ހަބަރު

ޕީޕީއެމް ޒުވާނުން މާލެ ސާފުކުރަން ނުކުންނަނީ

"ސާފު ތިމާވެށި ދުޅަހެޔޮ މުޖުތަަމައުއެއް"ގެ ނަމުގައި ޕީޕީއެމްގެ ޒުވާނުން އިސްނަގައިގެން ހަރަކާތްތެއް ބޭއްވުމަށް ނިންމައިފި އެވެ.

ޕީޕީއެމްގެ ޔޫތް ވިންގްގެ ރައީސް އިބްރާހިމް ޔޫސުފް ވިދާޅުވީ، ސާފުކުރުމުގެ މި ހަރަކާތަކީ ޕީޕީއެމް ޒުވާނުންގެ ގޮފިން އިސްނަގައިގެން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކާއި ޖަމިއްޔާތަކާ ގުޅިގެން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެއް ކަމަށެވެ. ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު ރުމާލު2 ޖަގަހައިންނެވެ.

ސާފުކުރުމުގެ މި ބޮޑު ހަރަކާތުގައި ތިން ގުރޫޕަކުން އެއް ވަގުތެއްގައި މާލޭގެ ތިން ސަރަހައްދެއް ސާފުކުރާނެ ކަމަށް ޔޫސުފް ވިދާޅުވި އެވެ.

"އެއް ގުރޫޕް ހަރަކާތްތެރިވާނީ އުސްފަސްގަނޑު ސަރަހައްދުން ފެށިގެން ޓީޖެޓީވީ ހިސާބަށް، އަނެއް ގުރޫޕް ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލްއާ ހަމައަށް، ތިންވަނަ ގުރޫޕް ހަރަކާތްތެރިވާނީ ކާނިވަލް ސަރަހައްދުން ބްރިޖް ޕްލެޓްފޯމްއާ ހަމައަށް،" ޒުވާނުންގެ ގޮފީގެ ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން މާލޭގެ ފަޅު ތެރޭގައި ހުރި ކުނި ވެސް މި ހަރަކާތުގެ ދަށުން ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އެއްގަމު ދޮށި ހިމެނޭ ސަރަހައްދު ވެސް ސާފުކުރާނެ އެވެ.

ޔޫސުފް ވިދާޅުވި ގޮތުގައި މި ހަރަކާތުގެ މަގުސަދަކީ ރައްޔިތުންނާއި ޒުވާނުންގެ ބައިވެރިވުން އިޖުތިމާއީ މަސައްކަތުގައި ދައްކާލުން ކަމަށާއި އަދި ސާފު ތިމާވެއްޓެއް ދެމެހެއްޓުމަކީ ފަރުދީ ޒިންމާއަކަށް ހެދުން ކަމަށެވެ.