ފިނިޕޭޖް

15،000 އަށްވުރެ ގިނަ މީހުން ހައްދު ބަލައިފި

މަރިޔަމް އައްޒަ އާއި އަހްމަދު ޝިބާން އަދި އައިމިނަތު ރިޝްފާ މީގެ މަސް ދުވަސް ކުރަން ސްކްރީން އަށް އެރި ގޮތަށް އެކަށް ފަތަހަ ކުރީ އެވެ. އެ ތިން ތަރިން ލީޑް ރޯލުން ފެނިގެންދާ "ހައްދު" ޕްރިމިއާ ކުރިތާ އިއްޔެއަށް މަސް ދުވަސްވީ އެވެ. މާލޭގައި ހުންނަ އޮލިމްޕަހާއި ޝްވެކް މާލެ އަދި ހުޅުމާލޭގައި 18 ޝޯ އެޅުވުމަށްފަހު "ހައްދު" ނައްޓާލީ މުޅި ރާއްޖެ ފަތަހަ ކުރާށެވެ.

ފިިލްމާ ބެހޭގޮތުން ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަބްދުލް ފައްތާހު ބުނީ އަތޮޅު ތެރޭގައި 30 އަށްވުރެ ގިނަ ރަށުގައި މިހާރު އެ ފިލްމު އަޅުވައިިފި ކަމަށެވެ. ޖުމްލަ 15،000 އަށްވުރެ ގިނަ މީހުން ފިލްމު ބަލައިފި އެވެ. އަތޮޅު ތެރޭގައި އާންމުކޮށް އަޅުވަނީ ރަށެއްގެ އެއް ޝޯ ނުވަތަ ދެ ޝޯ އެވެ.

"ރޭ މި އެޅުވީ ގދ، ތިނަދޫގައި، އެ ޝޯއަށް ވަން 350 އަށްވުރެ ގިނަ މީހުން، އަމާޒަކީ 200 ރަށުގައި އެޅުވުން، އެގޮތުން މިހާތަނަށް އެއްވެސް ފިލްމެއް ނާޅުވާ ރަަށްރަށުގައިވެސް އަޅުވަން ބޭނުމީ، އެކަހަލަ ރަށެއް ބ. ހިތާދޫ އަކީ، އެރަށުގައި އަލަށް އެޅުވި ފިލްމަކީ ހައްދު،" ގދ. ތިނަދޫގައި ހުރެ ފޯނުން ވާހަކަ ދައްކަމުން ފައްތާހު ބުންޏެވެ. މިއީ ތިނަދޫގައި ފިލްމެއް ބަލަން މިހާތަނަށް އެންމެ ގިނަ މީހުން ވަން ފަހަރެވެ. މީގެކުރިން އެރަށުން އެންމެ ގިނަ މީހުން ވަނީ މިދިޔަ އަހަރު އެޅުވި ފާތިމަތު ނަހުލާގެ "4426" އަށެވެ. އެ ފިލްމަށް ވަން މީހުންގެ އަދަދު 270 އަށް ވުރެ އިތުރެވެ.

ކުރިއަށް ނޮވެމްބަރާއި ޑިސެމްބަރު މަހުވެސް ފިލްމު އަތޮޅު ތެރޭގައި އަޅުވާނެ އެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަަހުގެ 25 އިން ފެށިގެން 10 ޝޯ އޮލިމްޕަހުގައި އަޅުވާނެ އެވެ.

ފިލްމު "ހައްދަކީ" ފައްތާހުގެ ފިލްމީ ހަޔާތުގައި އެންމެ ކާމިޔާބު ފިލްމެވެ. ފިލްމަށް އަށް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ފައްތާހު ހަރަދު ކުރިއިރު އާމްދަނީގެ ގޮތުގައި މިހާަތަނަށް 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ހަމަ ހަގީގަތުގައިވެސް ބޮޑު ކާމިޔާަބީ އެކެވެ.

ހައްދަކީ ވަކި ހައްދެއްގެ ތެރޭގައި އުޅެން ޖެހުމުން ދިމާވާ މައްސަލަތަކެއް ދައްކުވައިދޭ ފިލްމެކެވެ. ސަޕޯޓިން ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ) މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، ފައުޒިއްޔާ ހަސަން ފެނިގެންދެ އެވެ. އަދި ހާއްސަ ފެނިލުމެއްގައި ނުޒުހަތު ޝުއައިބު (ނުޒޫ) އަދި ނޫސްވެރިޔާ އަހްމަދު ފައިރޫޒް ފެނިގެންދެ އެވެ.

ހައްދުގެ ސްކްރީންޕްލޭ ހަދާފައިވަނީ މަހުދީ އަހްމަދު އެވެ. ފިލްމުގައި ހަ ލަވައެއް ހިމެނޭއިރު ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އާއި އަންހެނުން މަރިޔަމް އަޝްފާ އަދި އެ ދެ މީހުންގެ ދަރިފުޅު ޔޫސުފް އަލްސަން އެވެ. ފިލްމުގެ ކޮންމެ ލަވައެއްގެ މަސައްކަތް ކޮށްފައިވަނީ ވަކި މިއުޒީޝަނެއް ކަމަށް ފައްތާހު ކުރިން ބުނެފައިވެ އެވެ.

ހައްދު ޕްރޮމޯޓުކޮށްފައިވަނީ ސިނަމާގައި ރިކޯޑުތައް މުގުރާލާނެ ފިލްމެއްގެ ގޮތުގަ އެވެ. އަދި ފައްތާހު ވެސް ވަނީ އެ ފިލްމަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި ބެންޗްމާކަކަށް ވާނެ ކަމަށެވެ. އެ ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ހއ. ކެލާ، ރ. ވާދޫ އަދި މާލޭގަ އާއި ބައެއް ރިސޯޓުތަކުގަ އެވެ. ހައްދަކީ ފައްތާހުގެ 12 ވަނަ ފީޗާ ފިލްމެވެ.