ވިޔަފާރި

ރާއްޖެ ބަޔޮސްފިއާ ރިޒާވަށް ހަދަން 13 ރިސޯޓް އެއްބަސްވެއްޖެ

މުޅި ރާއްޖެ ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދޭން އިތުރު، 13 ރިސޯޓަކުން އެއްބަސްވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 13 ރިސޯޓާއެކު އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރުގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ލިޔާރު އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިރިހި އައިލެންޑް ރިސޯޓާއި ޖޭއޭ މަނަފަރު އަދި ފަން އައިލެންޑް ރިސޯޓު އެންޑް ސްޕާ އާއި ކުރުނބާ މޯލްޑިވްސް އަދި ވެލައްސަރުގެ އިތުރުން ބަރޮސް މޯލްޑިވްސް އާއި ކަނދޮޅު އައިލެންޑް މޯލްޑިވްސް އަދި ޓުއިން އައިލެންޑާއި މިލައިދޫ އައިލެންޑް އަދި ދިގަލި މޯލްޑިވްސްގެ އިތުރުން އެނބޫދޫ ވިލެޖާއި ސަމާ އައިލެންޑް މޯލްޑިވްސް އަދި ޝަންގްރިއްލާ އެވެ.

މި ރަސްމިއްޔާތުގައި ލިޔާރު ވިދާޅުވީ މިކަމަކީ ރާއްޖެއާއި ރާއްޖޭގެ ޓޫރިޒަމަށް މުހިންމު ކަމެއް ކަމަށެވެ.

"މިކަމަކީ ރާއްޖެ އަށް މުހިންމުކަމެއް. މިކަން ރާއްޖެ އަށް މުހިންމުވަނީ ފަރުތަކަކީ ރާއްޖޭގެ ރީތިކަމުގެ މުހިންމު ބަޔަކަށްވީމަ،" ލިރާރު ވިދާޅުވި އެވެ.

މުޅިރާއްޖެ ބަޔޮސްފިޔާ ރިޒާވަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ 2012 ވަނަ އަހަރު އެވެ.

މި އެއްބަސްވުމުގެ ދަށުން ރަށުގެ ފަރުން ވަކި ބައެއް ކަނޑައަޅައި އެ ސަރަހައްދަށް ބަދަލު ނުގެނެސް ބަލަހައްޓަން 30 ރިސޯޓަކުން މިހާތަނަށް އެއްބަސްވެފައިވެ އެވެ. މި އެއްބަސްވުމުގެ ދަށުން ކަނޑައަޅާ ފަރުގެ ބައި ބަލަހައްޓާ މިންވަރު ބަލައި ދިރާސާ ކުރަނީ އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) އާއި އެންވަޔަރަމެންޓް މިނިސްޓްރީ ގުޅިގެންނެވެ.

ރާއްޖެ ބަޔޮސްފިއާ ރިޒާވަކަށް ހަދާނެކަން އިއުލާނުކޮށްފައިވަނީ 2012 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މޫސުމާ ބެހޭ ސަމިޓުގައި ކުރީގެ ރައީސް މުހައްމަދު ވަހީދެވެ. އަދި އެކަން ކުރާނެ ގޮތުގެ އެ ލަނޑުދަނޑި ޕްލޭނެއް ވަނީ އެކުލަވާލާފަ އެވެ. ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްތަކުގެ ލިސްޓުގައި ރާއްޖޭން މިހާތަނަށް ހިމަނާފައި ވަނީ ބ. އަތޮޅެވެ.