ވިޔަފާރި

ސްރީލަންކަންއިން ޑަބްލިއުޓީއެމަށް ހާއްސަ އަގެއްގައި ޓިކެޓު ވިއްކަނީ

ސްރީލަންކަން އެއާލައިންސް އިން އަންނަ މަހު އިނގިރޭސިވިލާތުގައި ބާއްވާ، ވޯލްޑް ޓްރެވަލް މާކެޓު (ޑަބްލިއުޓީއެމް) އަށް ދާން ހާއްސަ އަގެއްގައި ޓިކެޓު ވިއްކަން ފަށައިފި އެވެ.

ސްރީލަންކަން އެއާލައިންސްގެ ޖީއެސްއޭ އޭސް އޭވިއޭޝަނުން ވިއްކަމުން ގެންދާ "ވޯލްޑް ޓްރެވަލް މާކެޓު ވިތް، ސްރީލަންކަން އެއާލައިންސް" ފެއާގައި މާލެއިން ހަތެއްގައި ފުރާފައި ފެއާގެ އަގު އުޅެނީ 850 (ގާތްގަނޑަކަށް 13،107ރ.) އަށެވެ. އަދި ތިންވަނަ ދުވަހާއި ފަސް ވަނަ ދުވަހު މާލެއިން ފުރާ ފަރާތްތަކަށް ޓިކެޓު ވިއްކަނީ (ގާތްގަނޑަކަށް 12،289ރ) އަށެވެ. ދެ ފެއާގައި ދަތުރުކުރާ މީހުންނަށް މާލެ އައުން ހަމަޖެހިފައިވަނީ ނޮވެމްބަރު ހަތަރެއް އަދި 10 އަކާއި 11 މި ތިން ދުވަހު އެވެ.

އޭސް އޭވިއޭޝަނުން މި އަގުގައި ޓިކެޓު ވިއްކާއިރު ބޭނުންނަމަ ދަތުރު ފަތުރާއި ޓްރާންސްޕޯޓު ވެސް އެޑް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މިގޮތުން ލިމޯ ސާވިސް މެދުވެރިކޮށް ދަތުރު ފަތުރުގެ ހިދުމަތާއި ހޮޓާ ހަމަޖައްސައިދޭނެ އެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓު، އޭސް އޭވިއޭޝަނުން ދަނީ މި އެއާލައިން މެދުވެރިކޮށް ހެޔޮ އަގުތަކެއްގައި ޓިކެޓު ވިއްކަމުންނެވެ. މިގޮތުން ދާދިފަހުން ވަނީ ބެންކޮކް ދެކޮޅު ޓިކެޓު 348 ޑޮލަރު (ގާތްގަނޑަކަށް 5،366ރ.) ގެ އަގެއްގައި ޓިކެޓު ވިއްކާފަ އެވެ. މި ފެއާގައި ޓިކެޓު ނެގުމުން މާލެ އިން ބެންކޮކަށް ޓިކެޓު ވިއްކާ މި ހާއްސަ ފެއާގައި އިކޮނޮމީ ކްލާސް 40 ކިލޯ އާއި ބިޒްނަސް ކްލާހުން 45 ކިލޯ ލިބެ އެވެ. މި ހާއްސަ ފެއާގައި ދަތުރު ކުރެވޭނީ އަންނަ މަހުގެ ނިޔަލަށް ޓިކެޓު ނަގާ މީހުންނަށެވެ. އަދި ދަތުރު ކުރުމުގެ ފުރުސަތު މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އޭސް އޭވިއޭޝަނަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ މަންޒިލްތަކަށް ޓިކެޓު ވިއްކަމުން ގެންދާ ކުންފުންޏެވެ. އަދި މި ކުންފުނިން ދަނީ ބައެއް ބަޖެޓު އެއާލައިންތައްވެސް ރާއްޖެ ގެންނަމުންނެވެ.