ކުޅިވަރު

މެސީ ނެތި ވޯލްޑްކަޕް ބަލަން ޖެހި ދާނެ ކަމުގެ ބިރު

Oct 7, 2017
4

އާޖެންޓީނާގެ ލިއޮނަލް މެސީގެ ކުޅުން ބަލަން، އޭނާ އަށް ސަޕޯޓް ނުކުރާ މީހުންވެސް ޝައުގުވެރި ވެއެވެ. އޭނާގެ ކުޅުން ފެންނަ ކޮންމެ ފަހަރަކީ އިދިކޮޅު ޓީމުގެ ސަޕޯޓަރުންނަށްވެސް ހިތް ހަމަ ޖެހުން ލިބޭ ކަމެކެވެ. މިއީ ދުނިޔޭގައި މިހާރު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ވާހަކަ އެވެ. ... ދެން، މެސީ ނެތި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް ބަލަން ޖެހުން ހިޔާލަށް ގެނެސް ބަލާށެވެ. މިހެން މި ބުނީ އެބިރު އޮތީމަ އެވެ.

ބުރާސްފަތި ދުވަހުރޭ އަމިއްލަ ދަނޑުގައި ކުޅެ ޕެރޫއާ ދެކޮޅަށް ނަތީޖާ އެއް ނުނެރެވުމުން، އާޖެންޓީނާ އަށް މިހާރު އޮތީ ވޯލްޑް ކަޕަށް ދިއުމަށް ހަނި ފުރުސަތެކެވެ. ހަމައެކަނި ނުވަދިހަ މިނެޓްގެ މެޗެއްގެ ވަގުތެވެ. އަންނަ ބުދަދުވަހުގެ ރޭ އެކްއެޑޯ އާ ދެކޮޅަށް ކުޅޭ މެޗުގައި، ނަތީޖާއެއް ނުނެރެވިއްޖެނަމަ، އާޖެންޓިނާ ޖެހޭނީ އަންނަ އަހަރު ވޯލްޑްކަޕްގެ ހަނދާން ނައްތާލާ ށެވެ.

ދެކުނު އެމެރިކާ ސަރަހައްދުން، ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބޭނީ ގަދަ ހަތަރު ޓީމަށެވެ. ބްރެޒިލް ވަނީ އެއް ވަނަ ޓީމުގެ ގޮތުގައި އެންމެ ފުރަތަމަ ފުރުސަތު ހޯދާފަ އެވެ. ފަސް ވަނަ ޓީމަށް އެހެން ފުރުސަތެއް އެބައޮތެވެ. އެއީ އިންޓަ ކޮންޓިނެންޓް ޕްލޭއޮފްގައި ކުޅުމެވެ. ޕްލޭއޮފްގައި ކުޅެން އަންނާނީ އޯޝޭނިއާ ސަރަހައްދުގެ ކޮލިފައިންގެ އެއް ވަނަ ޓީމު ނިއުޒިލެންޑެވެ.

ޕްލޭއޮފްގެ ފުރުސަތު ހޯދަން ވެއްޖެނަމަ، އާޖެންޓީނާ އަށް އޮތީ ފަސް ވަނަ މަގާމު ހޯދުމެވެ. މިވަގުތު އެޓީމު އޮތީ ހަ ވަނަ އިގައެވެ. ޕެރޫ އޮތީ ފަސް ވަނައިގަ އެވެ. ފަސް ވަނަ މަގާމު ޔަގީން ކުރަން ދެ ޓީމަށްވެސް އޮތީ އެންމެ 90 މިނެޓެވެ.

ދެކުނު އެމެރިކާ ބައްރުގައި އެންމެ ފަހުން ކުޅެން ޖެހޭ މެޗުތަކާއި، ޕޮއިންޓް ޓޭބަލް

އެ މަގާމު ހޯދަން ދެ ޓީމަށް އޮތް ފުރުސަތުތަކަށް ބަލާއިރު، އެއީ ނުވާނެ ކަމެކޭ ނުބުނެވޭނެ އެވެ. ފުޓްބޯޅައިގައި އަުނދަގޫ ނަތީޖާތައް ބަދަލު ކޮށްލުމު ގައި، އާޖެންޓީނާގެ ކޯޗް ހޯޖް ސަމްޕައޮލީ އާއި ކެޕްޓަން ލިއޮނަލް މެސީގެ ތަޖުރިބާ ބޮޑެވެ. ހާއްސަކޮށް ބާސެލޯނާގައި މިދިޔަ ސީޒަންގައި މެސީ ވަނީ އެ ތަޖުރިބާ ބޭނުން ކޮށްފަ އެވެ. ނަމަވެސް އެ ތަޖުރިބާ މެސީ އަށް ގައުމީ ޓީމުގައި ކިހާވަރަކަށް ބޭނުން ކުރެވިދާނެތޯ އުފެދޭ ސުވާލުވެސް އެބައޮތެވެ. އެއީ ބާސެލޯނާގައި ދައްކާ މޮޅު ކުޅުމާ އެއްވަރަށް ގައުމީ ޓީމުގައި މެސީ އަށް އެފެންވަރަށް ކުޅުން ނުދެއްކޭތީ އެވެ.

ފަސް ވަނަ މަގާމު ޔަގީން ކުރުމަށް، ޕެރޫ އަށް އޮތީ، ހަމަ ބުދަ ދުވަހުގެ ރޭ ކޮލަމްބިއާ އާ ދެކޮޅަށް ކުޅޭ މެޗެވެ. ނަމަވެސް، ޕެރޫ އަށް އޮތް ހިތްހަމަ ޖެހުމަކީ، އެ މެޗު އަމިއްލަ ދަނޑުގައި ކުޅެން ފުރުސަތު އޮތުމެވެ. އަދި އެ މެޗު ޕެރޫ ކާމިޔާބު ކޮށްފިނަމަ، އެޓީމަށް ހަތަރު ވަނަ މަގާމު ލިބޭނެ އެވެ. އެފުރުސަތު ބޭނުން ކުރަން ޕެރޫވެސް ވަރަށް ރަނގަޅަށް ތައްޔާރު ވާނެ އެވެ. ކޮލަމްބިއާގައި މި ދެ ޓީމު ކުޅުނު މެޗު ކޮލަމްބިއާ ކާމިޔާބު ކުރީ 2-0 ން ނެވެ. އެ ނަތީޖާ އަނބުރާލަން ޕެރޫ އަށް މިއޮތީ އަމިއްލަ ދަނޑުގައި ކުޅޭ މެޗެވެ.

އާޖެންޓީނާ އަށް އޮތީ، އުނދަގޫ މެޗެކޭ ދެންނެވިދާނެ އެވެ. އެއީ، ކޮލިފައިންގައި މިދެ ޓީމު އާޖެންޓީނާގައި ކުޅުނު ފުރަތަމަ ލެގް މެޗު އެކްއެޑޯއިން 2-0 ން ކާމިޔާބު ކޮށްފައި ވުމުން ނެވެ. އެކްއެޑޯ މޮޅުވީ، މެޗުގެ އެންމެ ފަހު 10 މިނެޓްގައި ކާމިޔާބު ކުރި ލަނޑުތަކުން ނެވެ. ދެ ވަނަ ލެގް މެޗު މިއޮތީ އެކްއެޑޯގެ އަމިއްލަ ދަނޑުގައި، އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގަ އެވެ. އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭއިރު ކޮންމެ ޓީމަކަށްވެސް ވަރުގަދަ ރޫހެއް ލިބޭނެ އެވެ.

ނަމަވެސް އާޖެންޓީނޯ ސަމްޕައޮލީ ބުނީ، އާޖެންޓީނާ އަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށާއި އެކްއެޑޯ މެޗުން އާޖެންޓިނާ އަށް އޮތް ފުރުސަތު ބޮޑު ކުރާނެ ކަމަށެވެ.

"އަހަރެމެންގެ ހާލަތު އޮތީ ވަރަށް ފަސޭހަކޮށް،" ކުރިން އާޖެންޓީނާ ބަލިކޮށް ދެފަހަރަށް ޗިލީ އަށް ކޮޕާ އެމެރިކާ ކާމިޔާބު ކޮށްދިން ސަމްޕައޮލީ ބުންޏެވެ. "ނަމަވެސް އެކަން ބިނާ ވަނީ އަހަރެމެން ކުރާ މަސައްކަތަކުން، އަހަރެން މިހުރީ ވަރަށް އިތުބާރާއެކު އަހަރެމެން ވޯލްޑްކަޕްގައި އޮންނާނެކަން."