ދުނިޔެ

ސައުދީއަށް 15 ބިލިޔަން ޑޮލަރުގެ މިސައިލް ސިސްޓަމެއް އެމެރިކާ ވިއްކަނީ

އެމެރިކާގައި އުފައްދާފައިވާ މިސައިލުން ދިފާއުވާ ނިޒާމެއް ކަަމަށްވާ ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް ( ތާޑް) ސިސްޓަމެއް ސައުދީ އަރަބިއްޔާއަށް ވިންކަން އެ ގައުމުން ނިންމައިފި އެވެ.

އެމެެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ 15 ބިލިޔަން ޑޮލަރުގެ އަގު ހުރި އެ ނިޒާމު ސައުދީއަށް ވިއްކުމަކީ އެގައުމުގެ ހާރިޖީ ސިޔާސަތާއި ގައުމީ ސަލާމަތުގެ މަސްލަހަތު އޮތް ކަމެއް ކަމަށެވެ. އަދި އެއީ އީރާނާއި ސަރަހައްދީ އެހެން ނުރައްކާތަކުން ގަލްފާއި ސައުދީ އަރަބިއްޔާ ސަލާމަތްވެ އޮތުމަށް ބާރަކަށް ވާނެ ކަމެއް ކަމަށް ވެސް ބުންޏެވެ.

ސައުދީ އަރަބިއްޔާއަށް މިސައިލް ޑިފެންސް ސިސްޓަމް ވިއްކާނެ ކަން އެމެެރިކާއިން ހާމަކޮށްފައި މިވަނީ ދިފާއަށް ބޭނުން ކުރާނެ ނިޒާމެއް ރަޝިޔާއިން ގަތުމުގެ އެއްބަސްވުމެއްގައި ސައުދީން ސޮއިކުރިތާ އެއް ދުވަސް ފަހުންނެވެ.

އެމެރިކާއިން ކުރިން ވަނީ މިސައިލުން ދިފާއުވާ އެ ނިޒާމު ދެކުނު ކޮރެއާގައި ވެސް ގާއިމްކޮށްފަ އެވެ.

ތާޑް މަސައްކަތް ކުރަނީ ކިހިނެތް؟

ތާޑް އަކީ އެ ނިޒާމު ގާއިމްކޮށްފައިވާ ތަނަކާ ދިމާލަަށް އަންނަ ކުރު އަދި މެދުރާސްތާގެ މިސައިލްތައް ވައިގެ ތެރޭގައި ގޮއްްވާލައި ހަލާކުކޮށްލާ ނިޒާމެކެވެ. އެ ނިޒާމުން ދުޝްމަނުންގެ މިސައިލްގައިވާ ވޯހެޑް ހަލާލުކޮށްލަނީ ކިނެޓިކް އެނާޖީ ބޭނުން ކޮށްގެންނެވެ. އެގޮތުން ފޮނުވާލާ ދިފާއީ މިސަައިލް 200 ކިލޯ މީޓަރުގެ ރާސްތާއަކަށް 150 ކިލޯމީޓަރު މަތިން ދަތުރުކުރާނެ އެވެ.

އެ ނިޒާމު އެމެރިކާއިން ވަނީ އެގައުމުގެ ބާރުގެ ދަށުގައިވާ ސަރަހައްދެއް ކަމަށްވާ ގުއާމްގަޔާއި އެގައުމުގެ ސްޓޭޓެއްް ކަމަށްވާ ހަވާއީގައި ވެސް ބަހައްޓާފައެވެ. އެއީ ދެކުނު ކޮރެއާއިން އަތުވެދާނެ ނުރައްކަލަކުން ދިފާއު ވުމަށެވެ.