ދުނިޔެ

އެމެރިކާއަށް އަނެއްކާވެސް ތޫފާނެއް އަރައިފި

ހަރިކޭން ހާވީއާއި އާރމާ އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާ އެމެރިކާއަށް އަނެއްކާވެސް ތޫފާނެއް އަރައިފިއެވެ.

އެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓަރާ ހަވާލާދީ ބީބީސީން މިއަދު ބުނީ ' ހަރިކޭން ނޭޓް' ގެ ނަން ދީފައިވާ ތޫފާން އެރީ ލޫޒިއާނާ ސްޓޭޓްގަައިވާ މިސިސީޕީ ކޯރުގެ އަނގަމައްޗަށް ( ކޯރު ކަނޑާ ގުޅޭ ސަރަހައްދަށް) ކަމަށެވެ.

ސެފިރް ސިމްޕްސަން މިންގަނޑުން ބަލާއިރު ކެޓަގަރީ އެކަކަށް ފެތޭ އެތޫފާން އެމެރިކާއަށް އެރި އިރު ތޫފާނުގައި ވައި ޖެހެމުން ދިޔައީ ގަޑިއަކު 85 މޭލުގެ ބާރުމިނުގައެވެ.

ތޫފާން އެރުމާ ގުޅިގެން އެމެރިކާގެ ހަތަރު ސްޓޭޓެއްގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައެވެ. އެއީ ލޫޒިއާނާ، މިސިސީޕީ، އަލަބާމާ އަދި ފްލޮރިޑާގައެވެ. އޭގެ އިތުރުން ގަލްފު އޮފް މެކްސިކޯއާއި އެމެރިކާއާ ގުޅޭ ގަލްފް ކޯސްޓް ނަމަކަށް ކިޔާ އައްސޭރިއަށް ބޯޓުފަހަރު ވަނުން ވެސް ވަނީ މަނާކޮށްފައެވެ.

ތޫފާން ނޭަޓް އެމެރިކާއަށް އެރީ މެދުތެރޭ އެމެރިކާގެ ގައުމުތައް ކަމަށްވާ ނިކަރާގުއާ، ހޮންޑިއުރާސް އަދި ކޮސްޓާރިކާއަށް އެރުމަށް ފަހުގައެވެ. ތޫފާނުގައި ބޯކޮށް ވާރޭ ވެހި އެ ތިން ގައުމުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، 25 މީހުން މަރުވިއެވެ.

ކުރިން އެރި ދެ ތޫފާން ކަމަށްވާ ތޫފާން ހާވީއާއި އަރްމާގެ ސަބަބުން އެމެރިކާއިން 100 ވަރަކަށް މީހުން މަރުވިއެވެ. އަދި އެ ދެތޫފާނުގައި ލިބުނު ގެއްލުމުގެ އަގު ވަނީ 200 ބިލިޔަން ޑޮލަރަށް ވުރެ މަތިވެފައެވެ.