ވާހަކަ

މިންނުގެ ޑައިރީ

(3 އޮކްޓޯބަރ 2017 އާ ގުޅޭ)
ގޭތެރެއަށް ވަނުމުގެ ބަދަލުގައި އަހަރެން ދޮރޯށި ދޮށުގައި އަޒާންއާ ވާހަކަދައްކާލަން މަޑުކޮށްލީއެވެ. އެހެން ހުރެފައި އަޒާން ގާތު އެތެރެއަށް ވަންނާނަންތޯ އަހާލީމެވެ. ނަމަވެސް އަޒާން އަދި އަހަރެންގެ ގެޔަށް ވަންނާކަށް ބޭނުމެއްނޫނެވެ. އޭނަ ބުނިގޮތުގައި އަދި މާއަވަހެވެ. އަހަރުމެން ދެ މީހުންގެ މާފޮޅުވުންތައް ނިންމާލާފައި އެންމެ ފަހުން ގެއަށްވަނީއެވެ. ނަމަވެސް އަޒާން ދިއުމުގެ ކުރިން ސައިކަލުގެ މަޑިދަށުން އޭނަ ނެގި ހުދުކުލައިގެ އޯކިޑުމާ ކޯނި އަހަންނަށް ދިއްކޮލިއެވެ.

އަހަރެން ކޮޓަރިއަށް ވަދެ އެނދު ކައިރީ ހުރި ވާސްއަށް އޯކިޑު މާކޯނި ޖަހާލީމެވެ. އޭރުވެސް އަހަރެންގެ އަތުގައި ޕާޓީއިން ދިމާވި ރީތި ޒުވާނާ ދިން ރަތްފިނިފެންމާ އޮތެވެ. ކުއްލިއަކަށް އޭނާ އުޅުނުގޮތް ހަނދާންވުމުން ނަފްސަށް އުދަނގޫވާ ފަދަ ގޮތްތަކެއް ވެގެންދިޔައެވެ. އެ ޚިޔާލުތަކާ ދުރުވެލުމަށް ދެފަރާތަށް ބޯހޫރާލާފައި އަހަރެން އެ ފިނިފެންމާ ވެސް އޯކިޑު މާ ޖަހާލި ވާސްގެ ތެރޭ ރީތިގޮތަކަށް ބައިންދާލީމެވެ.

މިއަދަކީ އެހެން ދުވަސް ދުވަހާ ބަލާފައި ދިގު ދުވަހެއްހެން އަހަންނަށް ހީވިއެވެ. މިހާރު ވަރަށް ވަރުބަލިވެ ނިދިވެސް އަންނަ ގޮތް ވެއްޖެއެވެ. އެކަމަކު އަދިއެއްފަހަރު އަޒާން އާއި ފޯނުން ވާހަކަ ދައްކާލާފައި ނޫނީ ނުނިދޭނެއެވެ. މިރޭ އޭނާގެ ސަބަބުން އަހަރެން މި އޮތީ ވަރަށް އުފަލުންނެވެ. ޕާޓީގައި އުޅުނު ރީތި އަންހެން ކުދިންތަކުތެރޭ އަޒާންގެ އަތުގައި ހިފައިލައިގެން އުޅެލެވުނީމައެވެ. ދެން ދަނީއެވެ. ބާއްޖަވެރި ރެއަކަށް އެދެމެވެ. ފޮނި ހުވަފެން ތަކަކާއިއެކުއެވެ.

* * * *

އާދައިގެ މަތިން ހެދުނު ކުރަންހުރި މަސައްކަތްތައް ނިންމާލާފައި އަހަރެން އޮފީހަށް ދިޔައީ އަޒާން އާއިއެކުއެވެ. އެކަމަކު އަހަރެން އޮފީސް ނިންމާފައި ގެއަށް އައުމުން ލިބުނީ ވަރަށް އުފާވެރި ހަބަރެކެވެ. ގެއަށް ކުޑަކުއްޖެއް އަންނަން އުޅޭކަމުގެ ވާހަކައެވެ. އެކުވެރިޔާއެވެ. ސުހައްތަ ހެދުނު ހޮޑުލާ ބޯއަނބުރާވަރުން ހޮސްޕިޓަލަށް ގޮސް ޓެސްޓުހެދި ހެދުމުން އިނގުނީ، ސުހައްތަ އިނީ ބަލިވެކަން، އަހަންނަށް އުފަލުންގޮސް ސުހައްތަ ގައިގާ ބައްދާލެވުނެވެ. ޖައުބެ އުފަލުން ގޮސް ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. އެހާ އަވަހަށް ސުހައްތަ ގާތު ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންތައްތަކުގެ ބޮޑު ލިސްޓެއް ޖައުބެ އަމުނާލިއެވެ. ހަފިއްތައަށް އެހަބަރުދިނީ އަހަރެންނެވެ. އޭނަ ބަހެއް ނުބުނިކަމުގައި ވިޔަސް އޭނަގެ މޫނުމަތިން ކުޑަނަމެވެސް ހިނިތުންވުމެއް ފެނިގެން ދިޔައެވެ. އަދި އިއްޔެ އަކީލް އައިގަޑީގަ އޭނަ އާއި ވާހަކަދައްކާ އުޅުނީތީ އެކަމާ ހަފިއްތަ ޝުކުރުއަދާކުރިއެވެ. އަހަރެން އެކަމާވެސް ވަރަށް ހިތްހަމަޖެހުނެވެ. ހަފިއްތަ ދުވަހަކުވެސް އެނޫނިއްޔާ އަހަންނަށް ޝުކުރުއަދާ ނުކުރެއެވެ.

ޖައުބެ އޮފީހުން މިއަދު މަގާމުގެ ކުރިއެރުން ދިން މީހުންގެ ތެރޭ ޖައުބެގެ ނަންވެސް ހިމެނުނުވާހަކަ ބުންޏެވެ. އަދި ޖައުބެއަކީ މިހާރު މެނޭޖަރ ލެވެލްގެ ސުޓާފެއްކަމުގައި ބުންޏެވެ. މިއަދު އެދެމަފިރިންނަށް އެވަނީ ކޮންފަދަ ނިއުމަތެއް ދެއްވާފަހެއްޔެވެ. އެކަމާ މިއަދު އަހަންނަށްވުރެ ބޮޑަށް އުފާވާ ދެވަނަ މީހެއް ނުހުންނާނެކަން ގައިމެވެ. އެމީހުންނަށްޓަކާ އަހަރެން ޝުކުރުވެރިވަމެވެ. ޖައުބެ ހަވީރު އަހަންނަށާއި ހަފިއްތައަށް މެގްނަމް ދިނެވެ. މަގާމުމަތިވީމަ އާއިއެކު އަދި ސުހައްތަ ބަލިވެ އިންކަމުގެ ހަބަރު ލިބުމުގެ އުފަލުގައެވެ. ސުހައްތަ މަންމައަށް ގުޅިއެވެ. އެއުފާވެރި ހަބަރު މަންމައަށް ދިނުމަށެވެ. ހަފިއްތަވެސް މަންމައާއި ވާހަކަދެއްކިއެވެ. އެކަމަކު އަހަރެންނާ މަންމަ ވާހަކަދެއްކުމުގެ ޝައުގުވެރިކަމެއް ނެތެވެ. އެހެންވެ އަހަންނަށް ފޯނު ލިބުނުތަނާ މަންމަ ފޯނު ކަނޑާލައިފިއެވެ.

ރޭގަނޑު އަށެއްޖެހިފަހުން އަހަރެން ކޮޓަރީގައި އޮއްވާ މީހަކު ކޮޓަރީގައި ޓަކިޖެހި އަޑަށް ތެދުވެގެން އައިސް ބަލާލީމެވެ. ދޮރުމަތީ ހުރީ ހަފިއްތައެވެ. އޭނާގެ އަތުގައި ރަތް ފިނިފެންމަލުގެ ބޮޑު ގުލްދަސްތާއެއް އޮތެވެ. ފެންނަ ފެނުމަށް ފަންސަވީހަކަށް ރަތްފިނިފެންމާ ވެއެވެ. ހުރިހާ މަލެއް ވެސް އެއްކޮއްލާފައިވަނީ ވަރަށް ރީތިކޮށެވެ. ހަފިއްތަ އަހަރެންގެ އަތަށް އެ މާބޮނޑި ދިއްކޮއްލިއެވެ. އެ މާބޮނޑިއަށް ހަދަންވީ ކިނެއްތޯ އަހަންނަށް އަހާލެވުނީ ދެނެވެ. ހަފިއްތަ އަހަންނަށް ފާޑަކަށް ބަލާލަމުން އެއީ އޭނާގެ މާބޮނޑިއެއްނޫނޭ ބުނެލިއެވެ. އަދި ސިޓިން ރޫމާ ދިމާއަށް ހިނގައިގަތެވެ. އަހަރެން މާބޮނޑި ހިފައިގެން ކޮޓަރިއަށް ވަދެ ރަނގަޅަށް ބަލާލީމެވެ. ތިރީގައި އައްސާލެވިފައިވާ ރިބަންކޮޅުގެ ތެރެއަށް ކުޑަ ކާޑެއް އަމުނާލާފައިވެއެވެ. އަހަރެން އެކާޑު ބަލާލިއިރު އޭގައި ޖަހާފައިވަނީ، "ޓު މިންނު، ހޯޕް ޔޫ ލައިކް އިޓް....މައި ފެއަރީ" މިހެންނެވެ. އަހަރެން ހިތަށް އެރީ އެއީ އަޒާން ފޮނުވި ހަދިޔާއެއްކަމަށެވެ. ނަމަވެސް މިރޭ އަޒާން ބައްދަލު ކުރާން އައުމުން އަހަރެން އޭނާ ގާތު އެ މާބޮނޑީގެ ވާހަކަ އެހީމެވެ. އޭނާ ހައިރާންވެ ހުރެ އެނގޭކަމަކަށް ނުހެދިއެވެ. އަދި ބުނީ އަޒާންގެ އަތުން މާބޮނޑިއެއް ތައްޔާރުކޮށްފައި މިންނުއަށް ނުފޮނުވާ ކަމަށެވެ. އެކަމާ ދެތިންފަހަރަށް ސުވާލު ކުރީމެވެ. އަޒާންގެ ސުވާލުތައް ކުރިމަތިވާން ފެށުމުން އެކަމާ އަޅާނުލީއެވެ.

މިރޭ އަޒާންއާއެކު ވެސް މާގިނައިރަކު ނުހުރެވުނެވެ. އޭނަ އަވަހަށް ދާންޖެހިގެންނެވެ. ކޮޓަރިއަށް ވަންއިރު އަނެއްކާ ވެސް މޭޒުމަތީ އޮތް ރަތްފިނިފެންމާ ބޮނޑި ފެނުނެވެ. ދެވަނަ ފަހަރަށް އަނެއްކާ ވެސް އޭގައި އިން ކާޑުގައި ލިޔެފައިވާ އެއްޗެއް ކިޔާލީމެވެ. އެކަމަކުވެސް އެއީ ކާކު ފޮނުވި އެއްޗެއް ކަމެއް ނޭނގުނެވެ. އެ ރަތް ފިނިފެންމާ ބޮނޑިއަކީ އަޒާން ފޮނުވި އެއްޗަކަށް ނުވަންޏާ ދެން ކާކު ފޮނުވި އެއްޗެއް ބާއެވެ. މީގެ ކުރިން ދުވަހަކު ވެސް ނުދަންނަ މީހުންގެ ފަރާތުން ހަދިޔާ ލިބިފައެއް ނުވެއެވެ. އެހެންވެ ކާކުކަން ނޭނގޭތީ ހިތް ނުތަނަވަސް ވާގޮތްވިއްޔެވެ. އެ މާބޮނޑި އެއްލާލަން ވެސް ހިތަށްއެރިއެވެ. ނަމަވެސް މާތަށްހުރިލެއް ރީތިކަމުންނާއި، ރަތް ފިނިފެންމަލަކީ އަހަންނަށް ވަރަށް ރީތި މަލަކަށް ވާތީއާއެކު އެއްލާލާކަށް ނުކެރުނެވެ. ނަމަވެސް އެ މާތައް ޖަހާނެ އިތުރު ވާސްއެއް ނެތެވެ. އޯކިޑު މާޖަހާފައިވާ ވާސްގައި އިތުރުމަލެއް ޖަހާނެހާ ތަނެއްނެތެވެ. ދެން އިތުރު ވާސްއެއްވެސް ގަނެވޭނީ މާދަމާ ތާއެވެ. އެހެންވެ މާބޮނޑި އޮތްގޮތަށް މޭޒުމަތީ ބާއްވާފައި މިހާރު މިއޮތީ ނިދަން އެނދަން އަރައެވެ.

* * * *

އަނެއްކާވެސް މިދިމާވީ ދުވަސްގަޑެއް ފަހުންދޯއެވެ. އެކުވެރިޔާއެވެ. އަހަންނާއި އަޒާންގެ ގުޅުމަށް ތިންމަސްވީއެވެ. އޭނަ އަހަރެންދެކެ ހާދަ ލޯބިވެއެވެ. އަދި ހާދަ ރަނގަޅުވެސް މެއެވެ. އަހަރެންވާ ލޯބިވެސް ކުޑައެއްނޫނެވެ. އެކުވެރިޔާއެވެ. މިއަދުމީ ބަންދުދުވަހަކަށް ވީތީ އަޒާން އަހަރެން ގޮވައިގެން މިރޭ ބޭރަށް ދާނެ ވާހަކަބުންޏެވެ. ހާއްސަކަމެއް ބޭއްވުމުގެ ގޮތުންނެވެ.

މިވީ ދުވަސްކޮޅުތެރޭ މާބޮޑު ތަފާތުކަންތައްތަކެއް ނުހިގައެވެ. ސުހައްތަ އުޅެނީ ވަރަށް ހާލުގައެވެ. އަހަރެން މިހާރު އެއްވެސް ކަމެއް ސުހައްތައަކަށް ނުޖައްސަމެވެ. ގޭތެރޭގެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް އަހަރެން އެކަނި ކުރަންވީމަ މިހާރު ވަރަށް ވަރުބަލިވެއެވެ. އެކަމަކުވެސް އެއްވެސް ޝަކުވާއެއްނެތެވެ. ޖައުބެވެސް ސުހައްތައަށް ވަރަށް ރަނގަޅެވެ. ވަރަށް އެހީތެރިވެދެއެވެ. އެފަދަ ފިރިއެއް ލިބޭނީ ނަސީބުވެރިންނަށެވެ.

އަދިވެސް ކޮންމެ ރެއަކު އަހަންނަށް ރަތްފިނިފެންމަލުގެ ގުލްދަސްތާއެއް ބަރާބަރަށް ލިބެމުންދެއެވެ. ކާކު ކީއްވެގެން ފޮނުވާ އެއްޗެއް ކަމެއް ނޭގެއެވެ. އަހަރެންގެ ކޮޓަރީގައި ރަތްފނިފެންމަލާ ހުދު އޯކިޑު މަލުން ހީވަނީ ފުރިދާނެހެނެވެ. މިހާރު އަޒާން ގެނެސްދޭ ހުދު އޯކިޑު މާތަކަށްވުރެ، ކޮޓަރީގައި ރަތްފިނިފެންމާ ގިނައެވެ. އަހަންނަށް އެގޮތް ކަމަކު ނުދިޔައެވެ. އެހެންވެ ލިބޭ މާބޮނޑިތައް ހަފިއްތަ އަށާއި ސުހައްތައަށް ދޭތާ މިހާރު ހަފްތާއެއްވަނީއެވެ. ރޭގަ މާބޮނޑި ގެނެސްދޭ ބޭރު މީހާ ގާތު އަހަރެން ބުނިން މިމާބޮނޑި ފޮނުވާ މީހާ ގާތު ބުނާށޭ ދެން އަހަރެން ބޭނުމެއްނޫނޭ އިތުރު މާބޮނޑިތަކެއް، އޭނަ ދަފަރާތަށް ފާޑަކަށް ބޯތަޅުވާލާފައި ދިޔައީއެވެ. އަހަރެން ބުނިއެއްޗެއް އިނގުނުކަމެއްވެސް ނޭގެއެވެ.

މިއަދަކީ ވަރަށް ބިޒީވެސް ދުވަހެކެވެ. ހެދުނު ހޭލިގޮތަށް މިއުޅެނީ ބިރިޔާނިކަށްކަންށެވެ. ނަސީބަކުން ހަފިއްތަވެސް އެހީތެރިވެދިނެވެ. މިއަދު ހާއްސަވެގެން މިއުޅެނީ ކީއްވެކަން އިނގޭހެއްޔެވެ. ކުއްލިއަކަށް ޖައުބެގެ އައު ބޮސް މިގެއަށް އަންނަންވީއެވެ. ސުހައްތައަށް ގޮވާލަންށެވެ. އަހަރެން ހިތަށްއަރާ އޭނަ ހަމަ ހުރިހާ ސުޓާފުންގެ ގެއަށްވެސް އެގޮތަށް ދޭބާއެވެ. އެކުވެރިޔާއެވެ. މީހެއްގެ ގޮތެއް ނޭގޭނެ ދޯއެވެ. މެންދުރު އެކެއް ޖަހާއިރު އޭނަ އަންނާނެ ވާހަކަ ޖައުބެ ބުންޏެވެ. ސުހައްތައަށް އޮށޯވެލައިގެން އޮންނާކަށް ކެތެއްނުވިއެވެ. އެހެންނަމަވެސް ހަމަހިލާ އަހަރެން ސުހައްތަ މަސައްކަތެއް ކުރިއަކަށް ނުދިނީމެވެ. ޑޮކްޓަރު އަރާމު ކުރުމަށް އަންގާފައި ވާތީއެވެ.

އެކެއް ޖަހަން ވާއިރަށް ހުރިހާ ކަމެއް ނިންމާލާ ކާންހެދުނީ ކިރިޔާއެވެ. ދެން އަވަހަށް ދުންޖަހާފަ ދިޔައީ ފެންވަރަންށެވެ. އެއީ އެންމެން ކައިނިމެންދެންވެސް މޭޒުމަތި ބަލަހައްޓަން ޖެހޭނީ އަހަންނަށް ކަމަށްވެފައި، ހެދުނުއްސުރެ ތެޅި ތެޅި ހުރީ މީހާ ދާހިއްލާ ފޯވެފައެވެ. ނަމަވެސް ފެންވަރާކަށް މާގިނައިރުތަކެއް ނުނެގިއެވެ. ރީތިވެލައިގެން ކޮޓަރިން ނުކުތީ މެންދުރު ނަމާދުވެސް ކޮއްލައިގެންނެވެ.

މަޑު ފިޔާތޮށިކުލައިގެ ދޯފައްޓާ ކޮނޑަށް އެއްލަމުން ސިޓިންރޫމަށްވަނީމެވެ. އޭރު ޖައުބެއާއި ސުހައްތަ އެރީތި ޒުވާނާއާއިއެކު ސޯފާގައި ތިއްބެވެ. އަހަރެން ފެނުމާއެކު އެޒާވާނާގެ ނަޒަރު އަހަންނަށް ހުއްޓުނުކަން ފާހަގަކުރެވުނެވެ.

އަހަރެން ފެނުމާއެކު ޖައުބެއާއި ސުހައްތައާއި އަދި އެޒުވާނާވެސް ތެދުވިއެވެ. ސުހައްތަމެން މަޑުކޮށްގެންތިބީ އަހަރެން އަންނަންދެންކަމަށް ބުންޏެވެ. އަހަރެން އެމީހުންނާއިއެކު ކާގެއަށްވަނީމެވެ. ދޯފައްޓާ އަރިއަކަށް އަޅާލުމަށްފަހު ގޮށެއް ޖެހީމެވެ. އަދި މަތިޖާފައި ހުރި ތަށިތަކުގެ މަތިތަށްނަގާ ރެޑީކޮއްލީމެވެ. ޖައުބެ އާއި އެޒުވާނާ ވާހަކަދައްކާ ގޮތުން ހީވަނީ ބޮޑަށް ދެރަހުމަތްތެރިންހެންނެވެ. އެއްގޮތަކަށް އެއީ ޖައުބެގެ ބޮސްހެނެއް ހިޔެއްނުވެއެވެ. އެމީހުން ދައްކަމުން ދިޔައީ ވިޔަފާރީގެ ވާހަކަތަކެވެ. އަހަރެންވެސް މޭޒު ކައިރީ އިށީނީމެވެ. ހަތަރު މީހުންނަށް ތިބެވޭވަރުގެ ކުޑަމޭޒެއްކަމަށްވުމާއިއެކު އަހަރެން ސުހައްތައާއި ބޮޑަށް ކައިރިއަށް ގޮނޑިޖައްސާލާފައި އިށީނީމެވެ.

ކާންފެށިތާ އިރުކޮޅެއްނުވެ ކާއެއްޗެއްހީގެ މީރުކަމުގެ ވާހަކަ ޖައުބެ ދައްކަންފަށައިފިއެވެ. ކައިރީގައި އިން ޒުވާނާ ހިނިއައިސްފައި ޖައުބެގެ ވާހަކަތަކަށް ބޯޖަހަމުން ދިޔައެވެ. ސުހައްތަވެސް ހީލަ ހީލަ އިނެވެ. އަހަރެން ހަމަ ބަހެއްވެސް ބުނެނުލާ އިނީއެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލާލަ ބަލާލައެވެ. އެހެންއިންދާ ކައިރީގައި އިން ޒުވާނާ އަހަރެން ކަނީ ކޮންއިރަކުންތޯ އަހާލިއެވެ. އަހަރެން ހިނިތުންވެލަމުން އިރުކޮޅަކުންނޭ ބުނީމެވެ. އެވަގުތުހެން ސުހައްތަތެދުވިއެވެ. އަހަންނަށްވެސް ތެދުވެވުނީ ސުހައްތައަށް ކޮންމެވެސް ކަމެއްވެއްޖެއޭ ހިތްބުނުމުންނެވެ. ބަދިގެ ފަރާތުން ސިޓިންރޫމަށް ސުހައްތައާއިއެކު ނުކުތުމުން، ސުހައްތަ ބުނީ އޭނަ ދެންމިދަނީ ކުޑަކޮށް އޮށޯވެލަންކަމަށެވެ. ބޮލަށް އެނބުރުން އަރާގޮތްވާތީކަމަށެވެ. އަހަރެން އަވަސް އަވަހަށް ޖައުބެ ބޭނުންވާ ކަމެއްވިއްޔާ ކޮއްދޭނަމޭ ބުނީމެވެ. އެކަމާ ސުހައްތަ ހާސްނުވާށޭ ބުނީމެވެ.

އަހަރެން ކާމޭޒު ކައިރިއަށް ލެފިލިއިރު ޖައުބެއަށް ކޮންމެވެސް ކަމެއް ސުހައްތައަށް ވެއްޖެކަން އެނގުނެވެ. އަހަރެން ގާތު އެކަމާ ސުވާލު ކުރިއެވެ. އަހަރެން ސުހައްތަ އަރާމުކޮއްލަނިކޮށް ރަނގަޅުވެދާނެއޭ ބުނީމެވެ. އެކުވެރިޔާއެވެ. އަހަރެން އެހެންބުނި ކަމުގައިވިޔަސް ޖައުބެގެ އަނގަޔަށް ލަމުން ދިޔަ ބަތްސަމުސާ އަވަސްވާން ފެށިއެވެ. އަވަހަށް ތަށިހުސްކޮށްލުމަށްފަހު ތެދުވިއެވެ. އަދި އެޒުވާނާއަށް އަހަރެން ދައްކާފައި، އަހަންނަކީ ސުހާގެ ކޮއްކޮކަމުގައި ބުންޏެވެ. އަދި އަހަންނަށް އެންމެންވެސް ކިޔާ އުޅެނީ މިންނުކަމުގައި ބުންޏެވެ. ޖައުބެ ސިޓިންރޫމާ ދިމާލަށް ހިނގައިގަންނަމުން އަހަރެން ގާތު އެޒާވާނާ އެކަނިވިޔަ ނުދިނުމަށް ބުންޏެވެ. ޖައުބެ އިރުކޮޅެއްގެތެރޭ އަންނަންދެން އޭނަ ފޫހިވިޔަނުދެއްޗޭ ބުނެ ހިނގައިގަތެވެ.

އަހަންނާއި އެޒުވާނާއާއި އެކަނިވީއެވެ. އަހަރެން އޭނައާއި ދައްކާނެ ވާހަކައެއްނެތެވެ. ބުނާނީވެސް ކީކޭހެއްޔެވެ. އަހަރެން ޖައުބެ ކާންއިން ގޮނޑީގެ ފަހަތުގައި ހުއްޓިލައިގެން ހުރީމެވެ. އިރުއިރުކޮޅާ އެޒާވާނާއަށް ބަލާލަނީ އެއްޗެއް ބުނަން ހިތަށްއަރުވައިގެންނެވެ. އެހެންނަމަވެސް އަހަރެން އެއްކަލަ ހުރިހާ ކަމަކަށް ފުދޭ ހިނިތުންވުން ފިޔަވާ އިތުރުކަމެއް ނުކުރެވުނެވެ. އެޒުވާނާވެސް އަހަންނަށް އިރުއިރު ކޮޅާ ބަލާލައެވެ. ހިނިތުންވެލައެވެ.

ކައިނިމިގެން ކުޑަފެންފޮނދެ ބޯލުމަށްފަހު އެޒުވާނާތެދުވިއެވެ. އަހަންނަށް ދަނީހޭ އޭނަ ގާތު އަހާލެވުނީ ކިހިނެތްކަމެއް ނޭގުނެވެ. ކޮންމެގޮތެއްވިޔަސް ޖައުބެ އެދިޔައީ އެޒާވާނާ އަހަންނާއި ހަވާލުކޮއްފައެވެ. އެކުވެރިޔާއެވެ. އެޒުވާނާ އަހަރެން ހުރިގޮތަށް އޭނަކާން އިންގޮނޑީގެ ފަހަތުގައި ހުއްޓިލިއެވެ. އަދި އަހަރެން ވާހަކަ ނުދެއްކީމަ ދެން ދާނީ ނޫންހެއްޔޭ ބުންޏެވެ. އޭރުން ޖައުބެ ދެރަވާނެއޭ އަހަރެން ބުނީމެވެ. އެޒުވާނާ އަހަރެން އެހެންބުނުމުން ހީލިއެވެ. އޭނަ އަހަރެންގެ ނަންކިޔާލިއެވެ. އަދި އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަންނަށް ވަރަށް އުނދަގީވިއެވެ. ކުރިމަތީގައި މީހަކު ހުރެގެން އެގޮތަށް ބަލަންޏާ އުނދަގޫނުވާނީ ކާކަށްހެއްޔެވެ. އެހެންވެ އަހަރެން މޭޒުމަތީގައި ކައިންނިންމާފައި ހުރި ތަށިތަށް ނަގައިގެން ސިންކުގެ ގާތަށް ޖެހިލީމެވެ. އެޒުވާނާވެސް މަޑުމަޑުން އައިސް އަހަރެންގެ ގާތުގައި ހުއްޓިލީ ސިންކުހަރުކޮށްފައިވާ ފާރުބުރީގައި ލެގިލައިގެން ކާމޭޒާ ދިމާލަށް ކުރިމަތިވާގޮތަށެވެ.

އެކުވެރިޔާއެވެ. އޭނަ އަމިއްލައަށް އަހަންނަށް ތައާރަފު ވެލިއެވެ. ނިތްކުރިމަތިން ވެއްޓިފައިވާ އިސްތަށިކޮޅު ކަންފަތުގައި އަޅުވާލިތަން އަހަންނަށް ފެނުނެވެ. އޭނަ އަހަންނަށް އަތްދިއްކޮލީ ދެން ރަހުމަތްތެރިވެވުނީ ނޫންހޭ ބުނަމުންނެވެ. އަދި އޭނައަށް ކިޔަނީ ހައިކަލް ކަމުގައި ބުނަމުންނެވެ. އަހަރެން އޭނަގެ އަތުގައި ނުހިފީ ގަސްތުގައެވެ. އިސްކުރުދޫކޮއްލުމަށްފަހު ދެއަތްތިލަ ތެތްމާލީމެވެ. އޭނަ އަހަރެންގެ ކަންފަތްކައިރިއަށް ގުދުވެލަމުން ކެއްކީ އަހަރެންތޯ ސުވާލު ކޮއްލިއެވެ. އަހަރެން އާއެކޭ ބުނުމުގެ ގޮތުން ހޫ ލައްވާލީމެވެ. އޭނަ އަނެއްކާވެސް ކަންފަތްކައިރިއަށް ގުދުވެލާފައި ވަރަށް މީރޭ ބުންޏެވެ. އަހަރެން ފޮނިވެފައި އެއްވެސް އެއްޗެއް ނުބުނެ ސިންކުގައި ހުރި ތަށިތަށް ދޮންނަމުން ދިޔައީމެވެ.

ހައިކަލް އަހަރެން ގާތުގައި ޕާޓީއިން ދިމާވިރޭ އޭނާ ދިން ފިނިފެންމާ ކޮބާތޯ އެހިއެވެ. އަހަރެން ލާނެތްގޮތަކަށް އެމާވީތަނެއް ނޭގެއޭ ބުނީމެވެ. ހައިކަލް އެއްޗެއް ބުނަންއުޅެފަވެސް އަހަރެން ބުނި ޖުމްލައަޑުއިވިފައި އިތުރު އެއްޗެއް ނުބުނެވެ. އަހަރެން ހައިކަލްއަށް ބަލާލީމެވެ. އެ މޫނުގައި ކުރިންވި ހިނިތުންވުމެއް ނެތެވެ. އެމޫނުން ފެންނަނީ ސީރިއަސްކަމެވެ. އަހަރެން ހައިކަލްއާއި ސުވާލުކުރީމެވެ. އެފިނިފެންމާ އަހަންނަށް ދިނީ އަނބުރާ އަތުލާގޮތަށްތޯއެވެ. އޭނަ އަހަންނަށް ބަލާވެސް ނުލާ ނޫނެކޭ ބުންޏެވެ. އަހަރެން އެފިނިފެންމާ އެބައޮތޭ ބުނެފިއްޔާ ހައިކަލް ހަދާނީ ކިހިނެތްތޯ ސުވާލުކުރީމެވެ. ހަމައެއާއެކު ކުއްލިއަކަށް އޭނަ ހޭންފެށިއެވެ. އަހަރެން ހައިރާން ކަމާއެކު އޭނައަށް ބަލާލީމެވެ. ހައިކަލް އަނެއްކާވެސް އަހަރެން ގާތު އެމާ އޮތްތޯ އެހިއެވެ. އަހަރެން އެއްބަސްވަމުން، އެމަލުގެ ޙާއްސަކަމަކީ ކޮބާތޯ އޭނައާއި ސުވާލުކުރީމެވެ. އޭގެ ޖަވާބު އޭނަ ދިނެވެ. ހައިކަލް ބުނިގޮތުގައި އެރަތް ފިނިފެންމަލަކީ އެރޭ އޭނަގެ ހިތާ އެންމެ ކައިރީގައި އިންއެއްޗަށްވެފައި، އެނަގާ ދެވެން އޮތީމައެވެ. އެމާ އަހަންނަށް ހައިކަލް ދިނީ ވަރަށް ލޯބިން ކަމުގައި ބުންޏެވެ. މިފަހަރު ހޭން ފެށީ އަހަންނެވެ. އަޅެ ހައއިކަލް މޮޔައެއްނޫންހެއްޔެވެ. އެމަލާ ހިތާ ހުރީ ކޮންގުޅުމެއްހެއްޔެވެ. (ނުނިމޭ)