެޔޮކޮށްފި އެވެ.

ހިންދުސްތާން ޓައިމްސް ނޫހުން ބުނީ އިންޑިއާގައި ތެޔޮ އަގު ހެޔޮ ކުރީ ތެލުން ނަގަމުން އައި އެކްސައިޒް ޑިއުޓީ ކުޑަކޮށްގެން ކަމަށެވެ. އަދި ބުނީ ޑިއުޓީ ކުޑަ ކުރަން ނިންމި ނިންމުމަށް މިއަދު އަމަލުކުރަން ފެށުމުން ޑީސަލް އަދި ޕެޓްރޯލް ލީޓަރަކުން ދެ ރުޕީސް އަގު ހެޔޮވާނެ ކަަމަށެވެ.

ފާއިތުވި އޮގަސްޓްމަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހާ ހިސާބަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދިޔައީ މަޑު މަޑުން މައްޗަށެވެ. އެހެންވެ އިންޑިއާގައި އެ މުއްދަތުގައި ޑީސަލުގެ އަގު 6.4 ޕަސެންޓުން އަދި ޕެޓްރޯލްގެ އަގު 8.4 ޕަސެންޓުން އުފުލުނެވެ. އެގޮތުން އެގައުމުގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގައި ތެލުގެ އަގު، ބޮޑުވަޒީރު ނަރެންދުރާ މޯދީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އޮތް ވަރަށް ވުރެ ވެސް މައްޗަށް ދިޔައެވެ. ސަރުކާރުން ފިޔަވަޅު އެޅީ އެކަމުގެ ސަބަބުން ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓްރީން އިއްޔެ ބުނީ ތެލުން ނަގަމުން އައި އެކްސައިޒް ޑިއުޓީ ކުޑަކުރުމުން ސަރުކާރަށް ލިބޭ އާމްދަނީން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި 130 ބިލިޔަަން ރުޕީޒް އުނިވެގެން ދާނެ ކަމަށެވެ.

ތެޔޮ އަގުހެޔޮ ކުރަން އިންޑިއާއިން މިފިޔަވަޅު އެޅި އިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ވަނީ އަނެއްކާވެސް ދަށަށް ދާން ފަށާފައެވެ.

ދުނިޔޭގެ ބަޒާރުގައި ސާފު ނުކުރާ ތެލުގެ އަގު މިދިޔަ ހަފްތާ ކުޑަކޮށް އުފުލުނެވެ. ރޮއިޓާސް ބުނާ ގޮތުގައި އަންގާރަ ދުވަހު ތެލުގެ އަގު ދަށަށް ދިޔަ ދިއުމަކީ މިހަފްތާ ޖެހިޖެހިގެން އަގު ދަށަށް ދިޔަ ދެވަނަ ދުވަހެވެ.

އެ އެޖެންސީން ތެލުގެ އަގުތައް ބެލުމަށް ފަހު މިއަދު ޖެހި ހަބަރުގައި ބުނެފައި ވަނީ ޔޫއެސް ކްރޫޑްގެ އަގުން މިއަދު 14 ސެންޓް ނުވަތަ 0.3 ޕަސެންޓް ދަށަށް ދިޔަ އިރު އޭގެ ކުރީ ފަހަރު 1.09 ޑޮލަރު ނުވަތަ 1.2 ޑޮލަރު ދަށަށް ދިޔަ ކަމަށެވެ. އެގޮތުން ފީފާއެއްގެ އަގު މިއަދު ވަނީ 50.44 ޑޮލަރަށް ވެއްޓިފައި ކަމަށް ރޮއިޓާޒް އިން ބުންޏެވެ.