ރިޕޯޓް

ފުންނާބު އުސް ވަކީލުންނަށް މިފަހަރު މައްސަލައަކީ ކޮބާ!؟

Dec 17, 2014
4

ރާއްޖޭގެ ގާނޫނީ ހަޔާތުގައި ގިނަ ކަންތައްތަކެއް ހިނގައިފި އެވެ. އާ ގާނޫނު އަސާސީގެ ދަށުން ވުޖޫދަށް އައި ތިން ބާރު ވަކިވުމުގެ މަފްހޫމްގެ ދަށުން އެކި ރައީސުން އެ މަފްހޫމް މާނަ ކުރެއްވީ އެކި ގޮތަށެވެ. އެއްބައި ބޭފުޅުން ޗާޓް ބޭރުން އެކަމެއް ކުރެއްވި އިރު، އަނެއްބައި ވެރިން އެކަމެއް ކުރައްވަނީ ގާނޫނީ އިމުގެ ތެރެއިން ކޮންމެވެސް ގޮތްތަކެއް ހައްދަވައިގެންނެވެ. އެއީ ރިޔާސީ ނިޒާމެއްގެ އާދަ އެވެ. އަދި އެއީ އެކި ގާނޫނީ ވަކީލުން ގާނޫނު މާނަ ކުރައްވާ ގޮތުގައި ވެސް ހުންނަ ހިޔާލު ތަފާތުވުމެކެވެ.

ފަށަމާ ހިނގާށެވެ؛ ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމެވެ. ގާޒީންނާއި ޝަރުއީ ދާއިރާގެ އިސް ފަރާތްތައް ބްލެކްމެއިލް ކުރުމަށް ހިންގެވި ކުޅިގަނޑެވެ. ޖޭއެސްސީގައި ރައީސް ތަމްސީލް ކުރައްވާ މެންބަރު، ފަނޑިޔާރުން ހުވާ ކުރެއްވުމަށް ސީދާ ހުރަސް އަޅުއްވައި މަސައްކަތް ކުރެއްވުމެވެ. މިކަހަލަ ކިތަންމެ ކަމެއް ދިޔައިރު ވެސް ފުންނާބު އުސް ގާނޫނީ ވަކީލުންގެ ތެރެއިން، ގާނޫނު އަތަށް ނަންގަވައިގެން ނުކުންނެވީ ކިތައް ގާނޫނީ ވަކީލުން ހެއްޔެވެ؟ ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރު ކުރުމާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ދުރުކޮށް އެ ކޯޓްގެ ބެންޗް ކުޑަކުރި މައްސަލަ ސިޔާސީ ވި ހިސާބުން ފުންނާބު އުސް ގާނޫނީ ވަކީލުން ގާނޫނުގެ ހިމާޔަތުގެ ނަމުގައި ނިކުންނެވި އެވެ. ނަމަވެސް މިއީ އަދި ވަކީލުންގެ އިހުލާސްތެރިކަމެއް ހެއްޔެވެ؟

"ވަކީލުން ވެސް ގިނަ ފަހަރަށް ތިއްބަވަނީ ކޮންމެވެސް ސިޔާސީ ފަޅިއެއް ނަންގަވައިގެން. ދެން މި ހައްދަވާ ގޮތަކީ ކޮންމެވެސް ގޮތަކުން ކޮންމެވެސް ސަބަބުތަކެއް ފޮރުވިފައި ހުރެގެން އައިރެއްގައި ސިޔާސީ ގޮތުން އުފެދޭ ހަލަބޮލިކަމެއްގެ ފައިދާ ނަންގަވަނީ،" ގާނޫނީ ވަކީލުންގެ ތެރެއިން ބޭފުޅަކު ވިދާޅުވި އެވެ.

މިސާލަކަށް ބައްލަވާށެވެ. ދެ ފަނޑިޔާރުން ވަކިކޮށް ބެންޗް ކުޑަކޮށްލުމުގެ މަގުސަދެއް ކަމަށް ސަރުކާރުން ބުނަނީ ފަނޑިޔާރު ގެ އިތުރަށް ހަރުދަނާ ކުރުމެވެ. ލީޑަޝިޕެއް ނެތް އުއްތަމަ ފަނޑިޔާރެއްގެ ބަދަލުގައި ކެރޭ އަދި ގާބިލް ފަނޑިޔާރެއް އެ މަގާމަށް ލެއްވުމަކީ އެކަމުގެ އެންމެ ބޮޑު ސަބަބުކަމަށެވެ. އެކަމަކު ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޝާހީން ހަމީދު އެ މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ ގާނޫނާ އަސާސީއާ ހިލާފު ކަމަށް ވިދާޅުވެ އެވެ. ޕީޖީ ކަމަށް ރައީސް ނަން ހުށަހެޅުއްވި ނަމަވެސް މަޖިލީހުން ރުހުން ލިބިވަޑައިނުގެން އެއްބަނޑު އެއްބަފާ ބޭބޭ މައުމޫން ހަމީދު ވެސް އެ މައްސަލައިގައި ކޮއްކޯފުޅާ އެއްކޮޅަށް ނުކުންނެވި އެވެ. މިއީ ބަދަލު ހިފުމެއް ހެއްޔެވެ؟

ޕީޖީ ކަމަށް މައުމޫން ނުހޮވީ ރައީސް ޔާމީން ގަސްތުގައި ރާވައިގެން ކަމަށް އެ އާއިލާއިން އަންނަނީ ތުހުމަތު ކުރަމުންނެވެ. އެހެން ކަމުން މި މައްސަލައިގައި އެ އާއިލާގެ ދެ ވަކީލުން ކުއްލިއަކަށް ނުކުމެ ސަރުކާރާ ދެކޮޅު ވުމަކީ އޭގެ ބަދަލު ހިފުމަކަށް ވެސް ވެދާނެ އެވެ. ރާއްޖޭގެ ގާނޫނީ ވެށީގައި ހިނގައިގެން ދިޔަ ކިތަންމެ ކަމެއްގައި އެބޭފުޅުން މީގެ ކުރިން ހަނު ހުންނެވި އެވެ. އަދި މިފަހަރުގެ މި މައްސަލަ ގަނޑުގައި ވެސް، އާޒިމާ ޝަކޫރާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު، މުހައްމަދު ނަޝީދު ފަދަ ބޭފުޅުން ވެސް ތިއްބެވީ ހަނު އެވެ. ނަމަވެސް ޝާހީން ހަމީދާއި އެ އާއިލާއިން އެކުގައި ނުކުންނެވީ ކީއްވެ ހެއްޔެވެ؟

"އެއީ ހަމަ ކޮންމެވެސް ސިޔާސީ ސަބަބުތަކެއް ހުރީމާ ކަމަށް ވުން ކައިރީ. އެއީ އެބޭފުޅުން ރާއްޖޭގެ ގާނޫނީ ހަޔާތުގެ ކިތަންމެ މިފަދަ ކަމެއްގައި ހަނު ހުންނެވީ. އެކަމުގައި އެއްވެސް އެއްޗެއް ވިދާޅެއް ނުވޭ. ޝަރުއީ ދާއިރާއަށް ރައީސް ނަޝީދު އެކި ގޮތްގޮތުން ނާޖާއިޒު ނުފޫޒު ފޯރުވީ އިރުވެސް އެބޭފުޅުންނެއް އެއްޗެއް ވިދާޅެއް ނުވޭ،" ޝަރުއީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

ގާނޫނީ ގޮތުން ހިޔާލު ތަފާތުވުން ހުރި ކަމެއްގައި ވަކި ވަކީލުންތަކެއް އެކަން ހުއްޓުވަން ނުކުތުމަކީ އެންމެ ޒިންމާދާރު ގޮތް ބާއެވެ. ކަންތައްތައް ހަމަމަގަށް އެޅުވުމުގައި ގާނޫނުގެ ތެރެއިން ސަރުކާރަށް ބާރުތައް ލިބެން ޖެހޭ ކަމަށް ރައީސް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެބާރުތަކާ މެދު ސުވާލު އުފައްދަން ޖެހޭނީ ވެސް އެ ބާރެއް ދިނުމަށް ފަހު ސަރުކާރުން ގޯސް މަގަކުން ކަމެއް ކުރަމުން އަންނަ ކަމުގައި ވާނަމަ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެފަދަ ކަމެއް ހުއްޓުވަން ކޯޓުތަކަށް އެހާ އަވަހަށް ވަޑައިގަތުމަކީ ސިޔާސީ ބަދަލު ހިފުމަކަށް ވުރެ ބޮޑަށް ޒިންމާދާރު ކަމާ އެކު ކުރެވޭ ކަމެއް ހެއްޔެވެ؟ މިއީ އަސްލުވެސް އުފައްދަން ޖެހޭ ބޮޑު ސުވާލެކެވެ.

ރައީސް ނަޝީދުގެ ދުވަސްވަރު ޝަރުއީ ދާއިރާއާ ތޮޅެމުން ގޮސް، ގާޒީއެއް ހައްޔަރު ކުރުމާ ހަމައަށް ދަންދެން ފުންނާބު އުސް ގާނޫނީ ވަކީލުންގެ އެހީތެރިކަން ލިބުނީ ކިހާވަރަކަށް ހެއްޔެވެ؟ އެކަމަކު ބެންޗުން ދެ ފަނޑިޔާރެއް ވަކިކުރި ގޮތް ބާތިލް ކުރަން ވަކީލުންތަކެއް އުޅުއްވުމަކީ އަދި އެހެން މަންޒަރެއް ފެންނަ ކަމެކެވެ. ގާނޫނުތައް ހެދުމުގެ ފުރިހަމަ ބާރު މަޖިލީހަށް އޮންނަ އިރު އެ އިހުތިސާސުތަކަށް ބޭއިހުތިރާމް ކުރެވޭ ގޮތަށް އަދި ގާނޫނީ ވަކީލުން ކަންކުރެއްވުމަކީ ވެސް އެންމެ ބުއްދިވެރި ގޮތެއް ނޫނެވެ. ހައިކޯޓަށް ލީ މައްސަލަ ކޯޓަށް ބަލައި ނުގަނެ ފޮނުވާލަމުން ހައިކޯޓުން ބުނެފައި ވަނީ؛"އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލައަކަށް ވާއިރު އެ ކޯޓާ ގުޅޭގޮތުން މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި ނިންމުންތަކުގެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނަށް ރިއާޔަތް ކުރާއިރު ސުޕްރީމް ކޯޓަށް އެކަނި ބެލޭ ފަދަ ބާވަތުގެ މައްސަލައެއް ކަމަށް ބެލެވޭ،" ކަމަށެވެ.

އެކަމުން ވެސް އެނގެނީ އެ މައްސަލައިގައި ގާނޫނީ ހިލާފުވުންތަކެވެ. އެހެންކަމުން އެފަދަ މައްސަލައެއްގައި ވަކިކޮޅަކަށް ވަކީލުންތަކެއް ބުރަވެ ވަޑައިގަތުމަކީ އެހެން މާނައެއް އެކަމުން ދޭހަވެދާނެ ކަމެކެވެ. އެއީ ގާނޫނު އަސާސީގެ ދިފާއުގައި ނިކުތް ނުކުތުމަކަށް ވުރެ ބޮޑަށް ޒާތީ ނޫނީ ބަދަލު ހިފުމަށް ނިކުތް ނުކުތުމަކަށް ކަމަށް ވެދާނެ އެވެ. މިހާތަނަށް ރާއްޖޭގެ ސިޔާސީ ހަޔާތުން ފެނުނު ގާނޫނީ ބޮޑެތި ހަމަނުޖެހުންތަކުގައި ފުންނާބު އުސް ގާނޫނީ ވަކީލުން ވަކިކޮޅެއް ނެންގެވީ ހަގީގީ މައްސަލައަަކަށް ވުރެ ބޮޑަށް، އަމިއްލަ މަސްލަހަތުތަކެއް ހިމާޔަތް ކުރުމުގެ މިންގަނޑުން މައްސަލަ މިނެ ކިރައިގެން ކަމަށް ބުނުމުގެ ފުރުސަތު އޮތީ އެހެންވެ އެވެ.