ވާހަކަ

މިންނުގެ ޑައިރީ

( 5 އޮކްޓޯބަރ 2017 އާ ގުޅޭ ) -- ހައިކަލް ބުނިގޮތުގައި އެރަތް ފިނިފެންމަލަކީ އެރޭ އޭނަގެ ހިތާ އެންމެ ކައިރީގައި އިންއެއްޗަށްވެފައި، އެނަގާ ދެވެން އޮތީމައެވެ. އެމާ އަހަންނަށް ހައިކަލް ދިނީ ވަރަށް ލޯބިން ކަމުގައި ބުންޏެވެ. މިފަހަރު ހޭން ފެށީ އަހަންނެވެ. އަޅެ ހައިކަލް މޮޔައެއްނޫންހެއްޔެވެ. އެމަލާ ހިތާ ހުރީ ކޮންގުޅުމެއްހެއްޔެވެ.

ދޮވެ ނިމުނު ތަށިތަކުގައި ފެންލާ، ސިންކުގެ އެއްފަރާތުގައި ބަހައްޓަމުން ދިޔައިރު ހައިކަލް ހުރި ތަނުން ގުޑާ ވެސް ނުލިއެވެ. އެއްފަރާތަށް ދޯޕަށްޓާގެ ދެކޮޅު ގެނެސް ގޮށްޖަހާލާފައި އޮތްއިރު ހައިކަލް ހުރީ އިސްޖަހާލައިގެން އަހަރެންގެ ދޯޕަށްޓާގެ ގޮށާ ކުޅެލަކުޅެލަ އެވެ. ދުރަށް ޖެހިލާން އޭނާ ހިތަށް ވެސް ނާރާ ކަހަލައެވެ. އެކަން އެވަރު ކަމަކަށް ނުހަދާ އަހަރެން ވާހަކަދެއްކީ ދެމެދަށް ވެރިވެފައި އޮތް ހިމޭންކަން ކަނޑުވާލުމަށެވެ. ހައިކަލް އެހާ ޒުވާން އުމުރުގައި "ބޮސް"އަކަށް ވާންޖެހުނީ ކިހިނެއްތޯ އަހަރެން ސުވާލު ކުރީމެވެ.

ހައިކަލް: "އެއީ ބޮޑު ވާހަކައެއް... ބައެއް ފަހަރު ހާލަތު ތިމާ ބޭނުންނުވާ އެތައްކަމެއް ކުރާން މަޖުބޫރުކުރޭ. އެކަން މިންނުއަށް އެނގޭތަ؟"

ލުއި ހީނލުމަކާއެކު އަހަރެން ނޫނެކޭ ބުނުލީ ދެފަރާތަށް ބޯތަޅުވާލަމުންނެވެ. އެއާއެކު އޭނާ އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.

ހައިކަލް: "މިއަދު އަހަރެން ހަވާލުވެގެން މި ހުރީ ބައްޕަގެ ކުންފުންޏާ. ބައްޕައާއި މަންމަ ދިމާވި އެކްސިޑެންޓެއްގައި ނިޔާވުމާއެކު ބައްޕަގެ ބިޒްނަސް ހޭންޑްލް ކުރަން އަހަރެން ނޫނީ އިތުރު މީހަކު ނެތް. އެ މީހުންގެ ހުރި ހަމައެކަނި ދަރިއަކީ އަހަރެން. އެހެންވެ ބޭރުގައި ކިޔަވަން ހުރެފައި ކުއްލިއަކަށް ރާއްޖެ ބަދަލުވާން ޖެހުނީ"

ހައިކަލްގެ ވާހަކަ ނުނިމެނީސް އަހަރެން އޭނާ ގާތުގައި އަހާލީ، މައިންބަފައިން ދުނިޔޭގައި ތިބިނަމަ ބައްޕަގެ ވިޔަފާރީގައި ހައިކަލް ބައިވެރިވުމުގެ ޝައުގުވެރިކަމެއް ނުހުންނާނެ ދޯ އެވެ. މަޢުނަވީ ހިނިތުންވުމެއް އަހަންނާ ނަޒަރު ހަމަކޮށްލުމާއެކު ހައިކަލް ބަދަލުކޮށްލިއެވެ. އަދި އަނެއްކާ ވެސް އޭނާ އިސްޖަހާލިއެވެ.

ހައިކަލް: "އަހަރެން ބިޒްނަސް ދާއިރާގައި އުޅޭ ހިތްވޭ. މަންމައާއި ބައްޕަގެ އެދެފި ކޮންމެ ކަމަކަށް އަހަރެން އާނއެކޭ ބުނާނަން. އެމީހުންގެ އެދުމެއް މިހާތަނަށް ފުރިހަމަނުކޮށްދީއެއް ނޯންނާނެ. އަހަންނަށް އެނގޭ އެ މީހުން އަހަރެންނާ މެދު ކުރާ އުންމީދުތައް. އެނީވޭސް... މިންނު ގާތުގައި ބުނެފާނަން... ވަރަށް އަވަހަށް އަހަރެންގެ އަމިއްލަ ބިޒްނަސްއެއް ފަށާނަން. ދުވަސްކޮޅެއް ވެއްޖެ އެކަމާ އުޅޭތާ. މަޑުމަޑުން އެކަން ކުރިއަށް ވެސް އެބަދޭ. އައި ލަވް ކާރސް... މިކޮޅުގައި ތަފާތު ވައްތަރުގެ ކާރުތައް ދުއްވާތީ އަދި ނުފެނެއެއްނު. އަހަރެން ބޭނުންވަނީ ސަޅި މޮޑެލްތަކުގެ ކާރު މިކޮޅަށް ގެންނަން. މިކޮޅުގައި އެސެމްބްލް ކުރާ ގޮތަށް"

ހައިކަލް އެންމެ ފަހުން އެ ދެއްކި ވާހަކަތަކުން އޭނާގެ މޫނުމަތިން އުންމީދުގެ އަސަރު ފާޅުވިއެވެ. ލުއި ހިނިތުންވުމެއް އެ ތުންފަތުގައި ވީތަން އަހަރެން ދުށީމެވެ. ހީވަނީ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް އޮތް ރާސްތާ ސާފުވެ ޔަގީންވެފައި ހުރި ހެނެވެ. އެ ހިނިތުންވުން ފެނި އަޖައިބެއް ކަހަލަ ހިތްހަމަޖެހުމެއް އަހަރެންގެ ހިތަށް ވެސް ވެރިވެގެން ދިޔަ ކަހަލައެވެ. އެއްފަރާތު ފާރުގައި އަޅުވާފައި އޮތް ތުވާލިކޮޅުން އަތް ފުހެލަން އުޅުނު ވަގުތު ފަންކާގެ ވަޔާ ހެދި އަހަރެން އަޅާފައި ހުރި ދޯޕައްޓާ ކުއްލިއަކަށް ވިހުރުވިގެންދިޔައެވެ. ދޯޕަށްޓާގެ ގޮށް ހައިކަލް މުހާލީއެވެ. ވާހަކައިގައި ހުރެ އޭނާ އެކަން ކުރީ ކޮންއިރަކު ކަމެއް އަހަންނަށް ވެސް ނޭނގުނީއެވެ. އަވަސް އަވަހަށް ތުވާލިކޮޅުން ދެ އަތް ފުހެލުމާއެކު ދޯޕަށްޓާގައި ހިފާ އަތުގެ ތެރެއަށް ބޮނޑިކޮށްލީމެވެ. ހައިކަލް ލާނެތް ގޮތަކަށް ހީނލިއެވެ. އަހަރެން ދެ ލޯ އަޅާލުމުން ކުރިއަށްވުރެ ބާރަށް އޭނާ ހޭންފެށިއެވެ. އެ ހުނުމާއެކު އަހަންނަށް ވެސް ހެވިއްޖެއެވެ.

ހައިކަލް: "އަހަރެން ވަދެގެން އައިއިރު އެންމެ ދެ ކޮޓަރި ފެންނާން ހުރީ. ކޮބާ އެތަނުން މިންނުގެ ކޮޓަރިއަކީ؟"

ދޯޕަށްޓާގެ ދެކޮޅު ގެނެސް އިހު ހުރިހެން ގޮށެއްޖަހާލުމާއެކު އަހަރެން ބަދިގެ ތެރެއިން ނުކުންނާން ހިނގައިގަތުމުން އަހަރެންގެ ފަހަތުން ހައިކަލް ވެސް އައެވެ. އޭނާ ކުރި ސުވާލަށް އަހަރެން ޖަވާބު ދެމުން ގޭގެ ބިއްދޮށް ފަރާތަށް އަތުން އިޝާރާތްކޮށްލާފައި އަހަރެންގެ ކޮޓަރި ހުންނާނީ އެ ފަރާތުގައޭ ބުނީމެވެ. އެއާއެކު އޭނާ ހިނގައިގަތީ ގޭގެ ބިއްދޮށަށް ނުކުމެގެން ހުރި ދޮރާ ދިމާއަށެވެ.

ހައިކަލް: "ކާކު ގަސް އިންދަނީ؟ މިންނުތަ؟"

އަހަރެން ހިނިތުންވެލަމުން އާނއެކޭ ބުނީމެވެ. ފެންނަ ފެނުމަށް ހައިކަލް ހީވަނީ ހިތްހެޔޮ ޒުވާނެއް ހެނެވެ. އެހެންނަމަވެސް އޭނާ ވަރަށް ސުވާލު ގިނައެވެ. ޚާއްޞަކޮށް އޭނާގެ ދެއަތަކީ ހިމޭނުން އޮންނަ އެއްޗެއް ނޫނެވެ. އަހަރެންގެ ދޯޕަށްޓާއަށް ދަމާލަފާނެއެވެ. ނޫނީ އޭގެ ކަންގަނޑާ ކުޅެލަފާނެއެވެ. އެހެންނޫނީ ވާހަކައެއް ބުނަމުން ކޮނޑުގައި ޖަހާލަފާނެއެވެ. އެ ހުރިހާ ހަރަކާތެއްގައި ގަސްދެއް އޮވެދާނޭ އަހަރެންގެ ޟަމީރު ނުބުނެއެވެ. ހައިކަލްއަށް އަހަރެން އިންދާފައި ހުރި ފިނިފެންމާ ގަސް ދެއްކީމެވެ. އެ ގަހުގައި އަދި މަލެއް ނާޅާކަމުގައި ބުނީމެވެ.

ހައިކަލް: "ގަހުގައި މާ ވެސް އަޅާނެ. އެ މާ ބިނދެލާނީ އަހަރެން އިނގޭ"

ހައިކަލް ބުނި އެއްޗެއްގެ މުރާދަށް ވިސްނާލުމެއްނެތި އަހަރެން ދެކޮޅު ހެދީމެވެ. އަހަރެންގެ ގަހެއްގައި އަޅާ މަލެއް ފުރަތަމަ ބިންނާނީ އަހަރެން ކަމުގައި ބުނީމެވެ. ނުވިސްނުނީ އަހަރެން އެހެން ބުނުމުން ހައިކަލް ހޭން ފެށީމައެވެ. އަހަރެންގެ ހުރިހާ ހަރަކާތެއް ހުއްޓުނީ ކުއްލިއަކަށް އަހަރެންގެ އަތުގައި ހައިކަލް ހިފީމައެވެ. އޭނާއާ ދިމާއަށް އަހަރެންގެ ދެ ކޮނޑުގައި ހިފާ އަނބުރާލިއެވެ. ހަތަރުކަޅި ބައްދަލުވި ހިނދު އޭނާގެ ދެ ލޮލުން އަހަންނަށް ސިފަކުރެވުނީ ބޭޤަރާރުކަމެވެ. އެއީ ދުލުން ބަޔާންކުރާން ފަސޭހަ އިހުސާސެއް ނޫނެވެ. ކަމަކަށް ބޭނުންވެފައިވާ މީހަކު ފަދައެވެ. އުނދަގޫކަމެއް މުޅި ނަފްސަށް ވެރިވެގެންދިޔައެވެ. ދެކޮނޑު ތަޅުވާލުމާއެކު ހައިކަލްގެ ދެއަތް ނައްޓުވާލަން އުޅުނީމެވެ. އެކަމަކު އޭނާ ހިފަހައްޓައިގެން ހުރީ އަހަރެންގެ އެ ފަދަ ހަރަކާތަކުން މިނިވަންވެވޭ ވަރަށްވުރެ ބާރަށެވެ. ވަގުތުން ހިތުގެ ތެޅުން އަވަސްވެއްޖެއެވެ. ހައިކަލްގެ މުލައްދަނޑީގައި ހިފާ ބާރުކޮށްލަމުން އަހަންނަށް ތަދުވެޔޭ، ދޫކޮށްލާށޭ ބުނީމެވެ. ސީދާ އަހަރެންގެ މޫނަށް ބަލަން ހުރެފައި ކުއްލިއަކަށް އަހަރެންގެ ދެކޮނޑުން ހައިކަލް ދޫކޮށްލައިފިއެވެ.

ހައިކަލް: "މިންނު! އަހަރެން ވާހަކައެއް ބުނަންވެފައި އެބައޮތް"

ހައިކަލް ވާހަކަދެއްކި ނަމަވެސް އެ އަޑު އަހާކަށް އަހަރެން ބޭނުމެއްނޫނެވެ. ދުއްވައިގަތީ ސިޓިންރޫމާ ދިމާއަށެވެ. ހައިކަލް ވެސް ފަހަތުން އައެވެ. އެ ފަދަ ގޮތަކަށް އަހަރެންގެ އަތުގައި ހިފުމުގެ ހައްޤު ހައިކަލްއަކަށް އަހަންނެއް ނުދެމެވެ. ލިބުނު ނުތަނަވަސްކަމާއެކު ވަރަށް ބޮޑަށް ހައިކަލްދެކެ ހިތްހަމަނުޖެހިއްޖެއެވެ.

ސިޓިންރޫމަށް ވަން ވަގުތު ހަފިއްތަ އޭނާގެ ކޮޓަރިން ނުކުންނަނީއެވެ. އޭނާ ދޮރުމަތީ މަޑުކޮށްލުމާއެކު އަހަންނަށް ބަލާލިއެވެ. އަހަރެންގެ ނަމުން ގޮވަމުން ހަލުވިކޮށް އައިސް ސިޓިންރޫމަށް ވަން ހައިކަލްއަށް ވެސް އޭނާ ބަލާލިއެވެ. ހަފިއްތަ ފެނުމުން އަހަރެން ވެސް ސިހުނީއެވެ. މިފަދަ ހާލަތަކާ ނުގުޅޭ ކަމެއްކަން މި ކުރެވުނީ އިހުސާސްވިއެވެ. ހަފިއްތަ ފެނުމުން ހައިކަލް ވެސް މަޑުޖެހިލިއެވެ. ހަފިއްތަ އަހަންނާއި ހައިކަލްއަށް ބަލަން ހުރި ގޮތުން ހީވަނީ އަހަރުމެން ދެމީހުންނާ މެދު ސުވާލުކުރާހެނެވެ. އެހެންވެ ހައިކަލްއަށް އިޝާރާތްކޮށްލާފައި އެއީ ޖައުބެގެ ބޮސް ކަމަށް ބުނީމެވެ. ހަފިއްތައަށް ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު ހައިކަލް އައިސް ސޯފާގައި އިށީނެވެ. ހައިކަލްއާ ދިމާއަށް ހަފިއްތަ ވަރަށް ބެލިއެވެ. އޭނާ ވެސް އައިސް ސޯފާގައި ހަމަޖެހިލުމާއެކު ހައިކަލްއާ ވާހަކަދައްކަން ފެށިއެވެ.

ޖައުބެ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި އަހަރެން އިންއިރު، އަހަންނާއި ހައިކަލްއާ ދެމީހުން އެކަކު އަނެކަކާ ވާހަކައެއް ނުދައްކަމެވެ. ނަމަވެސް ހަފިއްތަގެ ސުވާލުތައް ގިނަވިއެވެ. އޭނާ ހައިކަލްއާ ސުވާލުކުރާއިރު ހީވަނީ އޭނާގެ ހުރިހާ ކަމެއް އޮޅުންފިލުވަން ބޭނުންވެފައި އިން ހެނެވެ. ހައިކަލްއަކީ އަތުގައި ފައިސާ ހުރިމީހެއްކަން ހަފިއްތައަށް އެނގުނީއެވެ. އެހެންނޫންނަމަ އެ މީހަކަށް ބަލާވެސް ނުލީހެވެ. ބޭނުންނުވި ނަމަވެސް އަހަންނަށް އިނދެވުނީ މޫނު ކުނިކޮށްގެންނެވެ. އޭރު ވެސް ހައިކަލް ހިފިކަމުގެ އިހުސާސް ކަނާތު ކޮނޑުހުޅުގައި ހުއްޓެވެ. އަހަރެންގެ ސިކުނޑި ހަނދާންކޮށްދިނީ ޕާޓީގައި ހުރެފައި ހައިކަލް އަހަރެންގެ އަތުގައި ހިފިކަމެވެ. އެވެސް ހަމަ ހުރެފައި ކުއްލިއަކަށް އޭނާ ގެނައި ހަރަކާތެކެވެ. އޭރު އަހަރުމެން ދެމީހުންނަކީ ކާކުކަމެއް ވެސް ނޭނގެއެވެ. ހައިކަލްގެ ގަސްދާމެދު ވިސްނާން އަހަންނަށް މަޖުބޫރުވެއްޖެއެވެ. މާބުރެއްހެން ކައިރިން ނުފިލައިގެން އުޅޭންޖެހޭ ސަބަބެއް ތަޖުރިބާ މަދު އަހަރެންގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އެހެންވިޔަސް އޭނާއަކީ ސަމާލުވާންޖެހޭ ފަދަ ޒުވާނެކެވެ. ހައިކަލްއާ މާގިނައިން ވާހަކަދެއްކުމަކީ ރަނގަޅުކަމެއް ނޫނޭ އަހަރެންގެ ޟަމީރު ވެސް އެއްބަސްވިއެވެ. ޚިޔާލުތަކުން ބޭރުވެ އަހަރެން ހަފިއްތައަށް ގޮވާލީމެވެ. އަދި ޖައުބެ ނުކުންނަންދެން ހައިކަލްއާ ވާހަކަދައްކާލަން ހަފިއްތަ މަޑުކޮށްލައްޗޭ ބުނީމެވެ. ހަލުވިކޮށް އަހަރެންގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތީ ހަފިއްތަގެ ޖަވާބަކަށް މަޑުކުރުމެއްނެތިއެވެ. ހަމައެއާއެކު ހައިކަލް ފެންނަ ހިސާބުގައި އިންނަން ބޭނުންނުވެގެންނެވެ.

* * * *
ސޯފާއަށް ވެއްޓިގަނެގެން އޮތް ޒޭން ކުއްލިއަކަށް ތެދުވުމާއެކު ޔާނާ ޑައިރީ ކިޔުން ހުއްޓާލިއެވެ. ފުން ވިސްނުމެއްގައި ހުރި މީހަކު ފަދައިން އިސްތަށިގަނޑުގައި ޒޭން އަތްފުނާ އަޅާލިއެވެ. އަދި ހައިކަލްގެ އެނދުކައިރިއަށް މަޑުމަޑުން އައިސް ހުއްޓުނެވެ. ޒޭންގެ މޫނުން ފެންނަނީ ނުތަނަވަސް ކަމެވެ.

"ޒޭން" ހަރަކާތެއްނުކޮށް ޒޭން ހުންނާން ފެށުމުން ޔާނާ ގޮވާލިއެވެ. އެއާއެކު ޔާނާއާ ދިމާއަށް ޒޭން އެނބުރި ބަލާލިއެވެ. ބަހެއްނުބުނެ އެނބުރި އައިސް ޔާނާ ގާތު ސޯފާގައި އޮށޯތެވެ. ޔާނާގެ ފައިގާ ބޯއަޅާލައިގެންނެވެ.

"ޒޭން، ކިހިނެއްވީ؟ އިޒް ސަމްތިންގ ރޯންގ" ޒޭންގެ އެ ޢަމަލުގެ ސަބަބުން ހިތުގެ ހިނގުން އަވަސްވެފައިވާ ހާލުގައި ޔާނާ އަހާލިއެވެ.

"އެއީތަ ބައްޕައާއި ދޮންމަންމަ ދިމާވިގޮތަކީ، އެކަމަކު އޭރު ދޮންމަންމަ އުޅުނީ ކުއްޖަކާ ރައްޓެހިވެގެންނު، ކީއްވެބާ ބައްޕައާ ކައިވެނި ކުރީ" ވިސްނަން އޮވެ ޒޭން ވާހަކަދެއްކިއެވެ. އެއާއެކު ޔާނާއަށް ކޮންމެވެސް ވަރަކަށް ޒޭންގެ ހިތާއި ސިކުނޑީގެ ހާލު އެނގިއްޖެއެވެ.

"ވެދާނެ އެއްނު އަޒާންއާ ރުޅިވީކަމަށް. ދެން ފަހުން ޒޭންގެ ބައްޕައާ ގުޅުނީކަމަށް.... މި ޑައިރީގަ މިންނު ބުނެފައި އޮތް ގޮތުންވިއްޔާ އެ ހުރިހާ ކަމެއްވެސް އެކުރަނީ ހައިކަލް. ހީވަނީ ޒޭންގެ ބައްޕަ މިންނުދެކެ އޭރު ވެސް ލޯބިވާހެން" ޔާނާ އޭނައަށް ހީވާގޮތް ބުނެލިއެވެ.

"މިންނު...މިންނު... ބައްޕަ ހަމަ އޭނާ ޗޫޒް ކުރީބާ... ނުވާނެ އެހެނެއް. ޔާނާ! އިޓްސް ނޮޓް ޕޮސިބަލް. އެ ވާނީ ބައްޕައަކީ މުއްސަންޖެއްކަން އެނގުނީމާ އެކަމަށް ދަހިވެތިވެގެން ބައްޕަގެ ދިރިއުޅުމަށް އަންނާން ނިންމީކަމަށް" ޒޭން ވަރަށް ވިސްނަންއޮވެފައި ބުނެލިއެވެ.

"ސާބަސް ޒޭނަށް، ތިހާ ނެގެޓިވްކޮށް ނުވިސްނަބަލަ. ކިހިނެއްތަ އެނގެނީ އަޒާންއާއި މިންނުއާ ދެމީހުންގެ ދޭތެރޭ ބޮޑު މައްސަލައެއް ޖެހުނީ ނޫންކަމެއް. ނޫނީ އެ ދެމީހުންގެ ދެމެދަށްވަނީ ޒޭންގެ ބައްޕަކަމަށް ވެސް ވެދާނެއެއްނު" ޒޭންގެ ނިތްކުރީގައި އިނގިލިން ޖަހާލަމުން ޔާނާ ބުނެލިއެވެ. އަދި ޒޭންގެ ފަންއިސްތަށިގަނޑާ ކުޅެލިއެވެ.

"ސޮރީ އެހާ ނެގެޓިވް ވެވޭތީ. އެކަމަކު ޕޮޒިޓިވް އެއްވެސް ކަމެއް އެ އަންހެން މީހާގެ ނެތްއިރު ކިހިނެއް ރަނގަޅު ގޮތަކަށް ވިސްނާނީ. އައި ވޯންޓް ބްލީވް އިޓް... ބައްޕަ ނުވަންނާނެ ބައެއްގެ ދެމެދަކަށް. ބައްޕައަކީ އެކަހަލަ މީހެއްނޫން. ގޯސް މީހެކޭ މީހަކު ނުބުނާނެ... އަބަދުވެސް މީހުންނަށް ވަރަށް ރަނގަޅު ވާނެ... ވަރަށް ކެއަރ ކުރާނެ.... ދެޓްސް ވައި އައި ލަވްހިމް ސޯމަޗް" ޒޭން ބުނެލިއެވެ. އަދި ޔާނާ ގާތު ޑައިރީ ކިޔަން ފެށުމަށް އެދުނެވެ. ޒޭންގެ ވިސްނުން ހުރި ގޮތާ ޖަދަލުކުރާކަށް ޔާނާ ނޭދެއެވެ. އެހެންވެ ލުއި ހިނިތުންވުމެއް ޒޭންއަށް ހަދިޔާ ކުރުމަށްފަހު ޑައިރީ ކިޔަން ފެށިއެވެ.

* * * *
މިންނުގެ ޑައިރީ:
މިރެއަކީ ހަޔާތުގެ ޞޮފްޙާތަކުގައި ރަންއަކުރުން ފެވިގެންދިޔަ އުފާވެރި ރެއެކެވެ. އާ ތަޖުރިބާތަކުގެ ރެއެކެވެ. އަޒާންއާއެކު ހޭދަ ކުރެވުނު ކޮންމެ ވަގުތުކޮޅެއް އަހަރެންގެ ހިތުގައި ފޮރުވާލީމެވެ. މިރޭގެ ޚާއްޞަކަން ފެށުނީ އަހަރެން ގޮވައިގެން ފުރަތަމަ ފަހަރަށް އަޒާން ރެސްޓޯރެންޓަކަށް ދިޔަ ދިއުމުންނެވެ. އެތަނުގައި ތިބެ ހިތްފުރެންދެން ވާހަކަދެއްކީމެވެ. އަހަރުމެންގެ ޖޯޑަށް ހުއްޓެމުންދިޔަ ލޯތަކަށް މިރޭ އަހަރެންގެ އެއްވެސް ފަރުވާލެއްނެތެވެ. މީރުކައުމަކާއި ލޯބިވެތި ވަގުތުކޮޅަކަށްފަހު އަހަރެން ގެއަށް އައީ އަޒާންއާއެކު ސައިކަލުގައި މާލޭގެ އަޑިގުޑަން ގިނަ މަގުތަކުގައި ފިނިބުރުޖަހާ އުސޫލުން ދުއްވާލާފައެވެ. ބުނެދޭން ނޭނގުނަސް އަޒާން ވެސް އެހެން ރޭ ރޭއާ ތަފާތުހެން ހީވިއެވެ. ލޯބިވެތި ސަމާސާ ކުރުން ގިނައެވެ. ގޭ ކައިރީ ސައިކަލު މަޑުކޮށްލުމުން އަހަރެން ފޭބީމެވެ. އެއާއެކު ދެން ފެނުނީ ސައިކަލުގެ އިންޖީނު ނިއްވާލާފައި ހަރު ޖައްސާލަމުން ސައިކަލުން އަޒާން ފޭބިތަނެވެ. އަހަންނާއެކު ދޮރޯށި ދޮށަށް އަޒާން އައެވެ. ހުއްޓިލައިގެން ހުރީ ނުހަނު ގާތުގައެވެ. އެ ހިތާއި ސިކުނޑިގައިވަނީ ކީކޭކަން އެނގޭނެނަމައޭ އެވަގުތު ހިތަށް އެރިއެވެ. އަހަރެން ދޮރޯށި ހުޅުވާލީމެވެ. އެއާއެކު ގޭތެރެއަށް އަޒާން ބޯދިއްކޮށްލިއެވެ. އަދި އަހަރެންގެ އަތުގައި ހިފާލައިގެން ގޭތެރެއަށް ވަދެއްޖެއެވެ. ދޮރޯށިން އެތެރެއަށް ވަންނައިރު ވައަތްފަޅީގައި ހުންނަ ބޮޑު އަނބުގަހާ ދިމާއަށް އަހަރެން ގޮވައިގެން އަޒާން އައެވެ. ސިޓިންރޫމުގައި ދިއްލާފައި ހުރި ހޮޅިބުރީގެ އަލި ގޯތިތެރޭގެ ހުރިހާ ދިމާއަކަށް ނުފޯރައެވެ. އެހެންވެ އަނބުގަހާ ދިމާ އޮތީ އަނދިރިކޮށެވެ. އަނބުގަހާ ފާރާވީ ފަރާތުގައި އަޒާން ހުއްޓިލިއެވެ. އަހަރެންގެ ބުރަކަށި ގޮސް ޖެހުނީ އަނބުގަހުގައެވެ. އަޒާން ބަލަމުން ދިޔައީ މީގެ ކުރީން ދުވަހަކު ވެސް ނުބުނަލާ ފަދަ ގޮތަކަށެވެ. އަނދިރިކަމުގެ ތެރޭގައި ވެސް އެ ދެލޮލުގެ ދިހުން ގަދައެވެ. މަޑުމަޑުން އަހަރެންގެ ހަށިގަނޑުގައި އަޒާންގެ ހަށިގަނޑު ޖެހި ފިތެމުންދިޔައެވެ. ހަށިގަނޑުގެ ވިންދާއި ލޭދައުރުވުން އަވަސްވަމުންދިޔައިރު އަހަރެންގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުންދިޔައެވެ.

* * * *

"ޒޭން... ދިސް އިޒް ރިއަލީ ޕާސަނަލް..." މިންނުގެ ޑައިރީ ކިޔުން ހުއްޓާލުމާއެކު އޭގައި ލިޔެފައިވާ އެއްޗަކަށް އިޝާރާތްކޮށް ޔާނާ ބުނެލިއެވެ.

"އިޒް ދެޓް ސަމްތިންގ ނިއު... ލޯބިވެރިން އުޅޭ ގޮތަކަށްނޫންތަ އެ މީހުން އެ އުޅެނީ. ޔާން ކިޔާ ވާހަކަތަކުގައި ނުހުރޭތަ؟" ޒޭނަށް މާބޮޑު ކަމަކަށް ނުވިއެވެ.

"އެކަމަކު މީ ވާހަކަ ފޮތެއް ނޫނެއްނު. މީގެ މިވާ ހުރިހާކަމަކީ ހަޤީޤަތެއްނު. މީހެއް ހަޤީޤީ ދިރިއުޅުމެއްނު މީ. ޒޭންގެ ބައްޕަގެ ވައިފްއެއްނު މިންނުއަކީ" ޔާނާ ބުންޏެވެ. ނަމަވެސް އޭނާއަށް ވިސްނޭ ގޮތާއި ޒޭން ވިސްނާ ގޮތް ވަރަށް ތަފާތެވެ. މިންނުއަކީ ޒޭނަށް މުހިންމު މީހެއްނޫނެވެ. ވީއިރު މިންނުގެ ޑައިރީއަކީ އޭނާއަށް ވާހަކަ ފޮތެއް ކަހަލައެވެ.

"ޔާން! ޑައިރީއެއްގައި ޕާސަނަލް ކަންތައްތައް ހުންނާނެ. މި ޑައިރީ އޮތް ކޮޓަރިއަށް އަހަރެން ނޫން އެހެން މީހަކު ވަނުމުގެ ހުއްދަ ބައްޕަ ނުދޭ. ދެޓް މީންސް އަހަރެން މި ޑައިރީ ކިޔުމަކީ މައްސަލައެއްނޫނޭ. ޕްލީޒް ޔާން. އަހަންނަށް ވެސް އެނގޭ ޕާސަނަލް ވާހަކަތައްކަން އެކަމަކު މިހާރު ހުއްޓާލާކަށް އަހަރެން ބޭނުމެއްނޫން. ނިމެންދެން ކިޔަން އަހަރެން ބޭނުން" ޒޭންގެ ވާހަކައާ މެދު ޔާނާ ހިސާބަކަށް އެއްބަސްވިއެވެ. ޚުދު ޔާނާގެ ހިތުގައި ވެސް އެ ޑައިރީ ނިމޭންދެން ކިޔުމުގެ ޝައުގުވެރިކަންވަނީ އުފެދިފައެވެ. އެހެންވެ ޒޭން ބުނިހެން ކިތަންމެ ޒާތީ ކަންތައްތަކުގެ ވާހަކަ ހުރި ނަމަވެސް ކިޔަން ޔާނާ ނިންމިއެވެ. ލަދުން އިނދެގެންނެވެ.

* * * *
މިންނުގެ ޑައިރި: އެވަގުތު އެ ކުރެވެމުންދިޔަ އިހުސާސްތައް ތި އެކުވެރިޔާގެ ސަފުހާތަކުގައި މި މިންނުގެ ގަލަމުން ބަޔާން ކުރާނެ ފުރިހަމަ ބަސްކޮށާރެއް ނެތެވެ. އެއީ ހިތުގައި ބިންވަޅުނެގުނު އިހުސާސްތަކެކެވެ. ކޯތާފަތާއި ކަނދުރާއަށް އެޅެމުންދިޔަ އަޒާންގެ ހޫނު ނޭވާއިން އަހަރެންގެ މުޅިގައިން ހީބި ނަގައިގެން ދިޔައެވެ. ފިރިހެނަކު ބީހިފައިނުވާ އަހަރެންގެ ހަށިގަނޑުގެ ތެރޭ ކަރަންޓުގެ އޮއެވަރެއް ދައުރުވަމުންދިޔައެވެ. އަހަރެންގެ ހަށިގަނޑު ބާރަށް ހިފަހައްޓާލައިގެން އަޒާން ހުއްޓެވެ. އއޭރު ވެސް އަހަރެން ހުރީ ދެން ހަދަންވީ ކިހިނެއްކަމެއް ނޭނގިފައެވެ. އަހަރެންގެ ސިކުނޑި ވިސްނަން ވެސް ބޭނުންނުވާ ކަހަލައެވެ. ހިސސާބެއްގެ ޖެހިލުންވުމެއް ހުތުގައި ވިއެވެ. ނަމަވެސް އަހަރެންގެ ޟަމީރު އަޒާންއަށް ފުރިހަމައަށް އިތުބާރުކުރެއެވެ. (ނުނިމޭ)