ފުޓްބޯޅައިން ރިޓަޔާ ކޮށްގެން ހުރި، ޔުޕް ހޭންކެސް، މި ސީޒަންގެ ނިޔަލަށް ބަޔާންގެ ކޯޗް ކަމާ ހަވާލު ވެއްޖެ އެވެ. ބަޔާން މިޔުނިކަށް 2013 ވަނަ އަހަރު ތިން ތަށި ކާމިޔާބު ކޮށްދިނުމަށްފަހު، އޭނާ ވަނީ ރިޓަޔާ ކުރިކަން އިއުލާން ކޮށްފަ އެވެ.
ބަޔާނުން ވަނީ، އެޓީމުގެ ކޯޗަކަށް ހުރި، އިޓަލީގެ ކާލޯ އަންޗެލޯޓީ ވަކި ކޮށްފަ އެވެ. އާ ކޯޗަކާ ބަޔާން ހަވާލު ކުރުމަށް، ބަޔާންގެ ބޯޑުން ބޭނުން ނުވީ، މި ސީޒަންގައި މިހާތަނަށް އެ ޓީމުގެ ނަތީޖާ ދަށްވެފައި ވުމުން، އާ ކޯޗަކާއެކު ގެންނަ ބަދަލެއް ސަބަބުން ކުރިމަތިވެދާނެ އެހެން ކަންކަމުގެ ސަބަބުން އިތުރު ރިސްކެއް ނުނަގަން ވެގެންނެވެ.
ބަޔާންގައި ތިބި ސީނިއާ ކުޅުންތެރިންނަކީ، ހޭންކެސްއާ އެކު މަސައްކަތް ކޮށްފައިވާ ކުޅުންތެރިން ކަމަށްވުމުން، އޭނާ އަށް ބަޔާންގެ މިހާރުގެ ޓީމު ވަރަށް ރަނގަޅަށް އެނގޭނެ އެވެ.
ހޭންކެސް72 ބުނީ، އެހެން ޓީމަކުން ގޮވާލި ނަމަ އޭނާ އަލުން އެނބުރި ފުޓްބޯޅައިގެ ތެރެއަށް ނާންނާނެ ކަމަށާއި އޭނާ އެނބުރި އައީ ބަޔާނުން އޭނާގެ އެހީ އަށް އެދުމުން ކަމަށެވެ.
"ދުނިޔޭގެ އެހެން ކުލަބަކުން ގޮވާލިނަމަ އަހަރެން އެނބުރި ނާންނާނަން، ނަމަވެސް އެފްސީ ބަޔާން މިޔުނިކަކީ އަހަންނާ ވަރަށް ގާތް ކުލަބެއް އެ ކުލަބާ މެދު އަހަރެންގެ ހާއްސަ ލޯއްބެއް އޮވޭ،" ރެއާލް މެޑްރިޑާއި ބަޔާން ލެވަކޫސަން އަށްވެސް ކުރިން ކޯޗް ކޮށްދިން ހޭންކެސް ބުންޏެވެ. "އަހަންނާއ އަހަރެންގެ ކޯޗިން ސްޓާފުން ހުރިހާ މަސައްކަތެއް ކުރާނަން ކާމިޔާބު އަލުން ގެނެސް ސަޕޯޓަރުން ހިނިތުން ކޮށްލުމަށް މި ޗެލެންޖާ ކުރިމަތިލާން އަހަރެން މިހުރީ ކުރިއަށް ނިކުމެ."
ޖަރުމަންގެ ކުޅިވަރު މަޖައްލާ ކިކާއާ، މީގެ ކުރިން ވާހަކަ ދައްކަމުން ހޭންކެސް ބުނީ ބަޔާންއާ ހަވާލު ވަނީ އަލުން އެނބުރި އައުމުގެ ގޮތުން ނޫން ކަމަށާއި އެއީ އެކުވެރި ކަމުގެ ރަމްޒެއް ކަމަށެވެ.