ދުނިޔެ

ބަންގާޅު ކުންފުންޏަކުން ރޯހިންޔާ މީހުނަށް ހިލޭ ފޯނުގެ ހިދުމަތް

ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައިވާ ރެފިއުޖީ ކޭމްޕްތަކުގައި ތިބި ރޯހިންޔާ މީހުން އެއް ކޭމްޕުން އަނެއް ކޭމްޕަށް ހިލޭ ގުޅައިލެވޭނެ އިންތިޒާމު ބަންގްލަދޭޝް ކުންފުންޏަކުން ހަމަޖައްސައިފިއެވެ.

ރޯހިންޔާ މީހުން ދިރިއުޅޭ އެއް ކޭމްޕުން އަނެއް ކޭމްޕަށް ހިލޭ ގުޅޭނެކަން އިއުލާން ކުރެއްވީ ދައުލަތުގެ ޓެލެކޮމް އޮޕަރޭޓާ 'ޓެލެޓޯކް' އިން ބެހެއްޓި ބޫތުތައް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތެއްގައި ސްޓޭޓް މިނިސްޓަރް ފޯ ޕޯސްޓް އެންޑް ޓެލެކޮމިއުނިކޭޝަންސް ތަރާނާ ހަލީމެވެ. ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އެ ހިދުމަތަކީ އިންސާނީ އެހީއެއްގެ ގޮތުގައިދޭ ހިދުމަތެއް ކަމަށެވެ.

ރޯހިންޔާ މީހުންގެ އެއް ކޭމްޕުން އެއް ކޭމްޕަށް ހިލޭ ގުޅޭ ގޮތް ހެދުމަަށް ޓެލެޓޯކް އިން ވަނީ 10 ބޫތު ބަހައްޓާފައެވެ.

"ބޮޑުވަޒީރު ވިދާޅުވީ ރޯހިންޔާ މީހުންނަށް ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދެވޭތޯ ބަލާށޭ. އެކަމަށްޓަކައި އަހަރެމެން މި ބެހެއްޓީ 10 ޓެލެޓޯކް ބޫތު،" ތަރާނާ ހަލީމް ވިދާޅުވި ކަަމަށް ނޫހުގައި ވެއެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ވިސްނީ އެކަށީގެންވާ ހެޔޮ އަގެއްގައި ރޯހިންޔާ މީހުންނަށް ހިދުމަތް ދޭން ކަމަށެވެ. ނަމަވެސް ކޭމްޕްތަކަށް ގޮސް ހާލަތު ބެލުމުން އެނގުނީ އެމީހުންނަށް އަގެއް ނުދެއްކޭނެ ކަން ކަމަށާއި ހިލޭދޭ ހިދުމަތަކަށް ހެދީ އެހެންވެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މިޔަންމާ ސިފައިންނާ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ހަރަކާތްތައް ފެށީ 2012 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މީހުން މެރުމާއި އިތްފަތް ފޭރުމާއި ގެދޮރު އެންދުމުގެ އަމަލުތައް ހިންގި ނަމަވެސް އެކަން ދުނިޔޭގެ ސަމާލުކަމަށް އައީ މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ހަމަލާތަކެއް ދިނުމުންނެވެ.

އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިން ދިން ހަމަލާއަކާ ގުޅުވައިގެން މިޔަންމާ ސިފައިން ރޯހިންޔާ މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ވަރުގަދަ ކުރުމުގެ ކުރިން ވެސް އެދަރިކޮޅުގެ ތިން ލައްކަ މީހުން ބަންގްލަދޭޝްގައި ތިއްބެވެ. މިފަހަރުގެ ހަމަނުޖެހުންތަކާ ގުޅިގެން ހިޖުރަ ކުރި މީހުންނާއި އެކު، ބަންގްލަދޭޝްގައި ތިބި ރޯހިންޔާ މީހުންގެ އަދަދަކީ އަށް ލައްކައެވެ.