ދުނިޔެ

ހަތް ލައްކަ ރޯހިންޔާ މީހުންނަށް އެއް ކޭމްޕް، މިއީ ނުރައްކާތެރި ކަމެއް

މިޔަންމާގެ ރާޚައިން ސްޓޭޓުގައި އެގައުމުގެ ސިފައިން ހިންގާ ޖަރީމާތަކުން ސަލާމަތްވާ އެ ސަރަހައްދު ދޫކޮށް ދިޔަ މީހުންގެ ތެރެއިން އަށް ލައްކަ އަށް ވުރެ ގިނަ މީހުން މިހާރު ތިބީ ބަންގްލަދޭޝްގައެވެ. އޭގެ ތެރެއިން ހަތް ލައްކައެއްހާ މީހުން ބޮޑު އެއް ކޭމްޕްގައި ގެންގުޅުމަށް ނިންމައި ބަންގްލަދޭޝް ސަރުކާރުން މިހާރު ވަނީ އެ ކޭމްޕްގެ މަސައްކަތް ފަށާފައެވެ.

ރޯހިންޔާ ރެފިއުޖީންގެ ކަންތައްތައް ބެލެހެއްޓުމުގައި ބަންގްލަދޭޝް ސަރުކާރަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުން އަންނަ އދ. އިން ބުނީ މިއީ ނުރައްކާތެރިކަމެެއް ކަމަށެވެ.

" ވަރަށް ކުޑަ ސަރަހައްދަކަށް މާ ގިނަ މީހުން ތޮއްޖެއްސީމާ، ހާއްސަކޮށް ފަސޭހައިން ބަލިތައް ޖެހޭ ފަދަ ހާލަތެއްގައިވާ މީހުން އެގޮތަށް ތޮއްޖެއްސީމާ އެއީ ވަރަށް ނުރައްކާތެރިކަމެއް. އޭރުން ގައިން ގަޔަށް އަރާ ބައްޔެއް ފެތުރޭ ނަމަ ވަރަށް ހަލުވިކޮށް އެބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާނެ،" ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަވާ އދ.ގެ ރެސިޑެންޓް ކޯޑިނޭޓާ ރޮބަޓް ވޮޓްކިންސް ވިދާޅުވި ކަމަށް ޑާކާ ޓްރައިބިއުން ނޫހުން ބުންޏެވެ.

އޭނާ ވިދާޅުވެފައި ވަނީ ބޮޑު އެއް ކޭމްޕްގެ ބަދަލުގައި ތަފާތު ގިނަ ކޭމްޕްތަކުގައި މީހުން ބޭތިއްބުމުން ސިއްހީ ކަންތައްތަކުގެ އިތުރުން ސަލާމަތީ ކަންތައްތައް ވެސް ބަލަހައްޓަން ފަސޭހަވާނެ ކަމަށެވެ.

ނަމަވެސް ގިނަ އަދަދެއްގެ ރޯހިންޔާ މީހުން ބެލެހެއްޓުމުގެ ބުރަ އުފުލަމުންދާ ބަންގްލަދޭޝް ސަރުކާރުން ނިންމީ މިޔަންމާއާ ގުޅޭ ސަރަހައްދީ ރޮނގުގަައިވާ ކޮކްސްބާޒާރުގެ ކައިރީގައިވާ ކޫޓޫޕަލޯން ނަމަކަށް ކިޔާ ސަރަހްދުގައިވާ ރެފިއުޖީން ކޭމްޕް ފުޅާކޮށް، ރޯހިންޔާ ދަރިކޮޅުގެ އެންމެން އެތަނުގައި ބޭތިއްބުމަށެވެ. އެކަމަށްޓަކައި މިހާރު އޮތް ކޭމްޕާ ޖެހިގެން އޮތް 3000 އޭކަރުގެ ބިމެއް މިހާރު ވަނީ ހާއްސަކޮށްފައެވެ.

ބޮޑު ކޭމްޕްގެ މަސައްކަތް ފަށަން ތައްޔާރުވި އިރު މިހާރުވެސް އެތަނުގައި 331000 ރޯހިންޔާ މީހުން އެބަ ތިއްބެވެ. އެމީހުން ތިބީ ވަގުތީ ހިޔާތަކުގައެވެ.

ބަންގްލަދޭޝް ސަރުކާރުން ބުނަނީ ވަކި ވަކި ކޭމްޕްތައް ހެދުމުން އެތަންތަނުގައި ހަނގުރާމަވެރިން ތަމްރީނުވުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށެވެ. އެހެންވީމާ އެފަދަ ކަންތައްތައް ހިނގިޔަ ނުދީ ބަލަހައްޓަން ފަސޭހަވާނީ ބޮޑު އެއް ކޭމްޕް ހެދުމުން ކަމަށް އެސަރުކާރުން ވަނީ ބުނެފައެވެ.