ކުޅިވަރު

ރެއާލް މެޑްރިޑްގެ ރާޑަރަށް ހެރީ ކޭން އާއި ޑެލީ އަލީ

Oct 8, 2017

ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި، ފްރާންސްގެ ކިލިޔަން އެމްބަޕޭ ގެންނަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން، އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި، ވަރުގަދަ ތަރިއެއް ގެނައުމުގެ އަމާޒުގައި ރެއާލްގެ މެޑްރިޑުން ޓޯޓެންހަމްހޮސްޕާ އަށް ކުޅެމުންދާ ހެރީ ކޭން އާއި ޑެލީ އަލީ ގެނައުމަށް އަމާޒު ހިފައިފި އެވެ.

ރެއާލްގެ ސްކައުޓުން ގަބޫލު ކުރާ ގޮތުގައި، މިފަހަރު އެޓީމުން ސްޕަ ސްޓާރެއް ގެންނަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން އަންނަ ސިޒަންގައި، އެޓެކިން ޑިޕާޓްމެންޓް ވަރުގަދަ ކުރުމުގެ ގޮތުން، "ގެލެޓިކޯ" ގެ ތަރިއެއް ގެންނަން ޖެހެ އެވެ. ރެއާލްގެ އެޓޭކިންގައި ހިއްސާވާ އެންމެ މުހިންމު ތިން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިންގެ ފަރާތުން، މިސީޒަންގައި އެންމެ އެ ދެވޭ ކުޅުމެއް ނުދެއްކެ އެވެ. އެއީ ގެރެތު ބޭލް އާއި ކަރީމް ބެންޒެމާ އެވެ. މިހާރުވެސް އެ ދެ ކުޅުންތެރިން ތިބީ އަނިޔާގަ އެވެ.

ޓޮޓެންހަމް އާއި ރެއާލް މެޑްރިޑް މީގެ ކުރިންވެސް ވަނީ، ޓްރާންސްފާގެ އެއްބަސްވުންތަކެއް ހަދާފަ އެވެ. އެގޮތުން ރެއާލްގެ މެދުތެރޭގައި މިހާރު އެންމެ މުހިންމު ދައުރެއް އަދާ ކުރާ، ކޮރޭޝިއާގެ ލުކަ މޮޑްރިޗާއި، ބޭލް ގެނައީ ޓޮޓެންހަމް އަށް ކުޅެމުން ދަނިކޮށެވެ. އޭގެ ތެރެއިން ބޭލްއާ ގެނައުމަށް ވެވުނު އެއްބަސްވުމަކީ ދުނިޔޭގެ ރެކޯޑް އަގަކަށް ވެވުނު އެއްބަސްވުމެކެވެ.

ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖްގައި މިހަމު، ފަހު ކޮޅު، ރެއާލް އާއި ޓޮޓެންހަމް ވާދަ ކުރާނެ އެވެ. އެ މެޗުގައި ރެއާލްގެ ޑިފެންސަށް އެންމެ އުނދަގޫ ކުރާނެ ކަމަށް ބެލެވެނީ ވެސް އަލީ އާއި ކޭން އެވެ. އޭގެ ތެރެއިން ކޭން އަކީ، މި ސީޒަންގައި ކުޅުނު 10 މެޗުގައި 14 ލަނޑު ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔެ ކެވެ. އަލީ އަކީ ސެންޓަފޯވަޑަށް ބޯޅަ ފުރުސަތު ތަނަވަސް ކޮށްދިނުމުގައި މުހިންމު ކުޅުންތެރިޔެކެވެ.

ޑެލީ އަލީ ދަނީ އޭނާގެ މިހާރުގެ އެޖެންޓް ރޮބް ސީގަލްއާ އެކު ހަދާފައިވާ އެއްބަސްވުމުން ހަމަވުމުން އެޖެންޓް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން ނެވެ. އޭގެ ކުރިން ޓޮޓެންހަމްއިން ދަނީ އޭނާއާ އެކު ހަދާފައިވާ އެއްބަސްވުމަށް އަހަރެއް އިތުރުކުރުމަށް ތައްޔާރު ވަމުން ނެވެ.

މިދިޔަ އަހަރު ސްޕެޓެމްބަރު މަހު އަލީ ވަނީ ޓޮޓެންހަމްއާ އެކު ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާ އަށް މުސާރައިގެ ގޮތުގައި ހަފުތާ އަކު، 50000 ޕައުންޑް ލިބެ އެވެ. ޓޮޓެންހަމްއިން ދަނީ އޭނާ އަށް ހަފަުތާ އަކު 80000 ދޭ ގޮތަށް އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުަމަށް މަސައްކަތް ކުރަމުންނެވެ.

ކޭން ގެނައުމަކީ، ރެއާލް އަށް ފަސޭހަ ވާނެ ކަމެއް ނޫނެވެ. އެއީ މެންޗެސްޓާ ޔުނައިޓަޑުންވެސް، އޭނާ އަށް ޝައުގުވެރިކަން ފާޅު ކުރުމުން، އޭނާ ބަހައްޓަން ޓޮޓެންހަމްއިން އެޅި ފިޔަވަޅު ތަކުން ނެވެ. އޭނާގެ މުސާރަ ޓޮޓެންހަމްއިން ވަނީ ބޮޑުކޮށްފައެވެ. މިހާރު ކޭން މުސާރައަށް ހަފުތާ އަކު 100000 ޕައުންޑާ ގާތް ކުރާ އަދަދަކަށް ލިބެ އެވެ.