ދުނިޔެ

ސައުދީއާ ރަޝިޔާއިން ތިން ބިލިޔަން ޑޮލަރުގެ އެއްބަސްވުންތަކެއް ހަދަނީ

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދު ރަޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެގައުމުން ސޮއިކުރާ އެއްބަސްވުންތަކުގެ އަގު ތިން ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ސައުދީން ބުނެފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ސައުދީ ރަސްގެފާނު ސަލްމާން ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގެންނެވީ މިއަދުއެެވެ. މޮަސްކޯގެ ނުކޯވޯ އެއާޕޯޓުން ސަލްމާން ރަސްގެފާނަށް މަރުހަބާ ވިދާޅުވީ ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު ޑުމިޓްރޯ ރޮގޯޒިން އާއި އެހެން ބައެއް އިސް އޮފިޝަލުންނެވެ. ދަތުރުފުޅުގައި ސަލްމާން ރަސްގެފާނު ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އާއި ބޮޑުވަޒީރު ޑުމިޓްރީ މެޑްވެޑޭވްއާ ބައްދަލުކުރައްވާނެއެވެ.

އަރަބް ނިއުސް ބުނީ ރަސްގެފާނުގެ ދަތުރުފުޅުގައި ދެގައުމުން ސޮއިކުރާ އިންވެސްޓްމެންޓް އެއްބަސްވުންތަކުގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ ރަޝިޔާގެ ޕެޓްރޯކެމިކަލް ކުންފުނި ސިބޫރު އިން ސައުދީގައި ޕްލާންޓެއް އެޅުމުގެ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ އަގަކީ އެއް ބިލިޔަން ޑޮލަރެވެ. ދެވަނަ އެއްބަސްވުމަކީ ދެގައުމުން ގުޅިގެން ޓެކްނޮލޮޖީ އިންވެސްޓްމެންޓް ފަންޑެއް ގާއިމްކުރުމުގެ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ އަގަކީވެސް އެއް ބިލިޔަން ޑޮލަރެވެ. ތިން ވަނަ އެއްބަސްވުމަކީ ހަކަތައިގެ މަޝްރޫއުތައް ހިންގުމާއި ސައުދީން ރަޝިޔާގައި މަގުތަކެއް ހެދުމުގެ މަޝްރޫއެއް ހިންގުމުގެ އެއްބަސްވުމެކެވެ.

ރަސްގެފާނުގެ ޒިޔާރަތުގައި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާއެކު ބާއްވަވާ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި ތެލުގެ އަގު ހިފެހެއްޓުމަށް ޓަކައި ދެގައުމުން ތެޔޮ އުފައްދާ މިންވަރު މަދުކުރުން ހިމެނެއެވެ.

ސައުދީ އަަރަބިއްޔާގެ ރަސް ކަލަކު ރަޝިޔާއަށް ވަޑައި ގަންނަވާ މިއީ ފުރަތަމަ ފަހަރެވެ.