ދުނިޔެ

ޗައިނާ ކުންފުނިން ލަންކާގައި ތެޔޮ ވިއްކަން ހުއްދައެއް ނުދިން

ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދީފައިވާ ހަމްބަންޓޯޓާ ބަނދަރުގެ ކައިރީގައި ތަރައްގީ ކުރާ ކާރުހާނާއިން ސާފުކުރާ ތެޔޮ ލަންކާގެ އެތެރޭގައި ވިއްކަން ހުށަހެޅުމުން ލަންކާ ސަރުކާރުން އެކަން ގަބޫލެއް ނުކުރިއެވެ.

ލަންކާ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުނީ ލަންކާގައި މިހައިތަނަށް ބިނާކުރާ އެންމެ ބޮޑު އެ ކާރުހާނާއިން ސާފުކުރާ ތެޔޮ ލަންކާގެ އެތެރޭގައި ވިއްކަން ހުންދަ ނުދިނީ އެހެން އެކަން ވެއްޖެ ނަމަ ލަންކާގެ ތެލުގެ ވިޔަފާރީގެ ކޮންޓްރޯލް އެކުންފުންޏަށް ލިބިދާނެތީ ކަމަށެވެ.

ހަމްބަންޓޯޓާ ބަނދަރުގެ ކައިރީގައި ތަރައްގީ ކުރާ ސިނާސީ ސަރަހައްދުގެ ބައެއްގެ ގޮތުގައި އަޅާ ކާރުހާނާ އަޅަން ހުށަހަޅާފައި ވަނީ ޗައިނާ ސަރުކާރުގެ ޗައިނާ ނެޝަނަލް ޕެޓްރޯލިއަމް ކޯޕަރޭޝަން ގެ ސަބްސިޑަޔަރީ ކުންފުންޏެއް ކަމަށްވާ ޗައިނާ ހުއާންކިއު ކޮންޓްރެކްޓިން އެންޑް އިންޖިނިއަރިން ކޯޕަރޭޝަނާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ ޝޭންޑޮން ޑޮންމިންގް ޕެޓްރޯކެމިކަލް ގްރޫޕް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ އަކުންނެވެ.

އެކުންފުނިން ހުށަހަޅާފައި ވަނީ އަހަރަކު ފަސް މިލިޔަން ޓަނުގެ ތެޔޮ ސާފުކުރެވޭ ވަރުގެ ކާރުހާނާއެއް އަޅަން ތިން ބިލިޔަން ޑޮލަރު އިންވެސްޓްކުރުމަށެވެ.

ލަންކާ ސަރުކާރުގެ ތަރުޖަމާނު ރަޖިތަ ސެނަރަތުނަ ރޮއިޓާސް އަށް ވިދާޅުވެފައި ވަނީ ސާފުކުރާ ތެޔޮ ލަންކާއަށް ވިއްކަން ޗައިނާ ކުންފުނިން ހުށަހަަޅާފައިވާ ކަމަށެވެ. ނަމަވެސް އެކުންފުންޏަށް އަންގާފައި ވާނީ ކާރުހާނައިން ސާފުކުރާ ތެޔޮ ، ހަމަ އެކަނި އެކްސްޕޯޓް ކުރުމަށް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

" ޗައިނާ ކުންފުނިތަކުން އެދުނު ހުއްދައަށް. އެކަމަކު އަހަރެމެން ހުއްދައެއް ނުދެން. އަހަރެމެން ބުނެފައި އޮންނާނީ އެތެރޭގައި (ތެޔޮ) ވިއްކަން ބޭނުމިއްޔާ މިތަނުގެ ސަޕްލަޔަރުންނާ ބައިވެރިވާށޭ،" އޭނާ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ސްރީލަންކާގެ ތެލުގެ ބާޒާރަކީ އަހަަރަކު ހަބިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެވޭ ބާޒާރެކެވެ. އެބާޒާރުގެ ބޮޑު ކޮންޓްރޯލް އޮންނަނީ ލަންކާ ސަރުކާރުގެ ސިލޯން ޕެޓްރޯލިއަމް ކޯރޕަރޭޝަނާއި އިންޑިއަން އޮއިލް ކޯޕަރޭޝަނުގެ ސަބްސިޑަޔަރީއެއް ކަމަށްވާ ލަންކާ އެލްއައޯސީ. އެލްއައިއޯސީ.ސީއެމް އިންނެވެ.


ސްޓްރެޓެޖިކް ގޮތުން މުހިއްމު ސަރަހައްދެއްގައިވާ ހަމްބަންޓޯޓާ ބަނދަރު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ލަންކާ ސަރުކާރުން ސޮއިކުރީ އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ދަނިކޮށެވެ. އެކަމާ އެންމެ ބޮޑަށް ކަންބޮޑުވީ އެއް ގައުމަކީ އިންޑިއާ އެވެ.

ޗައިނާ ސަރުކާރުގެ ޗައިނާ މާޝަންޓް ޕޯޓް ހޯލްޑިންގްސް (ސީއެމްޕޯޓްސް) އާއި ސްރީލަންކާ ޕޯޓްސް އޮތޯރިޓީއާއި ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަމްބަންޓޯޓާ ބަނދަރުގެ 70 ޕަސެންޓް ހިއްސާ ސީއެމްޕޯޓަށް ވިއްކާލާނެ އެވެ. އަދި 99 އަހަރު ވަންދެން އެ ބަނދަރު ހިންގާނީ ދެ ކުންފުނި ގުޅިގެން އުފައްދާ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ މައިގަނޑު ހިއްސާ، 70 ޕަސެންޓް އޮންނާނީ ސީއެމްޕޯޓަށް ކަމަށްވާތީ ބަނދަރުގެ ކޮންޓްރޯލް އޮންނާނީ އެ ކުންފުންޏަށެވެ.

އެއްބަސްވުމުގެ ދަށުން ބަނދަރު ތަރައްގީކުރަން 1.12 ބިލިޔަން ޑޮލަރު ހަރަދުކުރާ އިރު އޭގެ ތެރެއިން 794 މިލިޔަން ޑޮލަރު ހަރަދުކުރާނީ ސީއެމްޕޯޓުންނެވެ. އަނެއްބައި ހަރަދުކުރާނީ ސްރީލަންކާ ޕޯޓްސް އޮތޯރިޓީންނެވެ