ހަބަރު

މިއީ ކިހާ ބޮޑު އަނިޔާއެއްތޯ، ކޮބައިތޯ އިންސާފު: ރައީސް މައުމޫން

ދިއްގަރު ދައިރާގެ މެންބަރު ފާރިސް މައުމޫން އެއްވެސް ކުށެއްނެތި ޖަލަށްލާފައިވާ ކަމަށާއި ސަރުކާރުގެ މުއައްސަސާތަކުން އެއްވެސް ޒިންމާއެއް ނުއުފުލާ ކަމަށް އެމަނިކުފާނުގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު މިއަދު ފާރިސްއާ ބައްދަލު ކުރުމަށް މާފުށީ ޖަލަށް ވަޑައިގަތް ކަމަށާއި ފާރިސް ހުންނެވީ ވަރަށް ސާބިތުކަމާއެކުގައި ކަމަށެވެ. ނަމަވެސް ހިތާމައަކީ އެއްވެސް ކުށަކާ ނުލާ ޖަލުގައި މިއަދާ ހަމަޔަށް 79 ދުވަސް ބަންދުކޮށްފައި ހުރި ކަމަށާއި ބަންދުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ އަޑުއެހުުން ނިމުނުތާ ވެސް 56 ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް ދެން ކުއްލިއަކަށް ފެނުނީ ގަވައިދާ ހިލާފަށް ކޯޓުގެ ބެންޗު ބަދަލުކޮށް މައްސަލަ ބާތިލު ކުރެއްވިތަން ކަމަށެވެ.

"މިއީ ކިހާ ބޮޑު އަނިޔާއެއްތޯ، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިތާ ވެސް ދެމަހަށް ވުރެ ގިނަ ދުވަސްވެއްޖެ، އެއްވސް ޖަވާބެއް ނުދެއްވާ، ފާރިސް އެހެރީ ކުށެއް ނެތި ދުވަސްތައް ގުނާލަ ގުނާލާ އަނބި މީހާ އާއި ދަރިފުޅާ ދުރުގައި، އެއްވެސް މުއައްސަސާއަކުން ޒިންމާއެއް ނުއުފުލާ، ކޮބައިތޯ އިންސާފު،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިމިވަނީ ފާރިސް ހައްޔަރުކޮށް ބަންދުކުރި މައްސަލާގެ އިސްތިއުފާނު މައްސަލާގައި ގޮތެއް ނުނިމި ދިގުލައިގެން ގޮސްފައިވަނިކޮށެވެ. އެ މައްސަަލައިގެ އަޑުއެހުންތައް ނިންމާލިތާ ގިނަ ދުވަސްތަކެއްވެފައިވާއިރު ފުރަތަމަ މައްސަލާގެ ހުކުމް ލަސްވި ސަބަބެއް ނޭނގެ އެވެ.

ނަމަވެސް އެ މައްސަލަ ބެއްލެވި ބެންޗަށް ކުއްލި ގޮތެއްގައި ވަނީ ބަދަލު ގެނެސްފަ އެވެ. ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނެސްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ވަނީ ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ހައިކޯޓުން ވަނީ ބެންޗާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން މައްސަލާގެ ހުކުމް މަޑުޖައްސާފަ އެވެ. ނަމަވެސް އަދިވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަނެފައިވާކަން ވެސް އަންގާފައެއް ނުވެ އެވެ.