ވިޔަފާރި

ސަޓާ އެވޯޑްސްގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް

މި މަހުގެ 27 ވަނަ ދުވަހު އަައްޑޫ ސިޓީގެ އީކްއޭޓާ ވިލެޖްގައި ބާއްވާ ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ގެ ގަލާ އިވެންޓްގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފި އެވެ.

މިއަދު އެލައިޑް އިންޝުއަރެންސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނަރަލް މެނޭޖަރު އަހުމަދު ރިޔާޒީ މުހައްމަދެވެ. އަދި ހައިރައިޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނަރަލް މެނޭޖަރު މުހައްމަދު ޝާމިން އެވެ.

މި ރަސްމިއްޔާތުގައި އެލައިޑް އިންޝުއަރެންސްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވީ، ސަޓާ އާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ މައިގަނޑު މަގުސަކީ އެލައިޑުން ޓޫރިޒަމް ދާއިރާއަށް އެއްބާރުލުން ދިނުން ކަމަށެވެ.

ސަޓާއަކީ ދެކުނު އޭޝިޔާގެ ޓޫރިޒަމް ފުޅާކޮށް ތަރައްގީ ކުރުމަށް ހިތްވަރު ދިނުމަށް ބާއްވާ އެވޯޑެވެ. މި އެވޯޑު ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރު ސްރީލަންކާގަ އެވެ.