ވިޔަފާރި

ދިރާގު "ޔޫތު ފެސްޓް" ވިލިމާލޭގައި ފަށައިފި

  • މޫދު ކުޅިވަރުގައި ބައިވެރިވުން ފްރީ
  • ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ
  • އިރު އޮއްސުމާ ހަމައަށް ފުރުސަތު

މޫދު ކުޅިވަރަށް ލޯބި ކުރާ ޒުވާނުންނަށް ހާއްސަކޮށްގެން "ދިރާގު ޔޫތު ފެސްޓް" ވިލިމާލޭގައި މިއަދު ފަށައިިފި އެވެ.

ވިލިމާލޭގައި ހިތް ގައިމު މާހައުލުގައި ފެށި ހަރަކާތް ކުރިއަށް ދަނީ ވިލިމާލޭ ވޯޓާ ސްޕޯޓްސް ސަރަހައްދުގަ އެވެ. މި ހަރަކާތް އިރުއޮއްސި ހައެއް ޖެހުމާއަށް ކުރިއަށްދާނެ އެވެ.

ދިރާގު ޔޫތު ފެސްޓްގައި ހިލޭ މޫދުކުޅިވަރު ނުވަތަ ވޯޓާ ސްޕޯޓްސްގެ ބައެއް ސާމާނު ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ފެސްޓް ކުރިއަށްދާއިރު، ފެސްޓްގައި ލައިވް މިއުޒިކާއި ބާބެކިއު އަދި ތަފާތު ބީޗް ކުޅިވަރުތައް ކުރިއަށްދާނެ އެވެ. މި ފެސްޓިވަލް ބާއްވަނީ ދިވެހިންނަކީ ޒަމާނުއްސުރެ މޫދާއި ކަނޑަށް ފަރިތަ ބަޔަކަށް ވެފައި، މޫދު ކުޅިވަރު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވީހާވެސް ގިނަ ޒުވާނުންނަށް ދިނުމުގެ މަގުސަދުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ދަނީ ޒުވާނުންނަށް ހާއްސަކޮށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންވެސް ގިނަ އެހީތަކެއް ދެ އެވެ.